ރުޅިއައުމުން ނުބައިބަސްތައް ބުނެ އަނިޔާވެރިވެފަ އެއީ ރުޅީގެ ސަބަބުން ކުރެވުނު ކަމެއްކަމަށް ބުނާ މީހަކާއެކު ދިރިއުޅެން ބޭނުންވާ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރުޅިއައުމުން ނުބައިބަސްތައް ބުނެ އަނިޔާވެރިވެފަ އެއީ ރުޅީގެ ސަބަބުން ކުރެވުނު ކަމެއްކަމަށް ބުނާ މީހަކާއެކު ދިރިއުޅެން ބޭނުންވާ މީހަކު ނުހުންނާނެ!

ރުޅީގައިވެސް ދެބާވަތެއްވެއެވެ. ފުރަތަމަ ބާވަތަކީ ރުޅި އާދެވިދާނެ ފަދަ ކަމެއް ކުރިމަތިވުމުން ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުން ބޭރު ނުވެ އަންނަ ރުޅިއެވެ. ރުޅީ އައިނަމަވެސް ދުލުން ނުބައި ބަސްތައް ނުބުނުމާއި ނުބައި ޢަމަލުތައް ނުކުރުމެވެ. ރުޅީގެ މައްޗަށް އަމިއްލައަށް ބާރުގަދަވެގަތުމެވެ. ރުޅި އައުމުން އެކަން ކޮންޓްރޯލްކުރެވޭނީ އެމިހާގެ މައްޗަށް ޝައިޠޯނާއަށް ބާރު ނުފޯރުވޭނެ މީހުންނަށެވެ. 

މިބާވަތުގެ ރުޅި އައުމަކީ އެމީހަކު ދެކެ ﷲ ތަޢާލާ ކޯފާވެ ވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އަދި ރުޅިއަންނަ ހިނދު މިފަދައިން އަމަލުކުރާ މީހުން ދެކެ ﷲ ތަޢާލާ ރުހިވޮޑިގެންވެއެވެ. 

ރުޅީގެ ދެވަނަ ބާވަތަކީ ރުޅި އައުމުން ހުރިހާ ކޮންޓްރޯލެއް ތިމާގެ ބާރުން ނެއްޓިގެންދާގޮތަށް އާދެވޭ ރުޅިއެވެ. އެފަދަ ރުޅި އާދެވޭމީހުން ރުޅިއަންނައިރަށް ސިކުނޑި ތެޅިފޮޅެންފަށާނެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭނެއެވެ. ކިޔޭ ނުކިޔެ އެއްޗެއްވެސް ނުއެނގޭނެއެވެ. މިމިންވަރަށް ރުޅި އާދެވޭ މީހުންނަކީ އެމީހާގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެ ބާރުގަދަކޮށްފައިވާ މީހުންނެވެ. 

މިފަދައިން ރުޅި އަންނަ މީހުންދެކެ ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. 

ބައެއް މީހުން ރުޅިއަންނަހިނދު ހިތަށް އެރިހައި ކަމެއް ކޮށްފައި، ބުނާނެހައި އެއްޗެއް ބުނެފައި "އެކަންކަން ކުރެވުނީ ރުޅިއައުމުން" ކަމަށްބުނެ މާފަށް އެބައެދެއެވެ. މާފަށް އެދުމުން އޮތީ މާފުކުރުމެވެ. ނަމަވެސް އެއީ އަބަދު ތަކުރާރުކުރަންޖެހޭ ކަމަކަށް ވެއްޖެނަމަ ފޫހިވެވޭނެއެވެ. 

ވީމާ މިކަމަކީ ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެހެނީ ތިމާއަކީ ބައިވެރިޔާއަށް ކިތަންމެ ހެޔޮކޮށް ކަންކަންކުރާ މީހަކު ނަމަވެސް ރުޅި އަންނަހިނދު ކޮންޓްރޯލް ނުކުރެވި ހިތަށް އެރިހައި ކަންކަންކޮށް، ހިތަށް އެރިހައި އެއްޗެއް ގޮވާނަމަ އެމީހަކާއި ކައިވެނިކޮށްގެން ދިރިއުޅެން ހަމަ އެކަކުވެސް ބޭނުންނުވާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން