ހުރި ދަތިތަކާ ކަންބޮޑުވުންތަކާއެކުވެސް އުފަލުގައި ނިދައިލެވޭ މީހަކަށް ވެވިދާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހުރި ދަތިތަކާ ކަންބޮޑުވުންތަކާއެކުވެސް އުފަލުގައި ނިދައިލެވޭ މީހަކަށް ވެވިދާނެ މަގު-

ދުނިޔޭގައި އަހަރެމެން މިތިބެނީ ﷲ ތަޢާލާ ދުނިޔޭގައި ލެއްވެވުމުންނެވެ. އެކަލާނގެ ކަނޑައަޅުއްވަވާފައިވާ މުއްދަތަކަށެވެ. ކަންކަން ހިނގާނީ އިރާދަ ކުރައްވަވާ ގޮތަކަށެވެ. ތިމާ ކިތަންމެ ބޭނުންވި ނަމަވެސް ކަންކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ.

ވީމާ ދުވަސް ނިމުނުއިރު ތިމާއަށް ޙާޞިލުނުކުރެވިހުރި ކަންކަމަށް ކަންބޮޑުނުވާށެވެ! ބޭނުންވި ހުރިހާ ކަންކަން ޙާޞިލުކުރެވުނު ހަމައެކަކުވެސް ނުހުންނާނެއެވެ. އަދި މީހަކަށް ކިތަންމެ ގިނަ ކަންތައްތަކެއް ޙާޞިލުކުރެވުނު ނަމަވެސް ކަންބޮޑުނުވާށެވެ! އޭނާއަށްވެސް ޙާޞިލުކުރެވޭނީ ހަމަ ދެއްވެވި މިންވަރަކަށެވެ. 

ތިމާއަށް ދެއްވެވި މިންވަރު މަދުވެގެން ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް އިތުރެއް ނުވާނެއެވެ. ތިމާއަށްވެސް ލިބޭނީ ހަމަ ދެއްވެވި މިންވަރަކަށެވެ. ޝުކުރު ނުކުރެވޭމީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވުމުގައެވެ. 

އުފަލުގައި ހިތްހަމަޖެހިގެން ނިދައިލެވޭނީ ޙާޞިލުވި މިންވަރަށް ޝުކުރުކުރަން އާދަވެފައި ހުރި މީހަކަށެވެ. މާޔޫސްވެ އުންމީދުކަނޑައިނުލާށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޢްޖިޒާތެއް ފަދައިން ހުރިހާ ކަމެއް އުފާވެރިކަމަށް ބަދަލުކުރައްވަވައި ދެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. ތިބާ އެދިގެންހުރި ހުރިހާ ކަމެއް ހިންމަވައި ދެއްވެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ. އަދި އެތައް ގުނައެއް އިތުރަށް ހިންމަވައި ދެއްވެވުމަށްވެސް ކުޅަދުންވަންތައެވެ.

ކުރިން މިބުނިފަދައިން ކަންބޮޑުވުންތަކުން ސަލާމަތްވެ އުފަލުގައި ނިދައިލެވޭ މީހަކަށްވެވޭނީ ޙާޞިލުކުރަން ބޭނުންވާ ކަންކަމަށް މިމޭރުމުން ވިސްނުމުންނެވެ. މި ބަޔާންކުރި އިމުން ބޭރުން ވިސްނަން މަސައްކަތްކުރާ މީހަކަށް ހިތްހަމަޖެހުން އޮންނާނީ ދުވަހަކުވެސް ނުލިބިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން