ހުއްދަ ނޫން މަގު ޚިޔާރުކުރުމަކީ ދަތިކަން އިތުރުވާނެ ކަމެއް- ޙައްލު އޮތީ ހަމަ އެކަނި ﷲ ތަޢާލާގެ ޙަޟްރަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހުއްދަ ނޫން މަގު ޚިޔާރުކުރުމަކީ ދަތިކަން އިތުރުވާނެ ކަމެއް- ޙައްލު އޮތީ ހަމަ އެކަނި ﷲ ތަޢާލާގެ ޙަޟްރަތުން!

އެއްވެސް މީހަކީ އަބަދު ހިތް ފުރިގެން ހުންނާނެ މީހެއް ނޫނެވެ. ފައިސާ އަތުގައި ނެތިގެން ދަތިވެފައި ހުރިނަމަ އެކަން އޮންނާނީ ތިމާއަށެވެ! ދަތިތައް އަބަދުވެސް ދާނީ  ކުރިމަތިވަމުންނެވެ! އަދި ލލުއިތައްވެސް ލިބެމުންނެވެ. 

މިއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ. އެހެންކަމުން މުސްލިމުންނަށް އޮތީ ކެތްތެރިވުމެވެ. ކެތްތެރިކަމާއިއެކު ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުވެ ހުރެ ދަތިކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމެވެ. އެކަންވެސް ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. 

މުސްލިމުންނަށް މިއަދު ދަތިތަކާއި ކުރިމަތިލާން ޖެހެމުން މިދަނީ ދަތިތައް ކުރިމަތިވުމުން ހައްލު ހޯދަން ކުރިއަ ދާން ޖެހޭ މަގު ދޫކޮށް އިތުރަށް ދަތިތައް ކުރިމަތިވާނެ މަގުތަކުން ކުރިއަށް ދާން މަސައްކަތްކުރެވޭތީއެވެ. ރަނގަޅަށް ވިސްނައިލާށެވެ! ކޮންމެ ނިޢްމަތެއް ލިބެނީވެސް އަދި ކޮންމެ ދަތިކަމެއް ކުރިމަތިވަނީވެސް އެކަމަކަށް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުންނެވެ. 

މުސްލިމުންނަށް އޮތީ ނިޢްމަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ހަމަ އެފަދައިން ދަތިކަމެއް ކުރިމަތިވި ނަމަވެސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ތަޤްވާވެރިކަން އިތުރުކުރުމެވެ. ވީމާ ކޮންމެ ޙާލަތެއްގައި ނަމަވެސް އޮތީ ތަޤްވާވެރިކަން އިތުރުކުރުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް މިއަދު މިވަނީ މިކަން ވަރަށް ބޮޑަށް އޮޅިފައެވެ. މާލީ ގޮތުން ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ދުއްވައިގަނެވެނީ ރިބާ ހިމެނޭ ގޮތަށް ފައިސާ ހޯދުމަށެވެ. ނޫން ނަމަ ކޮންމެވެސް މަކަރެއް ހަދައިގެން ފައިސާ ހޯދުމަށެވެ. ބައެއް މީހުންނަށް ވައްކަންވެސް ކުރެވެއެވެ. 

މިފަދަ ގޮތަކުން ފައިސާ ހޯދުމުން އެމީހެއްގެ ބޭނުން ވަގުތީ ގޮތުން ފުދިދާނެއެވެ. ނަމަވެސް ދާދި އަވަހަށް އެ ދަތިކަން އެނބުރި ތިމާ އާއި ދިމާއަށް އަންނާނެއެވެ. ލޯނު ނުދެއްކިގެން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. ވައްކަން ފަޅާއަރައިގެން ނުވަތަ ހެދި މަކަރު ބޭޒާރުވެގެން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. އަތުގައި އެވަގުތު ފައިސާ ނެތިގެން ކުރިމަތިވި މައްސަލަތަކަށްވުރެ މާ ބޮޑެތި މައްސަލަތަކާއި ދަތިތައް ކުރިމަތިވާނެއެވެ. ދަނީވެސް ކުރިމަތިވަމުންނެވެ. އެކަންވެސް އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. 

މީސްތަކުންނޭވެ! މި ދެއްކި ވާހަކަކޮޅާއިމެދު ފުންކޮށް ވިސްނައިލާށެވެ! އަދި ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކުރިއަރަން ޚިޔާލުކޮށް އެކަމަށް މަސައްކަތްކުރާށެވެ! ދަތިތައް ފިލުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން