އޭ ސަޅި ބައިސާ ކަނޑަމުން ހިނގާ މީހާއެވެ! ޤިޔާމަތް ދުވަހު ތިބާ ކަސްތޮޅު އަޅުއްވަވައި ދޫ ތަޅުލައްވަވާ ހުއްޓެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އޭ ސަޅި ބައިސާ ކަނޑަމުން ހިނގާ މީހާއެވެ! ޤިޔާމަތް ދުވަހު ތިބާ ކަސްތޮޅު އަޅުއްވަވައި ދޫ ތަޅުލައްވަވާ ހުއްޓެވެ!

އަދި އެދުވަހުން ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިވާނެއެވެ. އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި ޢުޒުރެއް ނުދެއްކޭނެއެވެ.

އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ. އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް އަމުރުކުރައްވާނެއެވެ. 

الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ (يس: 65) 

"މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ."

މީސްތަކުންނޭވެ! ދޮގު ހަދައި ކަންކަން އޮޅުވާލަން ބިރުގަންނަ މީހަކު ނެތޭ ބުނާވަރަށް ތެދުވެރިން މަދުވެއްޖެއެވެ. ނަމަވެސް ވިސްނާށެވެ! ދޮގުހަދާ، މަކަރުވެރިން ދުނިޔޭގައި ކިތަންމެ ވަރަކަށް ގިނަވި ނަމަވެސް ނަރަކައިގެ ޖާގަ ޛައްރެއްގެ މިންވަރަކަށްވެސް މަދެއް ނުވާނެއެވެ. ދުނިޔޭގެ އެންމެން ނަރަކައަށް ލެއްވެވި ނަމަވެސް ނަރަކައިގެ ކަންކަން ބަލަހައްޓަވަން ޙަވާލުކުރައްވަވާފައިވާ 19 މަލާއިކަތުން އެއެންމެންގެ ކަންކަން ﷲ ތަޢާލާ އަންގަވާ ގޮތަކަށް ބަލަހައްޓަވާނެތެވެ. 

އަލްމުއްދައްޘިރު ސޫރަތުގެ 30 ވަނަ އާޔަތާއި އައްތަޙްރީމް ސޫރަތުގެ 6 ވަނަ ޢާޔަތް ކިޔައިލުމުން މިބަޔާންކުރި ބަހުގެ ޙަޤީޤަތް އެނގިގެންދާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން