ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލަށް ދިޔަ ޕޮލިސް ޓީމު ބަލިކޮށް ވީއޭއެމް ކަޕްގެ ތަށި ސިފައިން އުފުލާލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސިފައިން ކާމިޔާބުކުރީ 2-3 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ސެޓުގެ އަޙްމަދު ޢަބްދުލްކަރީމް (ލޯންގޭ) އާއި ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ވަސީމްގެ އެޓޭކުތަކާއެކު އެ ސެޓު ސިފައިން ގެންދިޔައީ 25-17 އިންނެވެ.
ފުރަތަމަ ސެޓު ސިފައިންގެ ކޮޅަށް ބުރަވުމުން ދެވަނަ ސެޓުގައި ޕޮލިހުން ވަނީ ކުޅުން ވަރުގަދަކޮށް ބޯޑު ލީޑެއް ނަގާފައެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 17-25 އިންނެވެ.
ތިން ވަނަ އަދި 4 ވަނަ ސެޓުގައިވެސް ދެޓީމުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު، ތިންވަނަ ސެޓު ސިފައިން ކާމިޔާބުކުރީ 29-27 އިންނެވެ. އަދި 4ަވަނަ ސެޓު ހިތްވަރާއެކު ކުޅެމުންދިޔަ ޕޮލިހުން ގެންދިޔައީ 22-25 އިންނެވެ.
މެޗުގެ ނަތީޖާ ހޯދުމަށް ކުޅުނު 5 ވަނަ ސެޓު ސިފައިން ގެންދިޔައީ 15-7 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ލޯންގޭ އެވެ. އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދީ ސިފައިންގެ މުމްތާޒް އެވެ.
މުބާރާތުގެ ޑްރީމް ޓީމަށް ހޮވުނީ ޕޮލިހުގެ ހުޒާންޓެ، ޝުވައިބު އަބްދުއްލަތީފް، މުހައްމަދު ނައީމް، ސިފައިންގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ސައީދު (ސޭންޑީ)، ލޯންގޭ އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުޅުމާލެގެ ރައްޒާން އެވެ. ފެއާރ ޕްލޭ ޓީމަކީ ޕޮލިސް ޓީމެކެވެ.