ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ ހިނގާލުން އަންނަ ހޮނިހިރު ދުވަހު ބާއްވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އެބޭންކުން ބުނީ މި ހިނގާލުން ބީއެމްއެލް ބްރާންޗު ހުންނަ 27 ރަށެއްގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ބައިވެރިވާން ރަޖިސްޓްރީވާންވެސް ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެ ހިނގުމަށް ހާއްސަކޮށްފައިވާ ޓީޝާޓު 150 ރުފިޔާ ހަދިޔާ ކުރައްވައިގެން ބައްލަވައިގަތުމަކީ އެ ބޭންކުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.
މި ޓީޝާޓު ލެކިއުޓް، ރެޕިއުޓް ފިހާރައިގެ އިތުރުން ދުވުން ބާއްވާ ރަށްރަށުން ލިބެން ހުރި އިރު، 2016 އިން ފެށިގެން ބާއްވަމުން އަންނަ މި ހިނގާލުމުގައި ވިއްކާ ޓީޝާޓުން ލިބޭ ހުރިހާ ފައިސާ ހަދިޔާކުރަނީ ކެންސަރ ސޮސައިޓީއަށެވެ.
މި ހިނގާލުން ކުރިއަށްދާ އިރު، އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމަށް މަޢުލޫމާތުތައް ފޯރުކޮށްދެއެވެ.