މަރާއިމެދު ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ފޯރުކޮށްދޭން އުސްތާޛް މުޢްތަސިމް ޢަލް ޙަމީދީ ދެއްވި ޢިބްރަތްތެރި މެސެޖް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
މަރާއިމެދު ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ފޯރުކޮށްދޭން އުސްތާޛް މުޢްތަސިމް ޢަލް ޙަމީދީ ދެއްވި ޢިބްރަތްތެރި މެސެޖް!

މީސްތަކުންނޭވެ! މަރުވުމުގެ ވަގުތު އައިސް ޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް މަރުވާނެއެވެ. ކޮންމެވެސް ބައްޔެއްގައިވެސް މަރުވެދާނެއެވެ. އެއްވެސް ބައްޔެއް ނުޖެހި ވެސް މަރުވެދާނެއެވެ. އެކްސިޑެންޓެއްގައިވެސް މަރުވާދާނެއެވެ. އެއްވެސް ކަމެއް މެދުވެރި ނުވެވެސް މަރުވެދާނެއެވެ.  މަރުވާނީ އެމީހެއްގެ ނިމުން ﷲ ތައާލާ މިންވަރުފުޅު ކުރައްވަވާފައިވާ ގޮތަކަށެވެ. އެކަމަށް ބަދަލެއް ނުގެނެވޭނެއެވެ. 

މީހަކު މަރުވުމުން މިއަދު އެކަން މިއަޅުވަނީ ކޮންމެވެސް ބައްޔެއްގައެވެ. ނުވަތަ ހާދިސާއެއްގައެވެ. ނުވަތަ ހަމަލާއެއްގައެވެ! ނަމަވެސް އެއީ ޙަޤީޤީ ސަބަބެއް ނޫނެވެ. ޙަޤީޤީ ސަބަބަކީ އެމީހަކު މަރުވުމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ގޮތެވެ! ނަމަވެސް އަހަރެމެންނަށް އެކަން ޤަބޫލު މިކުރެވެނީ ހަޤީޤަތް ފުރޮޅާލައިގެންނެވެ! 

ބިރުގަންނަންވީ މަރުވެދާނެ ކަމަކަށް ނޫނެވެ. ބިރުގަންނަވީ މަރުވުމުން ޢާޚިރަތް ލިބޭނެ ކަމާއިމެދުގައެވެ. ނަރަކައިން ސަލާމަތްވެވޭނެ ކަމާއިމެދުގައެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވެދާނެ ކަމާއިމެދުގައެވެ. ނަމަވެސް މިއަދު މިފެންނަނީ އެންމެންވެސް މަރުވެދާނެތީ ބިރުން އުޅޭތަނެވެ! ކިތަންމެ ވަރަކަސް ބިރުން އުޅުނު ނަމަވެސް މަރުވާނެއެވެ.! 

ވީމާ ވިސްނަންވީ ދުނިޔޭގައި ހުރެ ހެޔޮ އަމަލުތައް ކުރުމަށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަށެވެ! އަބަދުވެސް ، ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ތައްޔާރަށް ހުންނާށެވެ! އެއިރުން މަރުވެދާނެތީ ބިރުން ތިބޭކަށް ނުޖެހޭނެއެވެ! 

މުސްލިމުންނަކީ މަރާލައިފާނެތީ ޖެހިލުންވާނެ ބައެއް ނޫނެވެ. މުސްލިމުންގެ އަދަދު އިންތިހާއަށް މަދުއިރުވެސް މުސްލިމުން ވަނީ ސާބިތުކަމާއިއެކު އެކަން ދުނިޔެއަށް ދައްކައިދީފައެވެ. 

ނަޖުދުގެ ލީޑަރު މާލިކް ބުނި ޢައުފު ހިމާޔަތް ދިނުމުން ނަޖުދު ކަރައަށް ދީނަށް ގޮވައިގޮވައިލެއްވެވުމަށް ފޮނުއްވެވި ކީރިތި ޤްރްއާން ހިތުދަސް 70 ބޭކަލުންގެ ތެރެއިން 69 ބޭކަލުން އެކުގައި ޝަހީދުކުރި ހާދިސާއަށް ބަލާށެވެ. އެހާދިސާގައި ފުރަތަމަ ޝަހީދުކޮށްލެވުނީ އަނަސް ބިން މާލިކްގެފާނުގެ ބޮޑުބޭބޭފުޅު ޙަރާން އިބްން މަލްހާންގެފާނެވެ. 

ބުރަކަށިފުޅުން ކޮއްޕައިލި ހަތިޔާރު ބަނޑުފުޅުން ނުކުމެ ލޯފޮދު އޮހޮރެމުންދިއައިރު ވިދާޅުވީ ކީކޭ ކަމަށްގެއްޔެވެ؟ "މާތް ﷲ ތިމަން ކަލޭގެފާނަށް ނަޞްރު ދެއްވަވައިފިއެވެ. ތިމަން ކަލޭގެފާނަށް ކާމިޔާބުވެއްޖެއެވެ." 

ރަސޫލް (ﷺ) އެ 70 ބޭކަލުން ނަޖުދުކަރައަށް ފޮނުއްވެވީ އެމީހުންގެ ލީޑަރު ހިމާޔަތް ދިނުމުންނެވެ. އެ ޤަބީލާގެ މީސްތަކުންނަށް އިސްލާމް ދީނަށް ގޮވައިލެއްވުމަށް ދައުވަތު ދެއްވެވުމުންނެވެ. ޙަރާން އިބްން މަލްހާން ޝަހީދުކޮށްލެވުނީ އެކަލޭގެފާނު ވަށައިލުމަށްފަހު އިސްލާމް ދީނުގެ މައުލޫމާތު ހާމަކުރައްވަން އެދުމުން އިސްލާމް ދީނުގެ މައުލޫމާތު ހާމަކުރައްވަވަމުން ގެންދަވަނިކޮށެވެ. މިއަށްވުރެ ވަކިން ފުރިހަމަ ޝަހީދަކީ ކޮބައިހެއްޔެވެ؟ ޝަހީދުކޮށްލެވުނު ވަގުތު އެވިދާޅުވި ބަސްފުޅަސްވުރެ ވަކިން ފުރިހަމަ ބަސްފުޅަކީ ކޮބައިހެއްޔެވެ؟ 

މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެއްވެސް ކުށެއް ނެތި މުސްލިމުންތައް އެގެންދަނީ ޝަހީދުކުރަމުންނެވެ. ނިޔުޒީލަންޑުގައި 50 މުސްލިމުން އެއްފަހަރާ ޝަހީދުކޮށްލީ މިސްކިތުގައި އަޅުކަމުގައި ތިއްބައެވެ. އަތުގައި އެއްވެސް ހަތިޔާރެއް ނެތް ބައަކަށް ހަތިޔާރުން ހަމަލާދީގެންނެވެ. 

މިއީ އަހަރެންގެ މެސެޖެވެ! މި މެސެޖް ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ފޯރުކޮށްދޭށެވެ! މި މެސެޖުން ކޮންމެ މުސްލިމަކަށްވެސް ފައިދާ ކުރާނެއެވެ! އިން ޝާ ﷲ

- އުސްތާޛް މުޢްތަސިމް ޢަލް ޙަމީދީގެ ދަރުސަކުން

މިއަދު އޮންލައިން