މިހާރަކަށް އައިސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވާކަމަށް ދުލުން ބުނަމުން ގިނަ ބައަކު ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ކުރެއެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. އަދި ބިރުވެތިވާންވެސް ޖެހޭނެ ކަމެކެވެ.
އެހެނީ ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހާ އަބަދުވެސް މަސައްކަތްކުރާނީ އެކަލާނގެ ރުހިވޮޑިގަތުން ތިމާއަށް އިތުރުކުރުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ހެޔޮ ޢަމަލުތައް ކުރުން ގިނަކޮށް އަދި ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި ކަންކަން ކުރުމުން ދުރުހެލިވީވަރަކުންނެވެ. ފާފަކުރަމުން ތިމާއަކީ ޝުކުރުވެރިވާ އަޅެއްކަމަށް ބުނުންވާނީ ހެދޭ ބޮޑު ދޮގަކަށެވެ.
މިފަދަ މީހުންނަކީ މުނާފިޤުންގެ ތެރޭގައި ހިމެނުން ގާތް ބައެކެވެ. އެއީ ބުނާ ބަހާއި ކުރާ ޢަމަލާއި ދިމާނުވާތީއެވެ! ވީމާ މިކަމަކީ ހަމަ ކޮންމެ މީހަކުވެސް ވިސްނައި ފިކުރުކުރުން ވަރަށް މުހިންމު ކަމެކެވެ.
އަމިއްލަ ދިރިއުޅުމުގައިވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ބައިވެރިޔާގާތު ބުނަނީ އިންތިހާއަށް ލޯބިވާކަމަށެވެ! ޢަމަލުން އެކަމެއް ނުދެއްކެއެވެ. ވަފާތެރިއެއް ނުވެވެއެވެ. އަޅައެއް ނުލެވެއެވެ. ސަމާލުކަމެއް ނުދެވެއެވެ! އެންމެ ކުޑަމިނުން އަދާކުރަންޖެހޭ ޒިންމާތައްވެސް އަދައެއް ނުކުރެވެއެވެ.
އެޙާލަތުގައި އއެވެވެނީ މުނާފިޤަކަށެވެ. އެހެނީ ޙަޤީޤީ ލޯބިވާނަމަ އެކަން ހާމަކުރާނީ ހަމައެކަނި ދުލަކުން ނޫނެވެ. ޢަމަލުންވެސް ހާމަކުރާނެއެވެ! ކުރާ ޢަމަލުތަކުން އެކަން ދައްކައިދޭނެއެވެ.
ކަންކަން މިފަދައިން ހުންނައިރު ދެން މިދައްކަނީ ދިރިއުޅުމުގައި ކުރިމަތިވާ ދަތިތަކުގެ ވާހަކަތަކެވެ. އާމްދަނީ ލިބުން މަދުވާ ވާހަކައެވެ. ޞިއްޙީ މައްސަލަތަކާއި އެނޫންވެސް ކަންކަމުގެ ވާހަކަތަކެވެ. ތިމާއަށް އަމަލުކުރެވޭ ގޮތާއިމެދު ވިސްނައެއް ނުލެވެއެވެ.
އާޚިރަތް ކާމިޔާބުކުރަން އެދޭނަމަވެސް އަދި އަމިއްލަ ދިރިއުޅުން ކާމިޔާބުކުރަން އެދޭނަމަވެސް ބަހާއި ޢަމަލު އެއްގޮތްކުރާށެވެ! މުނާފިޤުންގެ ސިފަތަކުން ދުރުހެލިވެ ހުރެ އެކަލާނގެ ރަޙްމަތަށް އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން