އެއްދުވަހަކު سليمان عليه السّلام އެކަލޭގެފާނުގެ تخت ގައި ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ހުރިހާ ދެޔޯއިންނާއި ޕަރީންނާއި އިންސާނުންނާއި އަދި ދޫނިސޫފާސޫފި حاضر ވެގެންވެއެވެ.
سليمان عليه السّلام މިދަތުރުފުޅުގައި އެހެން އިންނަވާފައި މަތި ބައްލަވާލެއްވިއެވެ. އޭރު ހުރިހައި ދޫނިސޫފާއި ސޫފި حاضر ވެގެން ވާތީ އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދޫނިތަކުގެ ތެރޭ ގައި ހުދުހުދު ވާތީ އެކަލޭގެފާނަކަށް ފެނިވަޑައެއް ނުގެންނެވިއެވެ. މިވާހަކަ ކީރިތި قرآن ގެ މި އާޔަތްތަކުގައި ބަޔާން ކުރައްވާފައި ވެއެވެ. وَتَفَقَّدَ الطَيْرَ فقَالَ مَالِيَ لاَ أرَى الْهُدُ هُدَ أمْكَانَ مِنَالْغَائِبِيْنَ () لَأُ عَذِّبَنْنَهُ عَذَابًا شَدِيْدًا أوْ لَأذْبَحَنَّهُ أوْلَيَأْ تِيَنِّى بِسُلْطَانٍ مُبِيْن () (سورة النمل 21,20
އަދި سليمان ގެފާނު ދޫނިތަކުގެ حاضرى ބެއްލެވިއެވެ. އަދި ވިދާޅުވިއެވެ. މިވީ ކީއްހޭ އަހަރެންނަށް މިދޫނިތަކުގެ ތެރޭގައި ހުދުހުދު ވާތީ އެއް ނުފެނުނެވެ. ތިޔަހެން ވިއްޔާ އެސޮރު حاضر ނުވާ مخلوق ންގެ ތެރެއިން ވީހެއްޔެވެ. ޝައްކެއް ނެތެވެ. އަހަރެން އެސޮރަށް ނުހަނުބޮޑު އަދަބެއް ދޭނަމެވެ. ނުވަތަ އެސޮރު ކަތިލާނަމެވެ. ނޫނީ އެސޮރު ފާޅުވެގެންވާ عذر އެއް އަހަރެންނަށް بيان ކޮށްދޭން ޖެހޭނެއެވެ.
ދެން ހުދުހުދު ހޯދުމަށް عتاب ފޮނުވައިފި އެވެ. عتاب ގޮސް ހުދުހުދު ހޯދައިގެން سليمان ގެފާނުގެ އަރިހަށް حاضر ކޮށްފިއެވެ.
سليمان عليه السّلام ހުދުހުދާއި سؤال ކުރެއްވިއެވެ. ކަލޭ ދިޔައީ ކޮންތަނަކަށްހޭ ހުދުހުދު ޖަވާބުގައި ދެންނެވިއެވެ. އަޅުގަނޑު ކަލޭގެފާނަށް ޓަކައި ޝަހަރު ސަބާއިން އުފާވެރި ޚަބަރަކައިގެން އައީމެވެ. الله تعالى وحى ކުރައްވާފައި ވެއެވެ. فَقَالَ أحَطْتُّ بِمَا لَمْ تُحِطْ بِهِ اتخ (سورة النمل 22) ހުދުހުދު ދެންނެވިއެވެ. ކަލޭގެފާނަށް ލިބިވަޑައި ގެންފައި ނުވާ ޚަބަރެއް އަޅުގަނޑަށް ލިބިއްޖެއެވެ. އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް فعبا ގެ ފަރާތުން މިއައީ ތެދު ޚަބަރަކައިގެންނެވެ.
تفسير ތަކުގައި ވެއެވެ. سبا އަކީ قوم އެއްގެ ނަމެވެ. އެބައިމީހުންގެ وطن ވަނީ (يمن ކަރައާއި ވީފަރާތުގައި) عرب ކަރައިގައެވެ. އަދި ބައެއް رواية ގައި سبا އަކީ ޝަހަރެއްގެ ނަންކަމަށް ބަޔާން ކުރައްވާފައި ވެއެވެ. އަދި ސަބާގެ ވެރިކަން ކުރަނީ مآرب އެވެ ކިޔާ ރަށުގައި ކަމާއި މިރަށް އޮންނަނީ صنعاء
އާއި ތިންމޭލުގެ ދުރުމިނުގައި ކަމަށް ވެސް އެކިއެކި މުފައްސިރުން بيان ކުރައްވާފައި ވެއެވެ.
حضرة سليمان عليه السّلام ހުދުހުދަށް ވިދާޅުވިއެވެ. ކަލޭ އެރަށުން ގެނައީ ކޮންކަހަލަ خبرއެއްހޭ އަދި ކަލޭ އެތަނަށް ދިޔައީ ކިހިނަކުންހޭ މިގޮތް بيان ކުރާށެވެ.
އެހިނދު ހުދުހުދު ދެންނެވިއެވެ. نبي الله އެވެ. ކަލޭގެފާނު ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވި ވަގުތު އަޅުގަނޑު تخت ގެ ތަންކޮޅެއް ތިރިޔަށް ޖެހިލީމެވެ. އޭރު ބަގީޗާއެއްގެ ފާރު މަތީގައި އަޅުގަނޑުމެން ޖިންސުގެ ހުދުހުދެއް އިށީނދެ އިނެވެ. އަޅުގަނޑަށް އެދޫނި ފެނުމުން އޭތީގެ ގާތަށް ހިގައްޖައީމެވެ. އަޅުގަނޑު ފެނުމުން އެދޫނި އަޅުގަނޑާއި سؤال ކުރިއެވެ. ކަލޭ ތިޔަ އަންނަނީ ކޮންތާކުންހޭ އަޅުގަނޑު އެދޫންޏަށް ބުނީމެވެ. ޝާމްކަރައިން އަހަރެންގެ ސާހިބު سليمان عليه السّلام ގެ އަރިހުންނެވެ. އެދޫނި ސުވާލު ކުރިއެވެ. سليمان عليه السّلام އަކީކާކުހޭ އަޅުގަނޑު ބުނީމެވެ. އެއީ ޖިންނިންނާއި، އިންސީންނާއި، ވަޙުޝީ ޖަނަވާރުތަކާއި، ދޫނިސޫފާ ސޫތްޕާއި، އަދި ޖުމްލަ ހުރިހާ مخلوق ންގެ ރަސްގެފާނެވެ.
ދެން އަޅުގަނޑު އެ ހުދުހުދު އާއި ސުވާލު ކުރީމެވެ. ކަލޭ ދިރިއުޅެނީ ކޮންތާކުހޭ؟ އެދޫނި ޖަވާބުދިނެވެ. ޝަހަރު ސަބާގައެވެ. އަޅުގަނޑު ބުނީމެވެ. ތިޔަބުނާ ޝަހަރުގެ ރަސްކަލަކީ ކާކުހޭ؟ އޭތި ޖަވާބުދިނެވެ. ބަލްގީސްއެވެ ކިއުނު އަންހެނެކެވެ. އެއީ ސަބާގެ ރާނީ އެވެ. އެކަމަނާގެ ކިޔަމަންތެރިކަމުގެ ދަށުގައި އެ قوم ގެ ބާރަހާސް ސަރުދާރުން ވެއެވެ. އަދި މިއިން ކޮންމެ ސަރުދާރެއްގެ ބާރުގެ ދަށުގައި އެއްލައްކަ ހަނގުރާމަވެރިން ތިބެއެވެ. އަހަރެންނާއި އެކުގައި އަންނާނަމެވެ. އޭރުން ކަލެއަށްވެސް މިއީ ތެދެއްކަން ގަބޫލުކުރެވޭނެއެވެ.
އަޅުގަނޑު ބުނީމެވެ. سليمان ގެ ފާނުގެ ލަޝްކަރާއި ވަކިވެގެން އައިސް އުޅޭތާ ވަރަށް ގިނައިރު ވެއްޖެއެވެ. އެލަޝްކަރަށް ފެން ބޭނުންވެއްޖެ ހިނދެއްގައި އެކަލޭގެފާނު އަހަރެން ހޯއްދަވާނެއެވެ. އެވަގުތު އަހަރެން އެލަޝްކަރުގައި ނެތިއްޖެއްޔާ އަހަރެންނަށް އަދަބު ލިބޭނެއެވެ. އެއީ އަހަރެން ނަކީ ބޯފެނަށްޓަކައި އައްޔަން ކުރައްވާފައިވާ އެއްޗަކަށްވާތީ އެވެ.
ބުނެވެއެވެ. سليمان عليه السّلام ގެ ހުދުހުދަކީ މާތް الله މިފަދަ بصارة އެއް ދެއްވާފައިވާ އެއްޗެކެވެ. ބިމުގެ މަތީގައި ހުންނަތަކެއްޗެކޭ އެއްފަދައިން ބިމުގެ އަޑީގައި ފޮރުވިފައިވާ އެއްޗެތި ފެނުމުގެ ބާރު މާތް الله އެދޫންޏަށް ދެއްވާފައި ވެއެވެ. އެބިމެއްގައި ފެންހުރިނަމަ ނުވަތަ ނެތް ނަމަވެސް މާދުރުން އެދޫންޏަށް އެގެއެވެ.
سليمان ގެފާނު تخت ގައި ދަތުރު ކުރައްވާއިރު މިކަމަށްޓަކައި ހުދުހުދު ގެންދަވައެވެ. އަދި ފެން ހޯދުމަށްޓަކައި އެސޮރު ފޮނުއްވައެވެ. ދެން އެދޫނި އެބިމެއްގައި ފެންހުރިކަމަށްވާނަމަ އެހުރި ތަނެއް ދެންނެވުމުން سليمان ގެފާނު ދެޔޯއިން ފޮނުއްވައިގެން ވަޅު ކޮންނަވައިގެން ފެން ނަންގަވައެވެ.
ދެންފަހެ އެދޫނި އަޅުގަނޑަށް ބުންޏެވެ. އަހަންނާއި އެކު އަންނާށެވެ. އޭރުން شراحيل ގެ ދަރިކަނބަލުން މަލަކާ بلقيس ގެ عزّت އާއި قدر ގެ މަތިވެރިކަން ކަލެއަށް ރަނގަޅަށް ފެންނާނެއެވެ. އަދި އެކަމަނާގެ أخلاق ގެ ފުރިހަމަކަން ފެނުމުން ޔަޤީނުންވެސް ކަލޭ އުފާވާނެއެވެ.
ދެން އެދޫނި ބުނިބުނުމުގެ މައްޗަށް އެސޮރާއެކު އަޅުގަނޑު ޝަހަރު ސަބާ އަށް ހިގައްޖައީމެވެ. އަދި އެރަށުން ملكة بلقيس ދެކެފީމެވެ. އެކަމަނާގެ عزّت ތެރި تخت ގެ ދިގުމިނަކީ ތިރީސް ގަޒެވެ. އަދި ފުޅާމިނަކީވެސް މިވަރެވެ. އެވަނީ ޖަވާހިރުން އަތްކަން އަޅާފައެވެ. އަދި އެ تخت ގެހަތަރު ފައިވަނީ ރަތް ކުލައިގެ ياقوت އާއި ޒަބަރުޖުދު އަދި ޒުމަންރަދާއި ލާލުން ނެވެ. އެކަމަނާ އާއި އެކަމަނާގެ قوم ގެ މީސްތަކުންނަކީ އިރަށް އަޅުކަންކުރާ ބައެކެވެ. އަދިއެކަމަނާ އަކީމީހަކާއި ކައިވެނި ބައްލަވައި ނުގެން އިންނެވި ހުސްހަށިބައި އަންހެން ބޭފުޅެކެވެ.
سليمان ގެފާނު ވިދާޅުވި އެވެ. އެ قوم ގެމީހުންނަކީ އިރަށް އަޅުކަންކުރާ ބައެއްކަން ކަލެއަށް އެގުނީ ކިހިނަކުންހޭ؟
އެދޫނި سليمان ގެފާނަށް ދެއްވި ޖަވާބު ކީރިތި قرآن ގައި بيان ކުރައްވާފައި ވެއެވެ. إنِّيْ وَجَدْتُّ امْرَأةً تَمْلِكُهُمْ وَأُوْتِيَتْ مِنْ كُلِّشَيْئٍ وَلَهَا عَرْشٌ عَظِيْم () وَجَدْتُّهَا وَقَوْمَهَا يَسْجُدُوْنَ لِلشَّمْسِ مِنْدُوْنِ الله وَزَيَّنَ لَهُمُ الشَّيْطَانُ أعْمَالَهُمْ فَصَدَّ هُمْ عَنِ السَّبِيْلِ فَهُمْ لاَيَهْتَدُوْن () (سورة النمل 34,33)
"سليمان ގެފާނަށް ހުދުހުދު ދެންނެވިއެވެ. އެތާގައި އަންހެން ބޭފުޅަކު (އެ قوم ގެ) މީހުންގެ މައްޗަށް ވެރިކަން ކުރައްވާތަން އަޅުގަނޑު ދުށީމެވެ. އަދި އެކަމަނާ އަށް ހުރިހާ ބާވަތެއްގެ ތަކެއްޗެއް (يعنى ރީތިކަމާއި ފުރިހަމަ ކަމާއި މުއްސަނދިކަން) حاصل ވެފައި ވެއެވެ. އެކަމަނާ އަށްޓަކައި ނުހަނު ބޮޑު تخت އެއްވޭމެއެވެ. އެކަމަނާ އާއި އެކަމަނާގެ قوم ގެ މީސްތަކުން (އަޅުގަނޑަށް) ފެނުނީ މާތް الله ފިޔަވާ އިރަށް ސަޖިދަ ކުރާތަނެވެ. އަދި شيطانން ވަނީ އެމީހުންނަށްޓަކައި އެމީހުންގެ ޢަމަލު ތައް ޒީނަތްތެރި ކޮށްދީ އެމީސްތަކުން ސީދާ މަގުން ދުރުކޮށްފައެވެ."
އަދި ނުނިމޭ-