ސިވިލްސަރވަންޓުންނަށް މިސްކިތްތަކުގައި ފަތިސް ނަމާދުކުރަންޖެހޭ ޤާނޫނީ ލިޔުމެއްގައި އިންޑޮނޭސިއާގެ ޕަލެމްބަންގ ސިޓީގެ މޭޔަރ ހަރްނޯޖޯޔޯ ސޮއިކުރައްވައިފިއެވެ. މިލިޔުމަކީ ޤާނޫނަކަށް ވެގެންދާނެކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ތަރުޖަމާނު ވިދާޅުވީ މިފަދަ ފިޔަވަޅެއް އެޅީ ސިވިލް ސަރވަންޓުންގެ އަޚްލާޤާއި ސުލޫކީ ކަންކަމަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުމުގައެވެ. ސިވިލް ސަރވަންޓުންގެ ތެރޭގައި ތިބި އެހެން ދީންތަކުގެ މީހުންނަށް މި ޤާނޫނަށް އަމަލުކުރާކަށް ނުޖެހެއެވެ.
މިޤާނޫނާއި ޚިލާފްވާ މީހުން ވަޒީފާއިން ވަކިކުރަންޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށް ވެސް ތަރުޖމާނު ވަނީ ވިދާޅުވެފައެވެ.
"ބޭނުން ނެތްނަމަ ޤާނޫނަށް އަމަލު ނުކުރެވިދާނެ. ނަމަވެސް ވަޒީފާ ގެއްލުމުގެ ފުރުޞަތު އެބައޮތްކަން ހަނދާންކުރާތި" މޭޔަރ ވިދާޅުވެފައިވެއެވެ.
މިއީ ފަހުގެ ތާރީޚުގައި މުސްލިމް ޤައުމެއްގައި އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ. ބުރުނާއީގައި ހުކުރަށް ނުދާ ފިރިހެނުން ހޯދައި ޖަލަށް ލަމުން ގެންދާކަން ފާހަގަކުރެވެއެވެ.