ދިރާގު ރޯދްރޭސް މިފަހަރު ކުރިއަށް ގެންދާނި 'ޕްލާސްޓިކް ފްރީ" ކޮށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިއަދު ދިރާގު ހެޑް އޮފީހުގައި ނޫސްވެރިންނަށް ދިން ޕްރެސް ބްރީފިންގްއެއްގައި ދިރާގުގެ މާރކެޓިން ކޮމިއުނިކޭޝަންއިން މުހައްމަދު ހިސާން ވިދާޅުވީ މި އިވެންޓުގައި ޕްލާސްޓިކް ފުޅިފަދަ ތަކެތި ބޭނުން ކުރަން ބާރު ނާޅާނެ ކަމަށެވެ. އަދި މިއީ 100 ޕަސެންޓް ޕްލާސްޓިކް ފްރި އިވެންޓެއް ކަމަށެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ، ކިލޯމީޓާރ ވޯޓާރ ސްޓޭޗަން ތަކުގައި ވެސް ބަހައްޓާފައި ވަނީ ކަރުދާސް ފެންބޯ ތަށި ކަމަށެވެ. މިއަހަރުގެ ދިރާގު ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 2 ވާ ހުކުރު ދުވަހުއެވެ. ރޭސް ފެށޭ ގަޑިއެއްގެ ގޮތުގައި ދިރާގުން ހަމަޖައްސާފައި ވަނީ އެދުވަހު ހަވީރު 04 ގަޑި 15 އެވެ.
ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދުން މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވާއިރު، މި އިވެންޓުގައި 4000 ދުވުންތެރިން ބައިވެރިވާނެ ކަމަށް ދިރާގުން އުންމީދު ކުރެއެވެ. ފުރަތަމަ ދިރާގުން ރޯޑް ރޭހެއް ބާއްވާފައިވަނީ މީގެ 11 އަހަރު ކުރިން 2007 ވަނަ އަހަރުއެވެ. އަދި މިއީ މެދުނުކެނޑި މި އިވެންޓު ކުރިއަށްދާނެ 12 ވަނަ އަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ދުވުންތެރިންނަށް ޓީޝާރޓްގެ އިތުރުން، ހާއްސަ ދަބަހެއްވެސް މިފަހަރު ދިރާގުން ދެއެވެ. މީގެ ބޭނުމަކީ ފެންފުޅި ފަދަ ތަކެތި އުފުލުމަށް ލުޔެއް ހޯދައި ދިނުމެވެ. ދުވުންތެރިން ރަޖެސްޓާރ ކުރުމުގެ އިތުރުން ބިބް ދޫކުރުން ހާއްސަ އެކްސްޕޯއެއްގެ ތެރޭން، ވިލިމާލޭ ޓާމިނަލް ކައިރީގައި ހުންނަ ދިރާގު ހެޑް އޮފީހުގައި މިހާރު ކުރިއަށް އެބަދެއެވެ. ދިރާގުން ބުނާގޮތުގައި އަހަރަކަށް ފަހު، އަހަރެެއްގައި މި އިވެންޓުގެ ބައިވެރިންގެ އަދަދު އިތުރުވެއެވެ.