ތިމާ ބޭނުންވަނީ މަސައްކަތްކުރާ އޮފީހުން މަތީމަޤާމެވެ. ތިމާ ބޭނުންވަނީ ކުރާ ވިޔަފާރީގައި ކުރިއަރައި ދިއުމަށެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ. ކަންނެތްވެފައި ނިދަން އޮންނަ މީހަކަށް ކުރިއެރުން ލިބިދާނެ ހެއްޔެވެ؟ ކުރިއަރައިދާނީ ހީވާގިކަމާއިއެކު މަސައްކަތްކުރާ މީހުން ނޫން ހެއްޔެވެ؟
ކަންނެތްވެ މުޅިރޭގަނޑު ނިދަން އޮންނަ މީހާއާއި ނުނިދާ ހޭލައި ވަގުތު ބޭކާރުކުރާ މީހުން މި ކަމަށް ވިސްނައިލާށެވެ! އެއީ އެމީހުންނަށް ސުވަރުގޭގެ މަތީ މަޤާމުތައް ނުލިބިދާނެ ކަމަށްޓަކައެވެ. އެހެނީ ސުވަރުގޭގެ މަތީ މަޤާމުތަކަށް ދިއުމުގެ ތަޅުދަނޑިއަކީ ސުންނަތް ނަމާދުކުރުން ގިނަކުރުމެވެ. ތަހައްޖުދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. އެންމެ ސުންނަތްކަން ގަދަވެގެންވާ ނަމާދެވެ!
ހަމަޔަޤީނުންވެސް އެނގޭ ކަމަކީ ސުވަރުގޭގައި ރަސޫލް (ޞޢވ) ވާނީ އެންމެ މަތީދަރަޖައިގައެވެ. ޤިޔާމަތް ދުވަހު ނުވަތަ ސުވަރުގޭގައި އިތުރު ރަސޫލް (ޞޢވ) ގެ އަރިއަހުގައި ވުމަށް އެދޭ މީހާ ވީހައި ގިނައިން ސުންނަތް ނަމާދުކުރަން ޙަދީޘްފުޅު ކުރައްވަވާފައި އޮތުން އެކަމުގެ ދަލީލަކަށް ފުދެއެވެ.
"އަދި (ފަރުޟް ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤްރްއާން ކިޔަވައިވިދާޅުވެ، ތަހައްޖުދުނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދުލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!" (އިސްރާ: 79)
ތަހައްޖުދު ނަމާދަކީ އަހަރެމެންގެ މައްޗަށް ފަރުޟެއް ނޫނެވެ. ގަދަވެގެންވާ ސުންނަތެކެވެ. އެ ސުންނަތް އަދާކުރުމުން ސުވަރުގޭގައި އަހަރެމެންގެ ދަރަޖަ އުފުލިގެންދާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއާޔަތުން އަނަގައިދެނީ އެކަމެވެ. ކުރިން ބަޔާންކުރި ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން އެނގިގެންދަނީވެސް ހަމަ އެކަމެވެ!
ދަމުނަމާދު ކުރެވޭނީ ހީވާގި މުރާލި މީހުންނަށެވެ! ތަޤްވާވެރިކަން ލިބިގެން ހުރި މީހަކަށެވެ. ވީމާ ސުވަރުގެއިން މަތިވެރި މަޤާމު ލިބުމަށް އެދޭނަމަ ދަމުނަމާދުކުރަން އާދަކުރާށެވެ! ދަމު ނަމާދުކުރަން އާދަކޮށްފި މީހަކަށް ފަތިސް ނަމާދުވެސް ދާނީ ކުރެވެމުންނެވެ. އެމިހެއްގެ މުޅި ހަޔާތް ދާނީ އެކަމުގެ ސަބަބުން އުޖާލާވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން