ލަންޑަން: ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިންތަކަކަށް ޖިންސީ ގޮތުން ފުރައްސާރަ ކޮށްގެން ބްރިޓެނުން 20 ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް މިމީހުންވަނީ 15 އަންހެން ކުއްޖަކު 120 އަށްވުރެ ގިނަ ފަހަރަށް ރޭޕްކޮށްފައެވެ. ހައްޔަރު ކުރި 20 މީހުންގެ ތެރެއިން 16 މީހުންނަށް ފަސް އަހަރާއި 18 އަހަރާއު ދެމެދުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު ބާކީ ތިބި ހަތަރު މީހުންނަށް އަންނަ މަހު ހުކުމް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
"އެމީހުން އެފާހިޝް އަމަލު ހިންގުމަށް ގަސްތުގައި ޓާގެތު ކޮށްފައިވަނީ ޖިސްމާނީގޮތުން ތަންކޮޅެއް ނިކަމެތިކޮށް ތިބި ކުދިންނަށާއި 18 އަހަރު ނުފުރޭ ކުޑަކުދިންނަށް" ދަ ކްރައުން ޕްރޮސެކިއުޝަން ސާވިސް ގެ ޕްރޮސެކިއުޓާ މައިކަލް ކުއިން ބުނެފައިވެއެވެ.
"ތަހުގީގުތަކުން އެނގުނު ގޮތުގައި ރޭޕް ކުރި އަންހެން ކުދިންނަށް އެމީހުން ވަނީ މަސްތުވާ ކަހަލަ ބޭހެއް ކާންދީ، ބިރުވެސް ދައްކާފަ" ކުއިން އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.
ރޭޕް ކުރުމުގެ ތުހުމަތުގައި އެމައްސަލަ ބަލަން ފެށުމުން އެމީހުން ވަނީ ބްރިޓެނުން ފިލައިގެން ގޮސްފައެވެ. ނަމަވެސް ގިނަ ތަހުގީގުތަކަކަށްފަހު އެ 20 މީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރި ކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ. އެންމެ ފަހު މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު، އިންގްލެންޑްގެ ރޮދަރަމް ގައި ހުއްޓައެވެ.