ކޮރަޕްޝަންގެ ތުހުމަތުގައި ޚާލިދާ ޒިއާ އިތުރު 7 އަހަރަށް ޖަލަށް!

ކިޔުމަށް ހޭދަވާނީ 1މ 21ސ
ކޮރަޕްޝަންގެ ތުހުމަތުގައި ޚާލިދާ ޒިއާ އިތުރު 7 އަހަރަށް ޖަލަށް!
ޑާކާ: ބަންގްލަދޭޝް ގެ ކުރީގެ ބޮޑު ވަޒީރު ބޭގަމް ޚާލިދާ ޒިއާ، ކޮރަޕްޝަންގެ ތުހުމަތުގައި އިތުރުހަތް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ބަންގްލަދޭޝް ގެ ކޯޓަކުން މިއަދު އުމުރުން 73 އަހަރުގެ ޚާލިދާ ޒިއާގެ މައްޗަށް އިއްވި ޖަލު ހުކުމަކީ، ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން އިއްވި ހުކުމެއް ކަމަށް އޭނާގެ ބައެއް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ޚާލިދާ ޒިއާ އަށް މިއަހަރުގެ ކުރީކޮޅުގައި ވެސް ވަނީ ތަފާތު އެކިއެކި ވައްކަމާއި ފަސާދައިގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރަށް އިއްވި މިހުކުމުގެ ސަބަބުން، އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އެތައްހާސް ސަޕޯޓަރުންނަކާއި އެޤައުމުގެ ފުލުހުންނާއި ދެމެދު ވަނީ ހަމަނުޖެހުންތަކެއް ފެށިފައެވެ. ބީއެންޕީ އަކީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުންނަވައިގެން ވެސް ޚާލިދާ ޒިއާގެ ލީޑާޝިޕްގެ ދަށުން ހިންގަވާ ޕާޓީއެކެވެ.

މިއަދުގެ ޝަރީއަތުގެ ރިޔާސަތުގައި އިންނެވި ގާޒީ މުޙައްމަދު އަޚްތަރުއްޒްމާން ވިދާޅުވީ، 31.5 މިލިއަން ޓާކާ (375،000 ޑޮލަރު) ގެ ކޮރަޕްޝަނެއް ބޭގަމް ޚާލިދާ ޒިއާ ހިންގެވިކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށާއި އެހެންކަމުން އެކުށުގައި ޚާލިދާ ޒިއާ ހަތް އަހަރަށް ޖަލަށްލާން ހުކުމް ކުރައްވާ ކަމަށެވެ.

އިދިކޮޅު ލީޑަރުގެ މައްޗަށް އިއްވި މިހުކުމުގެ ސަބަބުން، މިއަހަރުގެ ޑިސެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ އާންމު އިންތިހާބުގައި ބީއެންޕީ ގެ ފަރާތުން ވާދަ ކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ބުނެ އެޕާޓީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު އޮންލައިން