ކޮންމެ އެއްހާހަކުން 999 ނަރަކައަށް! ތިބާ ހިމެނޭނީ ކޮންފަޅިއެއްގަ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކޮންމެ އެއްހާހަކުން 999 ނަރަކައަށް! ތިބާ ހިމެނޭނީ ކޮންފަޅިއެއްގަ؟: ބިލާލް އައްސަދު

ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނީ ކޮންމެ 1000 އަކުން މީހަކުކަން އެނގެން އެބައޮތެވެ. 

އަދި އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދާއިބެހޭގޮތުންކަންވެސް އެނގެން އެބައޮތެވެ. ސުވަރުގެއާއި ދިމާއަށް ބަލައިލެވެން އޮތީވެސް ނަމާދު ފުރިހަމައަށް އަދާކޮށްގެންކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! 

މިކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގި ޤަބޫލުކުރާއިއރު މިއަދު 98 އިންސައްތަ މީހުން ނަމާދަށް ދަނީ ޖަމާއަތަށް ދިއުމުން ﷲ ތަޢާލާ ދެއްވަވާ ގިނަގުނަ ސަވާބަށް ބަލައި، ސަވާބު އެދިގެނެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ދުނިޔަވީ ގޮތުން މަންފާ ކުރާނެ ކަމެއް އެވަގުތު ކުރަން ނެތުމުންނެވެ! ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ޙަޤީޤަތަކީ މިއީއެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ކުރެވޭ ނަމާދުތަކުން މިކަން ވަރަށް ރަނގަލަށް އެނގި ސާބިތުވެއެވެ. 

ސުވަރުގެ ވައްދަވާ މީހުންގެ އަދަދު ހާހަކުން މީހަކަށް މަދުވެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުކުރާ އަދަދު މިއަށްވުރެވެސް މާ މަދުވާނެތީއެވެ. ދުނިޔަވީ އެދުންތައް ކަރުގައި އަޅައިގެންނާ ކޮނޑު ޖަހައިގެން ދުވާ މީހުން ގިނަވާނެތީއެވެ! 

ވީމާ ކޮންމެ 1000 އަކުން ސުވަރުގެ ވައްދަވާ އެންމެ މީހާގެ ތެރޭގައި ތިމާ ހިމެނޭތޯ މަސައްކަތްކުރުން އޮތީ ހަމަ ތިމާއަށެވެ.!

މިސާލަކަށް ގަޑިން  މެންދުރު 12.20 އެވެ. މެންދުރު ނަމާދަށް ބަންގި ގޮވަނީ 12.25 ގައެވެ. ކުއްލިއަކަށް ލިބުނީ ފޯން ކޯލެކެވެ. ވިޔަފާރީގެ ބޭނުމަކު 12.30 ގައި މީހަކު ތިބާ އާއި ބައްދަލުކުރަން އަންނަ ވާހަކައެވެ. ނޫން ނަމަ ލިބުނީ ލޯބިވެރިޔާގެ ފޯނުކޯލެކެވެ. 

ނިކަން ބުނެބަލާށެވެ! ﷲ އަށްޓަކައި ތެދުބަހުން ތިބާ ޖަވާބުދީބަލާށެވެ! ތިބާ އެވަގުތު ދާނީ ޖަމާއަތުގައި ބައިވެރިވާން މިސްކިތަށް ހެއްޔެވެ؟ ނޫނީ ވިޔަފާރި ޑީލް ނިންމާލަން މަޑުކުރާނީ ހެއްޔެވެ؟ ނޫންނަމަ ލޯބިވެރިޔާ އާއިއެކު އެވަގުތުކޮޅު ހޭދަކޮށްލާނީހެއްޔެވެ؟ އެއް ވަގުތެއްގައި ކުރަން އޮތީ 3 ކަމެކެވެ! 

އަހަރެން ޔަޤީން ކަމާއިއެކު ބުނެފާނަމެވެ. މިއަދު މިފެންނަ ޙާލަތުގައި "މިދަނީ ނަމާދަށް! ފަހުގެ ވަގުތެއްގައި ގުޅައިލާ! ނޫނީ ނަމާދުން އައިސް އެބަ ގުޅައިލަން!" ބުނެ ނަމާދަށް ދާނީ 100 އަކުން ގިނަވެގެން 2 މީހުންނެވެ. ވީއިރު އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށް މިއޮތީ ކޮން ލޯތްބެއް ހެއްޔެވެ؟ ކޮން ބިރުވެތިކަމެއް ހެއްޔެވެ؟ ކޮންމެ ހާހަކުން ނަރަކައަށް ވައްދަވާ 999 ގެ ތެރޭގައި ތިބާ ހިމެނިދާނެކަމަށް އެބަ ބިރުގަނެވޭ ހެއްޔެވެ؟ 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން