މީދޫ ޖޫނިއަރ ފުޓްބޯލް ޗެލެންޖު އަންނަ މަހު ބާއްވަނީ

ކިޔުމަށް ހޭދަވާނީ 1މ 29ސ
މީދޫ ޖޫނިއަރ ފުޓްބޯލް ޗެލެންޖު އަންނަ މަހު ބާއްވަނީ
ރ. އަތޮޅު މީދޫގައި ބާއްވަމުން އަންނަ މީދޫ ޖޫނިއަރ ފުޓްބޯލް ޗެލެންޖު އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

އެރަށު އަލްމަރްޙޫމް ސަޢީދު މުޙައްމަދުގެ ހަނދާނުގައި އޭނާގެ ޢާއިލާގެ ފަރާތުން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވ.

ޢާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ މިއަހަރުގެ މުބާރާތް އޮންނާނީ ނޮވެމްބަރ މަހުގެ 4 ން 10އަށް ކަމަށާއި ބައިވެރިވުމަށް އެދޭ ފޯމް މީދޫ ’ރަތްދަޅަގެ‘ އިން ލިބެން ހުންނާނެ ކަމަށެވެ.

13 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ކުޅިވަރުގެ ތެރެއިން ރިވެތި އަޚްލާޤާއި އިޖުތިމާޢީ ރޫޙާއި އިސްވެ ހަރަކާތްތެރިވުން ދަސްކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. އަދި ކުޅިވަރުގެ ނަމޫނާ ސިފަތައް އެކުދިންގެ ކިބައިގާ އަށަގަންނުވައި، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަކީވެސް މުބާރާތް ބޭއްވުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.

ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭ ގޮތަށް ބާއްވަމުން އަންނަ މި މުބާރާތް މިއަހަރުވެސް އިންތިޒާމުކުރާނީ އެގޮތަށް ކަމަށާއި ކޮންމެ އަހަރެއްގެ މުބާރާތަށްވެސް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބޭ ކަމަށްވެސް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

"ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭ. ޚާއްޞަކޮށް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. މިއީ ހަނދާނުން ފިލާނެ ކަމެއް ނޫން. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތަކުން ބުންޏެވެ.

އޭނާ އިތުރަސް ބުނީ މިއަހަރުގެ މުބާރާތުގައިވެސް ފާއިތުވި އަހަރުތަކަށްވުރެ ދީލަތި އެހީތެރިކަމެއް އެފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުންވެސް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

މިއަދު އޮންލައިން