ކޮންމެ މުސްލިމަކުވެސް އެންމެ ގިނައިން ކުރަންޖެހޭ 2 ދުޢާ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ކޮންމެ މުސްލިމަކުވެސް އެންމެ ގިނައިން ކުރަންޖެހޭ 2 ދުޢާ!: ޢުމަރު ސުލައިމާން

އެންމެ މަތިވެރިވެގެންވާ ދުޢާތަކަކީ ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ސުންނަތުން އެނގެންހުރި ދުޢާތަކެވެ. އެދުޢާތަކުގެ ޢިބާރާތްތައް ފުރިހަމަވެފައި އެ ދުޢާތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުން އަހަރެމެންނާއި ހަމައަށް އައިސްފައިވާ ދުޢާތައް ކަމުގައިވާތީއެވެ. ސުންނަތުގައިވާ ދުޢާތަކަކީ ޙަދީޘްފުޅު ނަމަވެސް އެދުޢާތައްވެސް އައިސްފައި އެވަނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެހެނީ ރަސޫލް އަމިއްލަފުޅަށް އެއްވެސް ކަމެއް ޙަދީޘްފުޅުކުރައްވަވާފައި ނުވާތީއެވެ. 

ވީމާ ކަންކަމަސް އެދިގެން ކުރަންވީ އެންމެ މަތިވެރި ދުޢާތައް އެހެރީ ފެންނާށެވެ. ކަންކަމަށް ޤުރްއާނާއި ސުންނަތުން ފެންނަން ހުރި ދުޢާތަކަށްވުރެ ފުރިހަމަ ދުޢާތަކެއް ނުއުފެއްދޭނެއެވެ. ވީމާ އެދުޢާތައް މަތިން ހަނދާން އައުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. 

ރަސޫލް (ﷺ) އީ އެންމެ މަތިވެރިޞާޙިބާއެވެ! އެންމެހައި އުނިސަފަތަކުން ސަލާމަތްވެވަޑައިގެން ހުންނެވި އިންސާނާއެވެ! ނަމަވެސް މި ދެ ދުޢާއަކީ އެންމެ ގިނައިން ކުރެއްވެވި ދެ ދުޢާކަމުގައި ވެފައިވުމުން އުނިސިފަތަކުން ފުރިގެން ތިބި އަހަރެމެން މި ދެ ދުޢާ ކުރުން ގިނަކުރަން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ. އަހަރެމެން މަސައްކަތްކުރަން ޖެހޭނީ ރަސޫލް (ﷺ) ގެ ސުންނަތަށް ވީހައި ބޮޑަށް ޢަމަލުކުރުމަށެވެ. 

އިންސާނާގެ ހިތަކީ އަބަދުވެސް ތެޅިތެޅި އޮންނައެއްޗެކެވެ. އަދި އަބަދުވެސް ގިނަ ކަންތައްތަކެއް ހިތަށް އަރައި ފައިބަމުންދާނެއެވެ. އެއީ މީހައި ދިރިހުރިހައި ހިނދަކު ނިމޭނެ ކަމެއް ނޫނެވެ. އެހެންކަމުން އިންސާނާއަށް އެންމެ މުހިންމު އެއް ކަމަކީ އެމީހެއްގެ ހިތް އީމާނުން ފުރާފައި ބޭއްވުމެވެ. އީމާންތެރިކަމުން ފުރާލާފައި ބޭއްވުމެވެ. ރަސޫލް (ޞޢވ) އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވެވި އެއްކަމަކީ އެއީއެވެ. 

އީމާންކަމުން ހިތް ފުރާލަން މަސައްކަތްކުރާ ވަރަކަށް ޝައިޠާނާ މަސައްކަތްކުރާނީ ހިތުން އީމާންކަން މަދުކުރުމަށެވެ. ކުޑަކުރުވުމަށެވެ. ވީމާ އެކުގައި ސާބިތުކަން ދެއްވެވުން އެދި ﷲ ތަޢާލާ އަށް ގިނަގިނައިން ދުޢާކުރަން ޖެހޭނެއެވެ. ރަސޫލް (ޞޢވ) އެންމެ ގިނައިން ދުޢާކުރެއްވެވީ އެކަމަށް އެދިވަޑައިގެނެވެ. 

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

"ހިތްތައް ފުރޮޅުއްވަވައި ބަދަލުކުރައްވަވާ އިލާހް އެވެ! މިއަޅާގެ ހިތް އިނބަ ﷲ ގެ މަގުގައި ސާބިތުކޮށްދެއްވަވާނދޭވެ!" މިއީ އެކަމަށް އެދި ވަޑައިގެން ރަސޫލް (ޞޢވ) ކުރެއްވެވި ދުޢާއެވެ. އެއީ ކީއްވެގެން ކަމާއިމެދު ވިސްނައިލާށެވެ! ފެން އެއްޗެކެވެ. އަބަދު ކެކެނީއެވެ. ކެކޭ ވަރަކަށް ފެން ދާނީ މަދުވަމުންނެވެ. ހިނދެމުންނެވެ. ހިތުގައި އީމާންކަން ހަރުލައްވައި އިތުރުކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. 

ވިސްނައިލަން ޖެހޭ ކަމަކީ އިސްލާމް ދީނުގައި އެންމެ ފުރިހަމައަށް ސާބިތުވެވަޑައިގެން ހުންނެވި ރަސޫލް (ޞޢވ) މިދުޢާ އެންމެ ގިނައިން ކުރެއްވެވުމުން އަހަރެމެންގެ އީމާންކަން މިހައި ބަލިކަށިއިރު މިދުޢާ ކުރުން ގިނަކުރަން ޖެހޭނެ މިންވަރެވެ. 

މިދުޢާ ކުރެއްވުމާއިއެކުވެސް ހަމަ މިފަދަ މޭރުމަކުން އިތުރު ދުޢާއެއް އެހައިމެ ގިނައިން ކުރެއްވެވިއެވެ. 

"‏اللهم مصرف القلوب صرف قلوبنا على طاعتك‏"‏ 

"ހިތްތަކަށް މަގުދައްކަވާ އިލާހްއެވެ. ޠާޢަތުގެ މަގަށް މިއަޅާގެ ހިތް ފަހިކޮށްދެއްވަވާނދޭވެ! (ހެޔޮ އަމަލުތައް ކުރުމަށް މިއަޅާއަށް މަގުދައްކަވައިދެއްވަވާނދޭވެ!" މިދުޢާގައި އެދިވަޑައިގަންނަވަނީ ހެޔޮ އަމަލުތައް ކުރެއްވެވުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. ޠާޢަތުގެ މާނައިގައި ނަމާދުކުރުމާއި ޛިކުރުކުރުމާއި އެންމެހައި ހެޔޮ އަމަލުތައް ކުރުން ހިމެނެއެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން 

މިއަދު އޮންލައިން