ފާފަ ކުރަން ހިތަށް އެރުވުމަކީ އިބިލީސް ކުރާ ކަމެކެވެ. މިޒަމާނުގެ ޓެކްނޮލޮޖީން ބަލާނަމަ އެއީ މީހުންގެ ޝައުޤުވެރިކަން ހޯދަން ކުރާ އިޝްތިހާރެކެވެ. ރަނގަޅު ފެންވަރުގެ އިޝްތިހާރު ގިނަގިނައިން ފެންނަން ފެށުމުން އެ އެއްޗެއް ގަންނަ ހިތްޖެހޭ ފަދައިން ޝައިޠާނާގެ މިފަދަ ވަސްވާސްތަކުގެ ސަބަބުން ފާފަކުރުމަށް މީސްތަކުންގެ ޝައުޤުވެރިކަން އިތުރުވެ ފާފަކުރެވެއެވެ. ވީމާ މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ.
ފާފައެއް ކުރަން ހިތަށް އެރުމަކުން ޢަޛާބެއް ނުލިބޭނެއެވެ. ޢަޛާބް ލިބޭނީ ފާފަކުރުމުންނެވެ. އަދި ކީއްހެއްޔެވެ؟ ފާފަކުރަން ޝައިޠޯނާ ވަސްވާސް ދިނުމުން ﷲ ތަޢާލާއަށް ބިރުވެތިވެ އެފާފަ ނުކުރުމުން ޘަވާބު ދެއްވަވަތެވެ! އިން ޝާ ﷲ
ކަން މިހެން އޮތް ނަމަވެސް ފާފަކުރަން ގިނަގިނައިން ހިތަށް އަރާނަމަ އެއީ މައްސަލައެކެވެ. އެކަމަށް ﷲ ތައާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންވެސް ޖެހޭނެއެވެ. މިކަމުން އެނގެނީ ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭ މިންވަރެވެ.
ފާފައެއް ކުރަން ރޭވުމަށްފަހު ﷲ ތަޢާލާއަށް ބިރުން އެފާފައެއް ނުކުރިނަމަ، އެކަން ތަންފީޒު ނުކުރިނަމަ އެކަމަށް ޘަވާބު ދެއްވަވާކަން އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. މީގެ މާނައަކީ ފާފަކުރަން ގިނަގިނައިން ރާވާފައި އެކަން ތަންފީޒު ނުކުރުމެއް ނޫނެވެ. އެއީ ޘަވާބު ހޯދަން ކުރަން ޖެހޭ ކަމެއް ނޫނެވެ. ޘަވާބު ހޯދަން ކުރަންވީ ކަމަކީ ހެޔޮ އަމަލުތައް ކުރަން ގިނަގިނައިން ރާވައި އެ އަމަލުތައް ކުރުމެވެ. ހެޔޮ އަމަލުތައް ކުރުން ވީހައި ގިނަކޮށް އެކަމުގެ މަތީގައި ދެމިހުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން