ކައިވެނިކުރުމަށްފަހު އަނިޔާވެރިވެފަ، ބަހަނާއަށް ކުރިން ލޯބިވި ލޯބިވެރިޔާ ނުލިބުން ދައްކާ މީހުންނަށް އޮތީ ﷲ ގެ ލައްނަތް! ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކައިވެނިކުރުމަށްފަހު އަނިޔާވެރިވެފަ، ބަހަނާއަށް ކުރިން ލޯބިވި ލޯބިވެރިޔާ ނުލިބުން ދައްކާ މީހުންނަށް އޮތީ ﷲ ގެ ލައްނަތް! ސަލާމަތެއް ނުވެވޭނެ!

ޒަވާޖީ ޙަޔާތަކަށް ފަށައި ދިރިއުޅުމުގެ ވަކިހިސާބަކުން ނުބައިމަގުން ޢަމަލުކުރުމަށްފަހު ގިނަ ބައަކު ބުނަނީ މިވެނިކަމެއް މިހެން މިކުރެވުނީ އަހަރެން ކައިވެނިކުރަން ބޭނުންވި މީހާ ޢާއި ކައިވެނި ނުކުރެވުމުން ކަމަށެވެ. ލޯބިވި މީހާ ނުލިބުމުން ކަމަށެވެ. 

ނަމަވެސް މިއީ އެއްވެސް އަސާސެއްގެ މައްޗަށް ދައއްކާ ވާހަކަތަކެއް ނޫނެވެ. ސަބަބަކީ އޭނާ ލޯބިވި މީހާ އޭނާއަށް ނުލިބުމަކީ އެހެން މީހަކަށް އަނިޔާވެރިވާންޖެހެންވީ ސަބަބެއް ނޫނެވެ. އެހެންމީހެއްގެ ދިރިއުޅުން އަލިފާނަސްލާން ޖެހެންވީ ސަބަބެއްވެސް ނޫނެވެ. 

އަނެއްކޮޅުން އޭނާ ލޯބިވި މީހާ އޭނާއަށް ނުލިބުމުގައި ބައިވެރިޔާގެ އޮތީ ކޮން ދައުރެއް ހެއްޔެވެ؟ ބައިވެރިޔާގެ އެފަދަ ދައުރެއް އޮތްނަމަ އެފަދައިން ބުނާ ބަހުގެ ކޮންމެވެސް މިންވަރެއްގެ ބުރަދަނެއްވެސް އޮވެދާނެއެވެ. 

އެހެންކަމުން ވިސްނާށެވެ! ކާމިޔާބީގެ ތަޅުދަނޑިއަކީ ޝުކުރުވެރިވުމެވެ. ލޯބިވި މީހާ އާއި ކައިވެނި ނުކުރެވުމުންވެސް އޮތީ ހަމަ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ލިބުނު ބައިވެރިޔާ ގޮވައިގެން އޭނާ އާއިއެކު އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ނުބައި އާދަތައް ދޫކޮށްލާށެވެ! ދުނިޔެއަކީ އެމީހަކު އެދޭހައިކަމެއް ހިންމަވައި ދެއްވަވާ ތަނެއް ނޫނެވެ. އެމީހަކު އެދޭހައި ގޮތްގޮތަށް ކަންކަން ޙާޞިލުކުރެވޭ ތަނެއްވެސް ނޫނެވެ. ދުނިޔެއަކީ އިމްތިޙާނަކަސްވަނީ އެ ސަބަބަށްޓަކައެވެ. 

ލިބުނު ބައިވެރިޔާއަށް ކިތަންމެ ވަރަކަށް އަނިޔާވެރިވިނަމަވެސް އަދި ބޭވަފާތި ނުވިނަމަވެސް ތިބާ ލޯބިވި މީހާ ތިބާއަށް ލިބުނުކަމަށްވާނެހެއްޔެވެ؟ ވީއިއރު އެގޮތަށް ކަންކަން ކުރުމުން ތިބާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެ ތަނުގައި ލިބޭނީ ގެއްލުމެވެ. އެންމެ ބޮޑު އެއް ގެއްލުމަކަށްވާނީ ތިމާ ފާފަވެރިވުމެވެ. އެހެން މީހަކަށް (ބައިވެރިޔާއަށް) އަނިޔާވެރިވުމުން ﷲ ތަޢާލާ ލައްވަވާނެ ލަޢްނަތެވެ.

ވީމާ ލޯބިވި މީހާ ނުލިބުމަކީ ލިބުނު މީހާއަށް އަނިޔާވެރިވުމަށް އޮތް ސަބަބެއް ކަމަށް ނުހަދައި ލިބުނު މީހާ އާއިއެކުގައި އުފަލުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! ދުނިޔެވެސް އާޚިރަތްވެސް ކާމިޔާބުވުން އޮތީ އެއިރުންނެވެ. ޝުކުރުވެރިވާ އަޅުންނަށް ﷲ ތަޢާލާގެ ރަޙްމަތް އޮއްސަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން