ކްލީނަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގާއި އެހެންފަރާތްތަކެއްގެ ބޮޑު ހަރަކާތެއް

ކިޔުމަށް ހޭދަވާނީ 2މ 9ސ
ކްލީނަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގާއި އެހެންފަރާތްތަކެއްގެ ބޮޑު ހަރަކާތެއް
އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން ދިރާގު، އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް މުވައްޒަފުންގެ ފަރާތުން ބޮޑު ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މިގޮތުން ހުޅުލޭ ހުޅަގު ފަރާތުގެ ތޮއްޓާއި ގޮޑިދޮށް ހިމެނޭގޮތަށް 1200 މީޓަރަށްވުރެ ދިގު ސަރަޙައްދެއްވަނީ ސާފުކޮށްފައެވެ.

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަދަ ބޮޑު ހަރަކާތެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ މޫދަށް އުކާލެވޭ ޕްލާސްޓިކު ކުނި، ތިމާވެށީގައި ހަލާކުނުވެ ހަރުލާފައި ހުންނަ ހުރުން ބައިވެރިންނަށް ތަޖުރިބާ ކުރެވި މުވައްޒަފުން ގުޅިގެން އެސަރަޙައްދު ސާފުކޮށް، މައްސަލައިގެ ބޮޑުކަން މުޖުތަމައުއަށް ތަސައްވަރު ކޮށްދިނު ކަމުގައެވެ.

މިއަދުގެ މި ހަރަކާތުގެ ތެރެއިން 1.5 ޓަނުގެ ކުނި ނަގާ، އަދި އެތަކެތި ކިރާލުމަށްފަހު ރިސައިކަލް ކުރުމަށް ޕާލޭ މޯލްޑިވްސް އާއި ހަވާލު ކުރެވުނު ކަމަށް ވެސް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

މިހަރަކާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު، އެމްއޭސީއެލް ގެ ޑެޕިއުޓީ ޗީފް އޮފިސަރ މުޙައްމަދު ނިޔާޒް އަދި ޕާލޭ މޯލްޑިވްސް ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހީނާ އަލީ ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެބޭފުޅުންނާއެކު މިހަރަކާތުގައި 200 އަށްވުރެ ގިނަ މުވައްޒަފުން ވެސް ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން ސެންޗޫރިއަން، ޑައިވަރސް ލޮޖް، މޫދު ބުޅާ، ޑައިވްޑެސްކް އަދި ޑައިވް ސްކޫލް ވޮލަންޓިއަރުން ވެސް ބައިވެރިވެފައިވެއެވެ.

ތިމާވެރި ރައްކާތެރި ކުރުމުގެ ގޮތުންނާއި އެއްފަހަރު ބޭނުންކޮށް އުލާލެވިފައިވާ ޕްލާސްޓިކް މަދުކުރުމަށް ދިރާގުގެ މުވައްފަޒުންނަށާއި މުޖުތަމައުއަށް ހޭލުންތެރިކަން އިތުރު ކުރުމަށް އެކުންފުނިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަމުގައި ޔުނައިޓެޑް ނޭޝަންސްގެ ސަސްޓައިނަބަލް ޑިވެލޮޕްމެންޓް ގޯލްސް، ލައިފް ބިލޯ ވޯޓަރ އަދި ރެސްޕޮންސިބަލް ކޮންސަމްޕްޝަން އަށް ދިރާގުން އެއްބާރުލުން ދެމުން ގެންދެއެވެ. އަދި ޕާލޭ މޯލްޑިވްސް އާއި ގުޅިގެން "ފޮ ދަ އޯޝަންސް" ގެ ދަށުން ދިރާގުން ދަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގު، އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާމެދު ވިސްނާ މިފަދަ ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމަށް އަމިއްލަ ހިތްވަރުލާ އަދި އެއްލާލާ ޕްލާސްޓިކް ވެސް އެއްލާލެވެނީ ކަނޑުތަކަށް ނުދާނޭ ގޮތަށްކަން ތިމާ ޔަގީން ކުރުމުގެ އާދަ އަށަގެނެވުމަށް ބާރު އެޅުން ކަމުގައި ދިރާގުން ބުނެފައިވެއެވެ.
މިއަދު އޮންލައިން