ތުރުކީގައި ހުންނަ ސައުދީ ކޮންސިޔުލޭޓަށް ދިއުމުން މަރާލާފައިވާ ސައުދީ ސަރުކާރާއި ދެކޮޅު ސައުދީ ނޫސްވެރިޔާ ކަޝޯޤީގެ މަރާއިބެހޭ އެއްވެސް މައުލޫމާތެއް ސިއްރުނުކޮށް ހާމަކުރާނެ ކަމަށް ތުރުކީން ބުނެފިއެވެ.
ތުރުކީ ސަރުކާރުގެ ތަރުޖަމާނު މިއަދު ބުނީ މިކަމުގައި ހިމެނޭ މައުލޫމާތު ހާމަކުރުމަކީ ތުރުކީއަށް އަދާކުރަންޖެހޭ އަމާނާތެއް ކަމަށާއި އެ އަމާނާތް ތުރުކީން ފުރިހަމައަށް އަދާކުރާނެ ކަމަށެވެ. "ނަމަވެސް ހާމަކުރާނީ ޔަޤީން ކުރެވޭ މައުލޫމާތު."
ޑިޕޮލޮމެޓިކް އޮފީސްތަކަށް ވަދެ ތަޙްޤީޤް ކުރުމަކީ އދގެ ޗާޓަރުގައި މަނާ ކަމެއް ނަމަވެސް މައްސަލައިގެ ބާވަތުން ތުރުކީ ފުލުހުން ވަނީ ސައުދީ ކޮންސިޔުލޭޓަށް ވަދެ ބަލައި ފާސްކޮށްފައެވެ. އެހެންކަމުން އެކަށީގެންވާ މައުލޫމާތު ލިބިފައިވާނެ ކަމަށް ބެލެވެއެވެ.
ކަޝޯޤީ މަރައިލީ ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނުގެ އަމުރުފުޅަށް ކަމަށް ދެކެވޭ ވާހަކަތައް ސައުދީ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ކަޗޯޤީ މަރައިލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ 15 މީހުންގެތެރޭގައި މުޙައްމަދު ބިން ސަލްމާން އާއި ގާތް ގުޅުމެއް އޮންނަ 4 މީހަކު ހިމެނޭކަން ބޮޑެތި މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ވަގުތެއްގައި ސައުދިއަރަބިޔާއިން ކުއްލިއަކަށް އެމެރިކާއަށް 100 މިއަން ޑޮލަރުގެ ހަދިޔާއެއް ދިނުމުންވެސް ވަނީ ސުވާލުތައް އިތުރުވެފައެވެ.