ހޮސްޕިޓަލުގައި އޮތް ބަލި މީހަކަށް ޒިޔާރަތްކުރުމުން ބުނީ އޭނާ މިހާރު ދީނާއިމެދު ނުވެސް ވިސްނާކަމަށެވެ. ސަބަބެއް ކަމަށްބުނީ ޝިފާ ދެއްވެވުން އެދި ދުޢާކުރުމުން ޢިޖާބަކުރެއްވެވުން މާބޮޑަށް ލަސްވުމުން އުންމީދުވެސް ކަނޑައިލީ ކަމަށެވެ.
އަހުރެން ސުވާލުކުޜީމެވެ. "ތިއަގޮތަށް ކަންކަން ކުރުމުން ޝިފާ ލިބި ބަލި ފަސޭހަ ވެއްޖެ ހެއްޔެވެ؟" ނޫންކަމަށް ބުނުމުން ސުވާލުކުރީމެވެ. "ކުރިއަށްވުރެ މިހާރު ލުއިވީހެއްޔެވެ؟" ޖަވާބުގައި ނޫންކަމަށް ބުނުމުން ސުވާލުކުރީމެވެ. "އެހެންވީއިރު ޝިފާލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ފިޔަވައި ކޮންފަރާތަކުން ހެއްޔެވެ؟" ޖަވާބުގައި ބުނީ "ﷲ ތަޢާލާގެ ޙަޟްރަތުން ނޫން ފަރާތަކުން ޝިފާ ނުލިބޭނެ ކަމަށެވެ."
ނިކަން ވިސްނައިލަބަލާށެވެ! މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެ ކަންކަމެވެ. ނަމަވެސް ވިސްނަން ނުޖެހޭ މިންވަރަށް ވިސްނަން ފެށުމުން މޮޔަވާހަކަތައް ދެއްކެނީއެވެ!
ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރި ދުޢާ ހަމަ ވަގުތުން ޢިޖާބަކުރެއްވެވުމަށެވެ. ކިރިޔާވެސް ލަސްވެލައިފިނަމަ އިންތިހާއަށް ކަންބޮޑުވާނެއެވެ. މިކަން މިފަދައިން ހިނގަމުން އަންނައިރު އެންމެ ގިނަބައަކަސް ނުކުރެވޭ ކަމަކީ ތިމާ އެދުމަކާއި ނުލައި ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނިޢްމަތްތައް ފާހަގަކޮށް ޝުކުރުވެރިވުމެވެ. ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވުމަށް އެދޭނަމަ ފުރަތަމަ އެކަންކަން ފާހަގަކޮށް ގިނަގިނައިން ޝުކުރުވެރިވާށެވެ! ހަމަކަށަވަރުން ﷲ ތަޢާލާއީ ޝުކުރުވެރިވާ އަލުންގެ ހިތްތައް އުފަލުން ފުރޭހައި ގިނައިން ނިޢްމަތްތައް މިންވަރުކުރައްވަވާ ރަސްކަލާނގެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން