މިހާރަކަށް އައިސް ބައެއް މީހުންނަށް ކީރިތި ޤުރްއާން އެއްކިބާކުރެވޭއިއރުވެސް މިކުރެވެނީ ކޮންފަދަ ކަމެއްކަންވެސް ނުއެނގެއެވެ. އެއީ އެމީހުންގެ ވިސްނުމަށް އެހެން ދީންތަކުގެ މީޑިއާތަކުން ނުފޫޒުފޯރުވާފައިވާ މިންވަރު މާބޮޑުވުމުންނެވެ. އެހިސާބަށް ދިއުމުން އެމީހުންގެ ވިސްނުމުގައި ހަރުލާފައި ހުންނަނީ ދުނިޔަވީ ގޮތުން ދެކެވޭ ވާހަކަތަކެވެ.
ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން ބަލައިގަންނަން އުނދަގޫވެއެވެ. ބުނެވޭފަދައެވެ. "ކީރިތި ޤުްރްއާން ހަމަ ވަރަށް ފުރިހަމައެވެ. ނަމަވެސް އިޙްތިރާމާއިއެކު ރައްކާކޮށްފައިފައި ބާއްވައިލާށެވެ!" މިމޭރުމުން ބުނެވިވެސް ދާނެއެވެ. ޢަމަލުވެސް ކުރެވިދާނެއެވެ. އެއީ އެކަން އެގޮތަށް ކުރުމުގެ އިޚްތިޔާރުވެސް ﷲ ތަޢާލާ ދެއްވަވާފައިވާތީއެވެ.
ޔަޤީންކުރާށެވެ. އެފަދައިން ޢަމަލުކޮށްފިނަމަ އެކަން އެމީހަކާއި އަރައި ހަމަކުރާނެއެވެ. ނުއެނގެނީ އަންނާނެ ވަގުތަކާއި ތަނެކެވެ.
ތިރީގައި މިވަނީ ޤުރްއާން އެއްކިބާ ކުރުމާއި ބެހޭ ގޮތުން ޝައިޚް އަޙްމްދު ރިމާޒް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މައުލޫމާތު ހޯއްދަވާފައިވަނީ އެންމެ މަޝްހޫރު ޢިލްމުވެރިންގެތެރޭގައި ހިމެނިވަޑައިގަންނަވާ ابن كثير، الفوائد لابن القيم ފަދަ ބޭކަލުންގެ ބަސްފުޅުތަކުންނެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:
﴿وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا﴾ سورة الفرقان: 30
މާނައީ: "ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެމީހުން، މި ޤުރުއާންއަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ".
ކީރިތި ޤުރުއާން އެއްކިބާކޮށްލެވޭ ގޮތްތައް:
• ކީރިތި ޤުރުއާނަށް އީމާންވުމުން އެއްކިބާވުމާއި، ކީރިތި ޤުރުއާނުގެ ހިދާޔަތުން އެއްކިބާވުން.
މިއީ ކީރިތި ޤުރުއާން މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ބާއްވައިލެއްވުނު ޒަމާނުގައި މައްކާގެ މުޝްރިކުންގެ ޙާލަތުހުރިގޮތެވެ. ﷲ ތަޢާލާ އެބައިމީހުންގެ ޙާލަތު ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ:
﴿وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَـٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ﴾ سورة فصلت: 26
މާނައީ: "ކާފިރުވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މި ޤުރުއާން އަޑުނާހާށެވެ! (އަދި ޤުރުއާން ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ”"
. ކީރިތި ޤުރުއާނަށް އީމާންނުވެ، ކީރިތި ޤުރުއާން ގޮވާލާ ހިދާޔަތުގެ ތެދުމަގު ޤަބޫލުނުކޮށް، ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކާއި، ތާރީޚީ ޚަބަރުތަކަށް އިންކާރުކޮށް، ކީރިތި ޤުރުއާނަކީ ސިޙުރެކޭ، ޅެންތަކެކޭ، އިހުގެ ފުލޯކު ވާހަކަތަކެކޭ ބުނުންފަދަ ކަންކަމީ ޤުރުއާން އެއްކިބާކޮށްލުމުގެ ތެރޭގައި ހިމެނޭކަންކަމެވެ.
• ކީރިތި ޤުރުއާނުގެ ޢިލްމުތައް އުނގެނުމުން އެއްކިބާވުން.
ކީރިތި ޤުރުއާން ކިޔެވުމަށް ބޭނުންވާ ތަޖުވީދު ޢިލްމާއި، ޤިރާޢަތުގެ ޢިލްމާއި، އަދިވެސް ކީރިތި ޤުރުއާނާއި ގުޅުންހުރި ޢިލްމުތައް ކަމުގައިވާ އާޔަތްތައް ބާއްވައިލެއްވުނު ސަބަބުގެ ޢިލްމާއި، ތަފްސީރާއި، ތަފްސީރުގެ އުސޫލުތަކާއި، އިޢުޖާޒުލް ޤުރުއާނާއި، ކީރިތި ޤުރުއާން ލިޔެ ތަދުވީނުކޮށް ޖަމާކުރެވުނުގޮތާއި، ޤުރުއާން ލިޔުމުގެ ރަސްމުގެ ޢިލްމާއި، ނާސިޚް މަންސޫޚާއި، މުޙްކަމު މުތަޝާބިހާއި މިނޫންވެސް ކީރިތި ޤުރުއާނާއި ގުޅުންހުރި ޢިލްމުތައް އުނގެނުމުގައި އިހުމާލުވުމަކީ ކީރިތި ޤުރުއާން އެއްކިބާކޮށްލުމެވެ.
• ކީރިތި ޤުރުއާން ކިޔެވުމުން އެއްކިބާވުން.
• ކީރިތި ޤުރުއާން އަޑުއެހުމުން އެއްކިބާވުން.
• ކީރިތި ޤުރުއާން ހިތުދަސްކުރުމުން އެއްކިބާވުން.
• ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާ ތަދައްބުރުކުރުމުން (ފިކުރުކުރުމުން) އެއްކިބާވުން.
• ކީރިތި ޤުރުއާނަށް ޢަމަލުކުރުމުން އެއްކިބާވުން.
• ކީރިތި ޤުރުއާނަކީ ދުސްތޫރުކަމުގައި ބަލައިގަތުމުން އެއްކިބާވުން.
• ކީރިތި ޤުރުއާނުގެ ޙުކުމްފުޅުތަކާއި އެއްގޮތަށް ޝަރީޢަތްކުރުމުން އެއްކިބާވުން.
• ކީރިތި ޤުރުއާނުގެ އާޔަތްތަކުން ޝިފާ ލިބިގަތުމުން އެއްކިބާވުން.
• ކީރިތި ޤުރުއާނަށް މާތްކޮށް ކަމޭހިތުމާއި ޤަދަރުކުރުމުން އެއްކިބާވުން.
• ކީރިތި ޤުރުއާން އުނގަންނައިދިނުމުން އެއްކިބާވުން.
މަޢުލޫމާތުގެ މަޞްދަރުތައް:
تفسير ابن كثير
الفوائد لابن القيم
- ޝައިޚް އަޙްމަދު ރިމާޒް