ޖަމާޢަތުގައި ނަމާދުކުރަން އޮތް މާތް ﷲ ގެ އަމުރުފުޅުން ހިތްވަރު ލިބި މާލެ ސިޓީގެ އިތުރު މިސްކިތްތަކުގައި ޖަމާއަތުގަ ނަމާދުކުރަން ފަށައިފި އެވެ.
ރޭ ފަތިހު އިމާމަކު ވިދާޅުވީ އޭނާ ބަންގިގޮވާ މިސްކިތުގައިވެސް ހުކުރު ދުވަހުގެ މެންދުރު ނަމާދުން ފެށިގެން "ބައަކު އަމިއްލަގޮތުން" ޖަމާޢަތް ހަދައި ނަމާދުކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރަންފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ސަރުކާރުގެ ނިންމުން އޮތްގޮތުން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ. އަދި މިސްކިތުގައި ނަމާދުކުރެވޭނީ ނަމާދުވަގުތު ޖެހޭއިރު ފުލުހުންގެ ޕަރމިޓަށް އެވަގުތު ގެއިން ބޭރުގައި އުޅެވޭ ބައަކަށް އެކަންޏެވެ.
ނަމާދުކުރާ ގިނަބައަކު ފުލުހުންނަށާއި ސިފައިންނަށް ޝުކުރުވެރިވެއެވެ. އެއީ ނަމާދަށް ދަނިކޮށް ހުއްޓުވުމުން "މިވަގުތު މިދަނީ މާތް ﷲ ގެ ޕަރމިޓަށް އަދި މާތް ﷲ ގެ އަމުރުފުޅަށް މިސްކިތަށް" ކަމަށް ބުނުމުން އެކަމަށް ހުރަސްނާޅާތީ ކަމަށް ގިނަ ބައަކު ބުނެއެވެ.
"އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެބޭކަލުންނަށް ދަންނަވަން. ކޯޓަށް ހާޒިރުވާން ނެރޭ އަމުރަކަށްވުރެ މާބާރުގަދަ އަމުރުފުޅެކޭ "ޙައްޔަ ޢަލައްޞަލާތި" އެއީ. އެއަމުރުފުޅަށޭ މިހާޒިރުވަނީ. އެގޮތަށް ދެންނެވީމާ އެބޭކަލުން ހަމަ ޤައިމުވެސް އަޅުގަނޑަށް ހުރަހެއް ނާޅުއްވާ ނަމާދަށްދާކަށް." މިއަދުނޫހަށް މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ.