މަރަށް ބިރުވެތިވެވޭވަރު އަމިއްލައަށް ދެނެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
މަރަށް ބިރުވެތިވެވޭވަރު އަމިއްލައަށް ދެނެގަންނާށެވެ!

މީސްތަކުންނޭވެ! ﷲ ތައާލާގެ ރުހިވޮޑިގަތުން ނުލިބި އިއްޒަތާއި ޝަރަފާއި މަތިވެރިކަން ފުރިހަމަ ގޮތުގައި ލިބޭނީ ކިހިނަކުންހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކަށް އަމަލުނުކުރާ މީހަކު ކާމިޔާބު ދިރިއުޅުމަކަށް އެދެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެމެންގެ ވާޖިބުތައް އަދާނުކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދިދެންނެވުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީވެސް އެއީއެވެ. ދަރިން ބަސް ޤަބޫލު ނުކުރުމުން މައިން ބަފައިން އަދަބު ނުދޭ ހެއްޔެވެ؟ އަދަބު ދެނީ ދަރިން ދެކެ ލޯބިނުވާތީ ހެއްޔެވެ؟ ދަރިންނަށް ރަނގަޅު މަގު ދައްކައިދިނުމަށެވެ. 

އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލަތައް ޙައްލުވާނީ އެންމެން އެކަމަށް މަސައްކަތްކޮށްގެންނެވެ. ކޮންމެ މީހަކުވެސް ފަރުދީ ވާޖިބު އަދާކޮށްގެންނެވެ. އެއީ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. މިއަދު ކުރަން ޖެހޭ ކަންކަން މިއަދު ކުރަން ފެށުމެވެ. މާދަމާއަކީ އަތުވެދާނެ ދުވަހެއް ކަމަށް ނުބެލުމެވެ. މާދަމާއިން ފެށިގެން އެއްވެސް ނުބައި އަމަލެއް ނުކުރަން ނިޔަތް ގަނެގެން މިރޭ މަސްތުވީ ކިތަށް މީހުން އެ މަސްތުގައި ތިބެ ދުނިޔެ ދޫކޮށްފި ހެއްޔެވެ؟ މިރޭ ފާހިޝް އަމަލުކުރި ކިތައް މީހުން އިރުއެރުމުގެ ކުރިން މަރުވެއްޖެ ހެއްޔެވެ؟ އެވަރުންވެސް އިންޒާރަކަށް ނުފުދެނީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! އެމީހަކު ނަރަކައިން ސަލާމަތްވުމަކީ އެމީހަކު ކުރަން ޖެހޭ ކަމެކެވެ. ދީނީ ޢިލްމުވެރިންނަށް އަންގައިދެވޭނީ އަމަލުކުރަންވީ ގޮތެވެ. ޢަމަލުކުރުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ މާދަމާއަކަށް ލަހެއް ނުކުރާނެއެވެ. ބަލާނީ ވީހައި ގިނަ ހެޔޮ އަމަލުތަކެއް މިއަދު ކުރެވޭތޯއެވެ! 

ދުނިޔޭގެ އެދުމަށް މިއަދު ދަހިވެތިވެފައި މިތިބީ ވަކިވަރަކަށް ނޫނެވެ. ތިމާ ކުރަން ޖެހޭ ހެޔޮ އަމަލުތައް ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. ކުރަން ޖެހޭ ހުރިހާ އަޅުކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރަން ނުއެނގޭ މީހަކު ހުރި ނަމަވެސް އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަން ނުއެނގޭ މުސްލިމަކުވެސް ނުހުންނާނެއެވެ. ބޮޑެތި ފާފަތަކަކީ ކޮބައިކަން ނުއެނގޭ މީހަކުވެސް ނުހުންނާނެއެވެ. 

ނަމަވެސް ހިތާމައަކީ ދުނިޔޭގެ އެދުމަށް މީސްތަކުން ދަހިވެތިވެފައިވާވަރު ބޮޑުކަމުން ހުރިހާ ކަމެއް މާދަމާ ކުރަން ފަސްކުރަމުން ގެންދާ ކަމެވެ. ހެޔޮ އަމަލުތައް ކުރުން ވެސް މާދަމާއަށް ފަސްކުރަނީއެވެ. ނުބައި އަމަލުތައް ކުރުން ހުއްޓާލުންވެސް މާދަމާއަށް ފަސްކުރަނީއެވެ. ކޮންމެހެން ކޮންމެ ދުވަހަކު ކުރަންޖެހޭ ފަރުޟު 5 ނަމާދުކުރުން ވެސް މާދަމާއަށް ފަސްކުރަނީއެވެ. 

މިގޮތަށް ކަންކަން ފަސްކުރާ މީހަކު ގިނަ ފަހަރު ނިމިގެންދާނީ ވެސް އެނާ އެބުނާ މާދަމާއަށް އިރު ނާރައެވެ. މާނައަކީ އެމީހާ މަރުވާއިރުވެސް އެބުނާ މާދަމާ އަިކަމަކަށް ނުވާނެއެވެ.

ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަހަރެމެންގެ އީމާންތެރިކަން ކުޑަވަމުން އަންނަ ކަމެވެ. ﷲ ތައާލާއަށް ބިރުވެތިވުން ކުޑަވަމުން އަންނަ ކަމެވެ. ޙަޤީޤީ ޝަރަފްވެރިންނަކީވެސް އަދި ޙަޤީޤީ ޢިއްޒަތް ލިބިގެންވާ މީހުންނަކީ ﷲ ތަޢާލާއަށް އީމާންވެ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް އަމަލުކުރާ މީހުން ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ވަހީ ބަސްފުޅު ޤަބޫލުނުކުރެވި އަމިއްލައަށް އިއްޒަތާއި ޝަރަފާއި މުއްސަނދިކަން ލިބިގަންނަން އެނެމެންނަށް މި ތެޅިފޮޅެވެނީ ﷲ ތައާލާ އާއި ދުރަށް ޖެހެވޭތީއެވެ. ހުރިހާ ކަމެއް މާދަމާކުރަން ފަސްކުރެވޭ ސަބަބަކީ ދުނިޔޭގެ އުފާ ލިބިގަންނަން ބޭނުންވާވަރު އިތުރުވުމެވެ. 

މަރަށް ބިރުވެތިވާމީހާ އެހެން ހުރިހާކަމެއްގެ ކުރިއަށް އެމީހާ ކުރަންޖެހޭ ހެޔޮ ޢަމަލުތައް ނެރޭނެއެވެ. އަމިއްލަ ބޭނުންތަކުގެ ފަހަތުން ދުވާނީ ކުރަންޖެހޭ ހެޔޮ އަމަލުތައް ކުރުމަށް ފަހުގައެވެ. ނޫންނަމަ އެމީހާއަކީ މަރަށް ބިރުވެތިވެވޭ މީހެއް ނޫނެވެ. 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން