މައިންބަފައިން ފޭލްވަނީ ދަރިންނަކީ ނަމާދުކުރާ، ތަޤްވާވެރި ބައަކަށް ހެދުމަށް މައިންބަފައިން އަދާކުރަންޖެހޭ ފުރަތަމަ ވާޖިބު އަދާނުކުރެވުމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
މައިންބަފައިން ފޭލްވަނީ ދަރިންނަކީ ނަމާދުކުރާ، ތަޤްވާވެރި ބައަކަށް ހެދުމަށް މައިންބަފައިން އަދާކުރަންޖެހޭ ފުރަތަމަ ވާޖިބު އަދާނުކުރެވުމުން!: މުފްތީ މެންކް

މައިންބަފައިންގެ ކިބައިން އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ އެމީހުންގެ ދަރިންނަކީ ތަޤްވާވެރިން ކަމުގައި ނުވާ ކަމުގެ ޝަކުވާއެވެ. އެންމެ ކުޑަމިނުން ނަމާދު ކުރަންވެސް ބޮޑާހާކަމުގެ ޝަކުވާއެވެ. ވީމާ މިކަންކަން މިގޮތަށް މެދުވެރިވާ ސަބަބަށް ވިސްނަން އެބަ ޖެހެއެވެ. އެ ސަބަބުތައް ނައްތާލަން އެބަ ޖެހެއެވެ. 

މިކަންކަން މިގޮތަށް މެދުވެރިވުމަށް މިއަދުގެ މައިންބަފައިންނަށް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮންނަނީ ދަރިންނަށް ނަމޫނާ ދެއްކުމެވެ. ވަރަށް ގިނަ މައިން ބަފައިން ދަރިންނަށް ހެޔޮ ނަޞޭޙަތް ދެއެވެ. ތަޤްވާވެރިވުމަށް ވެސް ބުނެއެވެ. ނަމާދުކޮށް ޤުރްއާން ކިޔަވަންވެސް ބުނެއެވެ.  

ނަމަވެސް ހިތާމައަކީ ތަޤްވާވެރިންގެ ކިބައިން އެންމެ ފުރަތަމަ ފެންނަން ޖެހޭނެ ސިފަކަމަށްވާ ފަރުޟު 5 ނަމާދު ވެސް އަމަލީ ގޮތުން ކޮށްފައި ދަރިންނަށް ނަމޫނާ ދެއްކެނީ ވަރަށް މަދު މައިންބަފައިން ކަމަށްވުމެވެ. 

ދަރިން ގާތު ކަމެއްކުރަން ބުނެފައި އެކަމެއް މައިންބަފައިން ނުކުރާނަމަ ދަރިންނަށް އެކަން ބަލައިގަނެވޭނީ ކިޔައިދޭ ފުލޯކު ނުވަތަ ޔޯލަޔޯލަ ވާހަކައެއް ގޮތަށެވެ. އެއީ ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭނެއެވެ. 

ލޮބުވެތި މައިންބަފައިންނޭވެ! ވަގުތު އަދިވެސް ފާއިތެއް ނުވެއެވެ. އަހަރެމެން އަދިވެސް ދުނިޔެއަށް އެބަ ނޭވާލަމުއެވެ. ވީމާ ވަގުތު ފާއިތުވުމުގެ ކުރިން ފުރުޞަތުގެ ބޭނުން ހިފާށެވެ. ތިމާމެން ތަޤްވާވެރިވެ އެކަމުގެ ނަމޫނާ ދަރިންނަށް ދައްކާށެވެ! ފިރިހެން ދަރިފުޅު ގާތު ނަމާދަށް ދާށޭ ބުނަން މަންމައަށް ޖެހުނު ނަމަވެސް އެއީ ބައްޕަ ބުނާ ބަހަކަށް ހަދައިގެން ނުވާނެއެވެ. ބައްޕަ ބުނަން ޖެހޭނީ "ދަރިފުޅާ އަވަހަށް ނަމާދަށް ހިނގާށޭ" އެވެ. 

މިރޭވެސްތަކުރާރުކޮށްލާނަމެވެ.  ތިބާ ގޭގައި ނަމާދަށް ހުންނައިރު ތިބާ ސަޖިދަކުރުމުން އެންމެ އަހަރެއްވީ ތުއްތު ދަރިފުޅު ސަޖިދަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ ގިނަ ފަހަރު ތިބާއަށްވުރެ ކުރިން އެކުދިން ސަޖިދަކުރާނެއެވެ. އެކުދިން އެކަން ކުރަނީ ކާކު ބުނެގެންހެއްޔެވެ؟ ތިބާގެ ކިބައިން ނަމޫނާ ބަލައިގެން ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުގައި ދަރިން ތިބޭއިރު ކޮންމެ ގޮތަކުން ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވާށެވެ. މަޖުބޫރުކުރުވާށެވެ! އުޒުރު ދައްކާނަމަ ދޭ އިނާޔަތްތައް އުނިކޮށްގެންވެސް ނަމާދުކުރުވާށެވެ! އެގޮތަށް އެކަންތައް ކުރެވިފައިވާނަމަ އެކުދިން ބޮޑުވެ ނަމާދު ނުކުރިނަމަވެސް ތިބާއަށް ބުނެވޭނެއެވެ! "ޔާ ﷲ! މިއަޅާ ވާނީ ދަރިފުޅަށް ނަމާދުކުރަން ދަސްކޮށްދީފައެވެ. މިއަޅާގެ ބެލެނިވެރިކަމުގެދަށުގައި ހުރިއިރު ވާނީ ނަމާދުކުރުވައިފައެވެ." 

ދަރިން ބޮޑުވުމަށްފަހު ނަމާދު ނުކުރާނަމަ އެކުދިންގެ މައްޗަށް ހެޔޮ ދުޢާކުރާށެވެ! އެކުދިންނަކީ ނަމާދުކުރާ ބައެއް ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! ދަރިއަކު ކިތަންމެ ބޮޑުވި ނަމަވެސް ނަމާދުކުރަން ބުނަންވާނެއެވެ! ނަމާދުކުރަން ނުބުނެވޭ ވަރަކަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެއެވެ. 

ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހުންގެ ދަރިންނަކީ ތަޤްވާވެރިންކަމުގައިވުމެވެ. އިސްލާމް ދީނަށް ލޯބިކޮށް އަމަލުކުރާ ބައަކަށްވުމެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަމަކީ ހަމައެކަނި އެކަމަށް އެދުމުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަން ޙާޞިލުކުރަން އެދޭނަމަ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މައިން ބަފައިން ތަޤްވާވެރިވެ، ދަރިންނަށް ނަމޫނާ ދެއްކުމެވެ. 

ދަރިން ނަމާދުކުރާވަރަށް ބޮޑުވުމުން ސޯނާގަޑި ހަވާލުކޮށް ފަތިހު އަމިއްލައަށް ހޭލަން ފަރިތަކުރުވަންފަށާށެވެ. އަދި ހޭލާކަން މައިންބަފައިން ބަލާށެވެ. ގިނަ ދަރިން ތިބިނަމަ ކުރިން ހޭލާ ދަރިއަކަށް އިނާމުވެސްދޭށެވެ. ބައްޕައަކީ ފިރިހެން ދަރިން ގޮވައިގެން ފަތިހުވެސް ޖަމާޢަތަށް ނަމާދަށްދާ މީހަކަށްވާށެވެ. މަންމައަކީ އަނހެން ދަރިން ފަހަތުގައި ލައިގެން ފަތިސްނަމާދުކުރާ މީހަކަށްވާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދަރިން ތަރުބިއްޔަތުކުރެވުނު ކަމަށްވާނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން