މުސްލިމް އަޚުންނޭވެ! ބުއްދި އަކީ ރިޒުޤު ދެއްވާފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް الله ދެއްވާ މަތިވެރި ނިޢުމަތެކެވެ. ބުއްދީގެ ނިޢުމަތަކީ އިންސާނާ އަށް الله ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެން ވެއެވެ. އަދި ބުއްދިވެރިކަމެއް ނެތް މީހާ އާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެން ވެއެވެ. ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެވެ.
ބުއްދި އަކީ، الله ވޮޑިގެންވާ ކަމުގެ ވަރަށް މަތިވެރި ދަލީލެކެވެ. ފާޅުވެގެންވާ ޙުއްޖަތެކެވެ. ބުއްދީގެ ނިޢުމަތާ މެދު، ވިސްނައި ފިކުރު ކުރުމަށް މާތް الله އިންސާނިއްޔަތަށް ގޮވާލައްވާފައި ވެއެވެ. އެއީ اللهގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމުގައި ވީތީއެވެ.
މުސްލިމް އަޚުންނޭވެ! އިންސާނުން އެކި ރޮނގުތަކުން ކުރިއަރައިގޮސް، މީގެ ކުރީން ދެކިފައިނުވާ ޢިލްމީ ޢާލަމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރެވެ. އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ ޢިލްމީ ވަސީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދި އެވެ.
ނިކަން ވިސްނައި ބަލާށެވެ! އިންސާނާގެ ބުއްދި ޚަލްޤު ކުރެއްވީ މަތިވެރިވެގެންވާ ޢާލަމްތަކުގެ ވެރި الله سُبْحَانَهُ وَتَعَالَى ނޫންހެއްޔެވެ؟ ފަހެ އެކަލާނގެ އެއްކައުވަންތަ ކުރުމަށް އިންސާނުންނާއި، ޖިންނީންގެ މައްޗަށް ލާޒިމުވެގެން ވެއެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އެއީއެވެ. އެހެންނޫންނަމަ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާބަޔަކަށް ނުވާނެއެވެ.
ކާފިރުވި މީހުން ނަރަކައަށް އެއްލައިލެވޭ ދުވަހު، އެމީހުން އެ ނަރަކަ އަށް ވަންނަން ޖެހުނީ ކީއްވެގެންތޯ އެބައިމީހުންނާ ސުވާލު ކުރެވޭނެއެވެ. އެހިނދު އެ މީހުން ޖަވާބުގައި ބުނާނޭކަމަށް ކީރިތި ޤުރްއާނުގައި (މުލްކް ސޫރަތުގެ 10، 11 ) މާތް الله ވަނީ ވަޙީ ކުރައްވަވާފައެވެ.
މާނައީ: "އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާ ކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރުކުރާކަމުގައި ވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއަކު ތިމަންމެން ނުވީހެވެ. ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް އިޢުތިރާފު ވާނެތެވެ. ފަހެ، ނަރަކައިގެ އަހުލުވެރިންނަށް ރަޙުމަތުން ދުރުކުރެއްވުން ހުއްޓެވެ."
މުސްލިމް އަޚުންނޭވެ! އެބައިމީހުން އެގޮތަށް އެ ބުނަނީ އެބައިމީހުންގެ ދުންޔަވީ ޙަޔާތުގައި އެބައިމީހުންނަށް ބުއްދި ދެއްވާފައިނުވާތީ ހެއްޔެވެ؟ ޖަވާބުގައި ހަމަކަށަވަރުން ވެސް ތިޔަބައި މީހުން ބުނާނީ އެބައިމީހުންނަށް ބުއްދި ދެއްވާފައިވާ ވާހަކައެވެ. ނަމަވެސް އެބައިމީހުން ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފީ އެވެ. الله ފިޔަވައި ބުދަތަކަށާއި، އެނޫން ވެސް ތަކެއްޗަށް އަޅުކަން ކުރީއެވެ. اللهގެ މަގަށް ހުރަސް އެޅީ އެވެ. ރަސޫލުންނާއި، ނަބިއްޔުންގެ ދަޢުވަތަށް އިންކާރު ކުރީ އެވެ. ނަތީޖާ އަކީ އެބައިމީހުން ނަރަކައިގެ ޢަޛާބުގެ ރަހަ ދެކެންޖެހުމެވެ.
ފުރްޤާން ސޫރަތުގެ 44 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯ އެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ."
މުސްލިމް އަޚުންނޭވެ! ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތެވެ. ދީންވެރި ކަމާ ނުލައި ލަދުވެތިކަމެއް ނެތެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެވެ. ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ، އެމީހާގެ މައްޗަށް ހުރި ވަބާއެކެވެ.
އަންފާލް ސޫރަތުގެ 22 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން الله ގެ ޙަޟްރަތުގައި އެންމެ ނުބައިކަންބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާބަޔެކެވެ." (އެބަހީ: ޙައްޤު ބަސް ނުބުނާ، އޭގެ އަޑުނާހާ، ޙައްޤާއި، ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)
- މިއަދުގެ ޚުޠުބާއިން