ދިއްދޫގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާކުރުމަށް އަންނަ އަހަރު ރަނުގެ ފުރުޞަތެއް!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ދިއްދޫގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާކުރުމަށް އަންނަ އަހަރު ރަނުގެ ފުރުޞަތެއް!

ހއ. ދިއްދޫގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާކުރުމަށް އަންނަ އަހަރު ރަނުގެ ފުރުޞަތެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިންމަވައިފިއެވެ.

 

އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ދެ ކްލަބަކަށް ދައުވަތު ދީގެން ދިއްދޫއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ދެ ކްލަބުން އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅުވާގޮތަށް ވަނީ ނިންމާފައެވެ.

 

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އިންތިޚާބުވެވަޑައިގެންނެވުމަށްފަހު، ދައުރުގެ ކޮންމެ އަހަރަކު މުބާރާތެއް ބާއްވަން ވެވަޑައިގެންނެވި ވަޢުދު މިއަހަރުގެ މުބާރާތާއެކު ދުއްދައިދެވޭ އިރު، އެކަން ފާހަގަކުރަން އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

 

1980ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާޢީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ލަޠީފުގެ މޭސްތިރިކަމުގެ ދަށުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ކުޅުވާފައެވެ. އަދި އެކަމުގެ ސަބަބުން ރަށުގެ ކުޅުންތެރިންނަށް ގިނަ ތަޖުރިބާތަކެއްވެސް ވަނީ ލިބިފައެވެ.

 

ލަތީފްގެ ދަޢުވަތަށް 2015 ވަނަ އަހަރު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ދިއްދޫ އަށާއި އެ އަތޮޅު ބައެއް ރަށަށް ޓުއަރއެއް ބާއްވާފައެވެ.

މިއަދު އޮންލައިން