ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް، އަންނަ ހޯމަ ދުވަހު

ކިޔުމަށް ހޭދަވާނީ 1މ 10ސ
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް، އަންނަ ހޯމަ ދުވަހު
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ކުންފުނި ދިރާގުން "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ގެ ނަމުގައި ފެސްޓިވަލެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނެފައިވަނީ 29 އޮކްޓޯބަރ 2018 ވަނަ ދުވަހު ހެންވޭރު ދަނޑުގައި ބޭއްވޭ މިފެސްޓިވަލް އޮންނާނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 ގެ ނިޔަލަށް ކަމަށެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވީ މިއަހަރުގެ މިފެސްޓިވަލުގައި ޖުމްލަ 11 ސްކޫލަކާއި ހަތަރު އެންޖީއޯ ބައިވެރިވެފައިވާ ކަމަށާއި މިފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ފެސްޓިވަލެއް ކަމަށެވެ.

"މިފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއްތާކުން އެހުރިހާ ކުދިންނަށް މަޖާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން. އެފަދަ ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރު ކުރުން" ބިޝާރާ ވިދާޅުވިއެވެ.

މީގެއިތުރުން، މިފެސްޓިވަލްގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކަށް ވެސް ބައިވެރި ވެވޭނެ ކަމަށާއި ވަނަވަނައަށް ދާ ކުދިންނަށް މެޑަލް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ޖުމްލަ 390 ކުދިން ބައިވެރިވާ މިފެސްޓިވަލްގައި ބެޓަން ރެލީ، އަދި ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.
މިއަދު އޮންލައިން