ދޮންފަނު އިންވިޓޭޝަން ކަޕް 8 ޓީމާއެކު ޑިސެމްބަރ 1ގައި ފަށަނީ

ކިޔުމަށް ހޭދަވާނީ 1މ 27ސ
ދޮންފަނު އިންވިޓޭޝަން ކަޕް 8 ޓީމާއެކު ޑިސެމްބަރ 1ގައި ފަށަނީ
މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) ދޮންފަނުގައި ބާއްވަމުން އަންނަ ' ދޮންފަނު އިންވިޓޭޝަނަލް ކަޕް' ގައި މިއަހަރު 8 ޓީމު ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ޑިސެމްބަރ 1ގައި ފެށުމަށް ތާވަލުކޮށްފައިވާ ކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ބުނެފިއެވެ.

އެ ޖަމިއްޔާ އިން ބުނީ އެ އަތޮޅުގެ ޒުވާނުންގެ ތެރެއިން 23 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ފައިބެއަހަރުގެ ޗެމްޕިއަން ގޮއިދޫއާއި ރަނަރ-އަޕް އޭދަފުށި، ކިހާދޫ، ދަރަވަންދޫ، ކަމަދޫ، ކުޑަރިކިލު، މާޅޮސް އަދި މުބާރާތް ބާއްވާ ދޮންފަނުން ކަމަށެވެ.

ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ތިންވަނަ މުބާރާތުގައި ކުޑަރިކިލާއި ކަމަދޫ އަދި މާޅޮސް ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

ދޮންފަނު ޒުވާނުންގެ ރޫހުން ބުނީ މިއަހަރުގެ މުބާރާތަށް އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިހާރު ކުރިއަށްދަނީ ސްޕޮންސަރ ހޯދުމާ މުބާރާތުގައި ރެފްރީންގެ ގޮތުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގެ މަސައްކަތްކަމަށެވެ.

ފައިބެއަހަރުގެ މުބާރާތުގައި ބައިވެރިވީ 5 ޓީމު ވާދަކުރި އިރު، މިއަހަރު އިތުރު ޓީމުތަކުން ބައިވެރިވުމަކީ މުބާރާތާމެދު އަތޮޅުތެރޭގައި އޮތް އިތުބާރާއި ޒުވާން ކުޅުންތެރިން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ދޮންފަނު ޒުވާނުންގެ ރޫޙުން ބުންޏެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ޒުވާން ކުޅުންތެރިން ބިނާކޮށް، ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުން ހިމެނެއެވެ. އަދި އަތޮޅުގައި ތިބި ޒުވާން އަދި އިހުގެ ފުޓްބޯޅަ ކުޅުންތެރިން އެއްމާޙައުލަކުން ބައްދަލުކޮށްލުމާއެކު، އިހުގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުންވެސް ހިމެނެއެވެ.
މިއަދު އޮންލައިން