83% ކައިވެނި ރޫޅެނީ ފިރިހެނުންގެ ސަބަބުން - ފިރިން ހިލޭ އަންހެނުން ގާތަށް ދިއުމަކީ އަނބިންނަށް ވާރުތަކުރާ ކަމެއް!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
83% ކައިވެނި ރޫޅެނީ ފިރިހެނުންގެ ސަބަބުން - ފިރިން ހިލޭ އަންހެނުން ގާތަށް ދިއުމަކީ އަނބިންނަށް  ވާރުތަކުރާ ކަމެއް!: ދިރާސާ
ފިރިން ހިލޭ އަންހެނުން ގާތަށް ދިއުމަކީ އަނބިން އެމަގުން ހިނގުން ވާރުތަކުރާ ކަމެއްކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ޢަރަބި 3 ޤައުމެއްގައި ކޮންމެ ޤައުމަކުން 300 މައްސަލަ ދިރާސާ ކުރުމަށްފަހު ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ އަނބިން ހިލޭ ފިރިހެނުންނާއިއެކު ގުޅުން ބާއްވާނަމަ 99 އިންސައްތަ ފިރިހެނުން އެކަން ތަޙައްމަލުކޮށްގެން ނުތިބޭ ކަމަށާއި ވަރިކުރާ ކަމަށެވެ. ނަމަވެސް ފިރިން ހިލޭ އަންހެނުން ގާތަށް ދިއަ ނަމަވެސް 78 އިންސައްތަ އަންހެނުން މައްސަލަ ތަކާއިއެކު ދިރިއުޅެން މަސައްކަތް ކުރާ ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ އަންހެނުން ދަރިންނާއިމެދު ވިސްނާ މިންވަރު ބޮޑުވުމާއި 2 ވަނަ ކައިވެންޏެއް ކުރަން، ޚާއްޞަކޮށް ދަރިން ލިބިފައިވާނަމަ ހުރަސްތައް ހުންނަ ކަމެވެ. އަދި 2 ވަނަ ކައިވެންޏެއް ކުރަން ޢާއިލީ ހުރަސްތައް ވެސް ހުންނަ ކަމަށާއި ގިނަ އަދަދެއްގެ އަންހެނުން 2 ވަނަ ކައިވެންޏެއް ކުރަން ލަދުވެސް ގަންނަ ކަމަށެވެ.

މީގެ އިތުރުން ދަރިން ތިބިނަމަ އެ ދަރިން ބަލަން ކުރަންޖެހޭ ޚަރަދު ވަރިކުރުމަށްފަހު ނުދީފި ނަމަ ދަރިން ބެލޭނެ މާލީ ޤާބިލުކަން ނެތުން ވެސް ގިނަ އަދަދެއްގެ އަންހެނުން ފާހަގަކުރާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. "އެޙާލަތުގައި ދަރިންނަށް ލިބޭނެ ނިކަމެތި ކަމަށް ބަލައި އަންހެނުން ދަރިންނަށްޓަކައި ޤްރްބާންވަނީ."

ރިޕޯޓުގައި ބުނެފައިވަނީ އެހެން ގޮތެއް ނެތުމުން ކެތްތެރިވެގެން ތިބި ނަމަވެސް ފިރިން ހިލޭ އަންހެނުން ގާތަށް ދާނަމަ "ވަރަށް" ގިނަ އަދަދެއްގެ އަންހެނުން "މަގުން ކައްސާލައި" ވަފާތެރިކަން ދޫކޮށްލާ ކަމަށެވެ. އަދި "ވަރަށް" ގިނަ އަދަދެއްގެ އަންހެނުން ފިރިންގެ ޢަމަލު ކޮޕީކޮށް ފިރިމީހާ އުޅޭ ގޮތަށް އުޅެންފަށާކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ މިއީ ކިތަންމެ ދެރަ ކަމެއް ނަމަވެސް އެކަން އަނބިންނަށް "ވާރުތަވަނީ" ކަމަށާއި އެކަން ހުއްޓުވުމުގެ ބާރު ލިބިގެންވަނީ ފިރިންނަށް ކަންވެސް ފާހަގަކުރާ ކަމަށެވެ.

އަނބިން ހިލޭ ފިރިހެނުންނާއި ގުޅުމުން ނުވަތަ އިތުރު ލޯބިވެރިއަކު ހޯދުމުގެ ސަބަބުން ރޫޅޭ ކައިވެނީގެ ނިޞްބަތަކީ 17 އިންސައްތަ ކަމަށާއި 83 އިންސައްތަ ކައިވެނި ރޫޅެނީ ފިރިހެނުން އިތުރު ބައިވެރިއަކާއި ގުޅުމުގެ މައްސަލައިގައި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން