ސަމާލުވޭ! ސުވަރުގެ ވަނުމުގެ ތަޅުދަނޑި ތިބާގެ އަތަށް ދެއްވެވުމުން ތިބާގެ ފަރުވާކުޑަކަމުން ނަގާލުމަށްފަހު ކުރެވޭނެ ޝަކުވާއެއް ނޯންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސަމާލުވޭ! ސުވަރުގެ ވަނުމުގެ ތަޅުދަނޑި ތިބާގެ އަތަށް ދެއްވެވުމުން ތިބާގެ ފަރުވާކުޑަކަމުން ނަގާލުމަށްފަހު ކުރެވޭނެ ޝަކުވާއެއް ނޯންނާނެ!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ ސުވަރުގެ ވަނުމެވެ. ތިބާ ސުވަރުގެ ވަނުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު ހުޅުވަން ބޭނުންވާނެ ތަޅުދަނޑި ދުނިޔޭގައި ތިބާ ހުއްޓައި ﷲ ތަޢާލާ ޙަވާލުކުރެއްވެވީއެވެ. ނިކަން ބުނެބަލާށެވެ! އެތަޅުދަނޑި ތިބާގެ އަތުން ގެއްލޭނެ ނުވަތަ ގެއްލިދާނެ އެއްވެސް ކަމެއް ތިބާ ކުރާނަން ހެއްޔެވެ؟ 

އިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި ސުވަރުގެ އެދޭ މީހާއަށް އެ ފުރުޞަތު ހުޅުވައިލަދޭ ތަޅުދަނޑިއަކީ ދަމުނަމާދުކުރުމެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ރަމަޟާންމަހު ދަމުނަމާދުކުރިއެވެ. ރޭއަޅުކަންކުރިއެވެ. ރޭއަޅުކަމަކީ ދަމުނަމާދެވެ. 

އެހިސަބުން ﷲ ތަޢާލާ އެވަނީ ސުވަރުގެ ވަނުމުގެ ތަޅުދަނޑި އަހަރެމެންނާއި ޙަވާލުކުރައްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތް ކުރާ މީހަކަށް އިން ޝާ ﷲ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފަން މަސައްކަތް ކުރާ ބައަކު ކަމުގައި ލެއްވެވުމެވެ!

އަހަރެންގެ ނަޒަރުގައި ދަމު ނަމާދަށް މިފަދަ މަތިވެރި އިއްޒަތާއި ޝަރަފު ދެވިފައި މިވަނީ އެނަމާދުކުރާ މީހާގެ އިއްޒަތް އެދަރަޖައަށް އުފުލިގެންދާތީއެވެ. ނިކަން ވިސްނައިބަލާށެވެ. ދަމުނަމާދުގެ ސަބަބުން މީހާގެ ފާފަތައް ފޮހެވިގެންދެއެވެ. ހަމައެއާއިއެކު ތިމާއަށް ކުރެވެން އުޅޭ ފާފަތަކުން ތިމާ ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވެގެންދެއެވެ. 

ދަމުނަމާދުކުރާ މީހާގެ ފާފަތައް ދާނީ ފުހެވި ހުސްވަމުންނެވެ! އަދި އިތުރަށް ކުރެވެން އުޅޭ ފާފަތަކަށް ހުރަސް އެޅިގެން ދިއުމުން އެ ފާފަތައް ނުކުރެވި ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެތެވެ! އިން ޝާ 

މީސްތަކުންނޭވެ! ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެން ދިއުމަކީ ރަމަޟާން މަހު ކުރަމުން އައި އަޅުކަންކުރުން ހުއްޓައިލާ ސަބަބަކަށް ނުހަދާށެވެ. ދަމުނަމާދުކުރުން ހުއްޓައިނުލާށެވެ! ސުވަރުގެ ވަނުމުގެ ތަޅުދަނޑި އަތަށް އެރުމުންވެސް ދޫކޮށްލުމަށްވުރެ ދެރަ ޢަމަލެއް ހަމައެކަކަށްވެސް ނުކުރެވޭނެތެވެ! 

ހަމައެއާއިއެކު ވިސްނައިލަންވީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވާނީ ފާފަތައް މަދުވުމުން ކަމެވެ. ވީމާ ޤަވާއިދުން ދަމުނަމާދުކުރާ މީހާއަށް މިލިބެނީ އާދައިގެ ނިޢްމަތްތަކެއް ނޫނެއް ނޫން ހެއްޔެވެ؟ ހިތާމައަކީ މިފަދަ މަތިވެރި ނިޢްމަތްތައް ލިބެން ހުރެމެ ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުންގެ އަދަދު މަދުކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން