ސުލައިމާންގެފާނުގެ ސިޔަރަތު 7: ދުނިޔޭގަ ފުރަތަމަ ޕޯސްޓުން ފޮނުވި ސިޓީ ބަލްޤީސް ރަނިންނަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 37ސ
ސުލައިމާންގެފާނުގެ ސިޔަރަތު 7: ދުނިޔޭގަ ފުރަތަމަ ޕޯސްޓުން ފޮނުވި ސިޓީ ބަލްޤީސް ރަނިންނަށް

سليمان عليه السّلام  ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ނޫންތޯ އަހަރެން ބަލާނަމެވެ. الله تعالى وحى ކުރައްވާފައި ވެއެވެ. قَالَ سَيَنْظُرُ أصَدَقْتَ أمْ كنْتَ مِنَ الْكَاذِبِيْنَ (سورة النمل 27) އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން ކަލޭ ތިޔަބުނަނީ ތެދެއްތޯ ނުވަތަކަލެއަކީ ދޮގުވެރިއެއްތޯ ބަލާނަމެވެ. 

އެސޮރު ދެންނެވިއެވެ. "نبي الله އެވެ. ކަލޭގެފާނުގެ އަރިހުގައި އަޅުގަނޑު ދޮގެއް ނުދަންނަވަމެވެ. 

سليمان ގެފާނު ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. އަހަރެންގެ ސިޓީއަކައިގެން ގޮސް އެމީހުންގެ ތެރެއަށް ވައްޓާލާފައި ދެން އެއްފަރާތެއްގައި މަޑު ކޮށްލައިގެން ހުންނާށެވެ. އަދި އެމީހުން އެކަކު އަނެކަކާއި ދައްކަނީ ކޮން ކަހަލަ ވާހަކައެއްތޯ ވެސް ބަލާށެވެ.

الله تعالى وحي ކުރައްވާފައި ވެއެވެ. إذْهَبْ بِكِتَابِى هَاذَا فَاَلْقِهْ إلَيْهِمْ  اتخ (سورة النمل 28)

ދެންފަހެ سليمان عليه السّلام ސިޓީފުޅެއް ލިޔުއްވާފައި ސިއްކަ ޖައްސަވާ ބަންދު ކުރެއްވުމަށްފަހު ހުދުހުދު އާއި ޙަވާލު ކުރައްވައިފި އެވެ. އެސިޓީފުޅު އޭތީގެ ތުބުން ހިފައިގެން އުދުހިފައި ޝަހަރު ސަބާގައިވާ بلقيس ގެ ގަނޑުވަރަށް ހިގައްޖެއެވެ. 

ބުނެވެއެވެ. سليمان ގެފާނުގެ ގަނޑުވަރާއި بلقيسގެ ގަނޑުވަރާއި ދެމެދުގެ ދުރުމިނަކީ ދިހަކޯސް އެވެ. (ކޯސް އެއްގެ ދުރުމިނަކީ ގާތްގަނޑަކަށް ދެމޭލެވެ.) 

سليمان ގެފާނު ސިޓީފުޅު ދެއްވާފައި ހުދުހުދު އެރަށަށް ފޮނުއްވުމުގެ އެންމެ ބޮޑު قصد އަކީ އެދޫނި ދެންނެވި ވާހަކާއިގެ ދޮގުތެދު ބެއްލެވުމެވެ. އެހެނީ އެއީ ތެދުކަމުގައި ވަނީވިއްޔާ އެސޮރަކީ معاف ލިބުން حقّ ވެގެންވާ މަޚްލޫޤެކެވެ. ނުވަތަ އެސޮރު ދެންނެވީ ދޮގެއް ކަމުގައި ވެއްޖެނަމަ އެސޮރަށް ސަޒާ ލިބުންحقّ ވެގެން ވެއެވެ. 

ދެން ހުދުހުދު އެގަނޑުވަރަށް ވަދެ އެކަމަނާ އަވަހާރަފުޅު ލައްޕަވާ ކޮޓަރީގެ ހުޅުވިފައިވާ ކިޑިކީ އަކުން އެތެރެ އަށް ވަދެއްޖެއެވެ. އަދި އެކަމަނާ އަވަހާރަފުޅު ގައި ވަނިކޮށް އެސިޓީފުޅު އެކަމަނާގެ އަރިހުގައި ބާއްވާފައި ވަރަށް ސިއްރުން އެސޮރު އެތަނުން ނުކުމެއްޖެއެވެ. 

بلقيس ހޭފުޅު ލައްވާ ބައްލަވާ ލެއްވުމުން ފެނިވަޑައިގެންނެވީ سليمان ގެފާނުގެ ސިއްކަފުޅު ޖައްސަވާ ބަންދު ކުރައްވާފައިވާ ސިޓީފުޅެއް އެކަމަނާގެ ދާންކޮޅުމަތީގައި ވަނިކޮންނެވެ. އަދި މިސިޓީފުޅު ގެނައި މީހަކުވެސް އެނގިވަޑައެއް ނުގެންނެވިއެވެ. މިހެންވެ ހިސާބެއްގެ ބިރުވެރި ކަމެއް އެކަމަނާގެ ހިތްޕުޅަށް ވަދެއްޖެއެވެ. ދެން އެކަމަނާ مشير ގެންނަވާ މިކަމާއި ބެހޭގޮތުން ސުވާލު ކުރައްވަން ފައްޓަވައިފި އެވެ. 

حقْ تعالى وحى ކުރައްވާފައި ވަނީ قَالَتْ يَا أيُّهَا الْمَلَؤْ إنِّى ألْقِيَ إلَيَّ كِتَابٌ كَرِيْمٌ إنَّهُ مِنْ سُلَيْمَانَ وَإنَّهُ بِسْمِ الله الرَّحْمانِ الرَّحِيم (سورة النمل 30,29) (ފަހެ) އެކަމަނާ ވިދާޅުވިއެވެ. އޭ! ދަރުބާރުގެ އަހުލުވެރިންނޭވެ! އަހަރެންގެ ގާތަށް ނުހަނު މާތް عزّت ތެރި ސިޓީއެއް ވައްޓާލެވިފައި ވެއެވެ. އެއީ سليمان عليه السّلام ގެ ފަރާތްޕުޅުން އައިސްފައިވާ ސިޓީފުޅެކެވެ. އަދި އެސިޓީފުޅު ފެށިފައިވަނީ رحمان އާއި رحيم ވަންތަ މާތް  الله  ގެ إسم ފުޅުންނެވެ. އެސިޓީފުޅުގައި ލިޔުއްވާފައި ވަނީ ތިޔަބައިމީހުން ބޮޑާވެނުގެން އަހަރެންގެ ގާތަށް ކިޔަމަންތެރި ވެގެންވާ ޙާލު ގައި އަންނާށެވެ.  

ދެންފަހެ މިކަމާބެހޭގޮތުން بلقيس އެކަމަނާގެ ދަރުބާރުގެ ބޮޑުންނާއި مشورة ކުރެއްވި އެވެ. އެވާހަކަ ކީރިތި قرآن ގެމިއާޔަތުން މޭރުން ވެއެވެ. قَالَتْ يَا ئَيُّها الْمَلَؤْ أفْتُونِى اتخ (سورة النمل 32) އެކަމަނާ ވިދާޅުވިއެވެ. އޭ ދަރުބާރުގެ މީސްތަކުންނޭވެ.! ތިޔަބައިމީހުން މިކަމާއިމެދު އަހަރެންނަށް مشورة އެއް ދޭށެވެ. ތިޔަބައި މީހުންގެ حاضر ގައި މެނުވީ އަހަރެންނަކީ އެއްވެސްކަމެއް ކަނޑައަޅާ މީހަކީމެއް ނޫނެވެ. އެބައިމީހުން އެކަމަނާއަށް ޖަވާބު ދިނީ މިފަދައިންނެވެ. الله تعالى وحى ކުރައްވާފައި ވެއެވެ. قَالُوْ نَحُنُ أوْلُو قُوَّةٍ وَأُوْلُوْ بَأْسٍ شَدِيْدٍ إتخ  (سورة النمل 33) އެބައިމީހުން ދެންނެވިއެވެ. އަޅުގަނޑުމެންނަކީ އާރާއި ބާރުހުރި ހަނގުރާމައަށް ކުޅަދާނަ ބަޔަކީމުއެވެ. ކަން އޮތީކަމަނާގެ إختيار ގައެވެ. މިހެންކަމުން އަޅުގަނޑުމެންނަށް ކުރައްވަންވީ حكم ފުޅަކާއި މެދު ކަމަނާ ވިސްނާ ވަޑައިގަންނަވާށެވެ.  

بلقيس އެބައިމީހުންނަށް ވިދާޅުވިއެވެ. سليمان عليه السلام އަހަރެންނަށް إسلام دين  އަށް دعوت ދެއްވިއެވެ. އަދި އެސިޓީފުޅުގައި ލިޔުއްވާފައި ވެއެވެ. އިރަށް އަޅުކަން ކުރުން ދޫކޮށް إسلام دين އަށް ވަންނާށެވެ. އަހަރެންގެ حكم ތިޔަބައި މީހުން ޤަބޫލު ނުކޮށްފިނަމަމުޅި ޝަހަރު ބަރުބާދު ކޮށްލާނަމެވެ.  މާތް الله وحى ކުރައްވާފައި ވެއެވެ. قَالَتْ إنَّ الْمُلُوْكَ إذَا دَخَلُوْ قَرْيَةً أفْدُوْهَا وَجَعَلُوْا أعِزَّةَ أَهْلِهَا أذِلَّةً وَكَذَالِكَ يَفْعَلُوْنَ () (سورة النمل 34) އެކަމަނާ ވިދާޅުވި އެވެ. ރަސްރަސްކަލުން (فاتح ންގެ ގޮތުން) ރަށަކަށް ވެދެވަޑައިގެންފިއްޔާ އެބޭފުޅުންގެ ފަރާތުން އެރަށެއް އޮންނާނީ ބަރުބާދު ވެފައެވެ. އަދި އެބޭފުޅުން އެތާނގެ عِزّت ތެރި އަހުލުވެރިން އޮންނާނީ ނިކަމެތި ޒިއްލަތް ތެރިން ކަމުގައި ހައްދަވާފައި މެއެވެ. އާއެކެވެ. އެރަސްރަސްކަލުން ކަންތައް ކުރައްވަނީ މިފަދައިންނެވެ.  

(ޕޯސްޓުން ތަކެތި ފޮނުވުމަކީ އެ ސިޓީ ހިފައިގެން މީހަކު ނުގޮސް ފޮނުވުމެވެ. ވީމާ އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުން މިއީ ދުނިޔޭގައި ފުރަތަމަ ޕޯސްޓުން ފޮނުވި ސިޓީއެވެ. އަދި ފުރަތަމަ ޕޯސްޓްމަންކަންކުރީ ޕޯސްޓް ބާޑް ހުދުހުދެވެ.: ޢަބްދުއްލަޠީފް)  

- އަދި ނުނިމޭ

މިއަދު އޮންލައިން