ﷲ ތަޢާލާ މިއުންމަތަށް 50 ނަމާދު ފަރުޟު ކުރައްވަވައި އަދި 5 ނަމާދަށް މަދުކުރައްވަވައި 5 ނަމާދުގައި 50 ނަމާދުގެ ބަރަކާތް ލެއްވެވީ ރަސޫލް ﷺ އެންމެ މަތީ އުޑަށް އުފުއްލަވައެވެ. ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނަށް ވެސް ﷲ ތަޢާލާގެ ޙަޟްރަތާއި ކުއްތަންވެ ވަޑައިނުގެންދެވޭހައި މިންވަރަށް ރަސޫލް އަށް އެނިޢްމަތް މިންވަރު ކުރައްވަވައިފައެވެ.
"އަޅުގަނޑަށް އިޒުނަ ލިބިގެންވާ ހިސާބަށް ވަޑައިގެންނެވުނީއެވެ. ދެން ކަލޭގެފާނު ކުރިއަށް ވަޑައިގަންނަވާށެވެ!" ޖިބްރީލްގެފާނު ވިދާޅުވިކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ އަޑު އިވެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެހިސާބަށް ރަސޫލް އުފުއްލެވި އެއް ސަބަކީ ވެސް ނަމާދު ބާވައިލެއްވެވުމެވެ. ނަމާދަށް ދެއްވެވި މަތިވެރިކަމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ދެން އޮތީ ނަމާދު ކުރުމެވެ. ރަސޫލް އަށް ނަމާދުކުރަންވީ ގޮތް އުނގަންނަވައި ދެއްވެވީ ޖިބްރީލްގެފާނެވެ. ނަމާދުގައި ކިޔަންވީ ތަކެތި އުނގަންނަވައި ދެއްވެވީ ޖިބްރީލްގެފާނެވެ.
މީސްތަކުންނަށް ނަމާދުކުރަންވީ ގޮތް އުނގަންނަވައި ދެއްވެވީ ރަސޫލް އެވެ. ހަނގުރާމައިގެ ވަގުތުގައި ވެސް ބިންމަތީގައި ނަމާދުކުރައްވަވާނަމަ ނަމާދުކުރެއްވެވީ ގައި ކައިރިކޮށެވެ. ކޮނޑާއި ކޮނޑު ޖެހޭނެ ގޮތަށެވެ. ވީއިރު 2020 ގެ ބިދުޢަ އާއި އެއްގޮތަށް ނަމާދުކުރަން ހެޔޮވާނީ ކިހނަކުން ހެއްޔެވެ؟
އިސްލާމިކް މިނިސްޓްރީގައި އެތައް ހާސް މީހުން ގައި ކައިރިކޮށް ފިތި ބާރުވެގެން އެތައް ގަޑިއިރަކު ދާހިއްލާ ފޯވެގެން ތިބެފައި ބަންގި ގޮވީމާ ހަމަ އެ އިމާރާތުގެ 1 ވަނަ ބުރިއަށް އަރައި 3 ފޫޓު ދުރުގައި ތިބެން ޖެއްސުވުމަކީ ނަމާދަށްކުރި އިޙްތިރާމަކަށް ވާނެތޯއެވެ؟
ﷲ ތަޢާލާގެ ރަޙްމަތްފުޅުން 4 ވަނަ ރާޅު ނަގައި ނިމި މިދަނީ ހަމަ މާލެ ސިޓީގެ މިސްކިތްތަކުގައި ގައި ކައިރިކޮށް ނަމާދުކުރަމުންދަނިކޮށެވެ! ﷲ ތަޢާލާއަށް ކުރި ދުޢާއިންނެވެ. ވިސްނާ ބައަކަށް މިކަމުގައި ޢިބްރަތްތަކެއް ވެއެވެ. ގައި ކައިރިކޮށް ޖަމާއަތުގައި ނަމާދުކުރާ މީހުން ކޮރޯނާ އިން މިންޖުވެ ހުޅުމާލޭ ސަހަރާގައި ހަމަ އެކަކުވެސް ވަޅުލަން ނުޖެހިއެވެ. އިން ޝާ ﷲ