އެދެނީ ކޮންމެ މީހަކުވެސް ކިޔާލައި ތިމާހުރީ ޖަނަވާރުންނަށްވުރެ ދަށުދަރަޖައިގަކަން ނުވަތަ މަލާއިކަތުންނަށްވުރެ މަތީގަކަން އެނގުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އެދެނީ ކޮންމެ މީހަކުވެސް ކިޔާލައި ތިމާހުރީ ޖަނަވާރުންނަށްވުރެ ދަށުދަރަޖައިގަކަން ނުވަތަ މަލާއިކަތުންނަށްވުރެ މަތީގަކަން އެނގުމެވެ!

ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި ދަރަޖައަކީ މަލާއިކަތުންނަށްވުރެ މަތީ ދަރަޖައެކެވެ. ނަމަވެސް އެދަރަޖައިގައި ހުންނަން އެނގިއްޖެ މީހަކަށެވެ. ޖަނަވާރުންގެ ދަރަޖައަށް ނުވެއްޓި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެވުނު އަޅަކަށެވެ. 

އެފަދަ މީހުންގެ ދަރަޖަ މަލާއިކަތުންނަށްވުރެ މަތިވެރިކަމަށް މިބުނަނީ މަލާއިކަތުން އުފައްދަވާފައިވަނީ އެއްވެސް އިޚްތިޔާރެއް ދެއްވަވާފައެއް ނޫނެވެ. ﷲ ތަޢާލާ އެންގެވިކަމެއް ކުރެއްވެވުމަށެވެ. ވީމާ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ފުރުޞަތު މަލާއިކަތުންނަކަށް ނުއޮންނާނެއެވެ. ނަމަވެސް އިންސާނުން އުފައްދަވާފައިވަނީ އުރެދުމުގެ އިޚްތިޔާރު ވެސް ދެއްވަވައިފައެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް ދިއުމުގެ ފުރުޞަތު ދެއްވަވައިފައެވެ. 

ﷲ ތައާލާއަށް ފުރިހަމައަށް ކިޔަމަންތެރި އަޅުންގެ ދަރަޖަ މަލާއިކަތުންނަށްވުރެ މަތިވެރިވަނީ އިޚްތިޔާރު ދެއްވެވުމުން ވެސް ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާތީއެވެ. 

ޖަނަވާރުންނާ އެއް ދަރަޖައިގަވާ އިންސާނުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ނުއެގޭނަމަ ރަނގަޅަށް އަޑުއަހާށެވެ. 

ޖަނަވާރުން އުފަލުގައި ތިބެން ބޭނުންވާނީ ވަރަށް މަދު ކަމެކެވެ. ކާން ބޯން ލިބުމާއި ހީކަރުވާވަރަށް ބޮލަށް ވާރޭ ނުވެހުމާއި ބިންމަތީގައި ނަމަވެސް ނިދައިލެވުމެވެ. މިކަންކަން ފުރިހަމަވާނަމަ ޖަނަވާރުން ތިބޭނީ ހަމަ ވަރަށް އުފަލުގައެވެ. 

އިންސާނުންގެ ތެރެއިން ހަމައެކަނި ބޭނުންތަކަކީ ދުނިޔޭގެ ބޭނުންތައް ކަމުގައި ދެކޭ މީހުން އެތިބީ ޖަނަވާރުތަކާއި އެއް ހަމައެއްގައެވެ. އެމީހުންނަށް ފައިސާ ލިބިފައި މީރުކޮށް ކާން ބޯން ލިބިފައި އަރާމުގައި ނިދައިލެވުމުން ހުރިހާ ކަމެއް ފުރިހަމަވީއެވެ. 

ޖަނަވާރު ބަނޑުހައިވުމުން ގަހެއް، ވިނަގަނޑެއް ނުވަތަ އެހެން ޖަނަވާރެއް ކައިލާއިރު އެއީ ހަލާލު އެއްޗެއްތޯ ނުބަލާނެއެވެ. ކައި ބަނޑުފުރައިލެވުމުން ނިމުނީއެވެ. ޖިންސީ ގޮތުން ކަމެއް ފުއްދަން ބޭނުންވުމުން ކައިވެނިކޮށްގެން ތިބިތޯއެއް ނުބަލާނެއެވެ. އަތުޖެހުނު ބައިވެރިއަކާއިއެކު އެކަމެއް ކޮށްލެވުމުން ނިމުނީއެވެ. 

ދެން ނިކަން ބުނެބަލާށެވެ! މިކަންކަމުގައި ޖަނަވާރުންނާއި އެއްފަދައިން އަމަލުކުރާ އިންސާނުން މަދީ ހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. ޖަނަވާރުންނާއި އެއް ބީދައިން މިފަދަ ކަންކަން ކުރާ މީހުންނަކީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބައެކެވެ. އެހެނީ ޖަނަވާރުން އެގޮތަށް އެކަންކަން ކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނުއެނގޭތީއެވެ. ބުއްދި ދެއްވަވާފައި ނުވާތީއެވެ. ވީމާ ވިސްނުމުގެ ބާރު ދެއްވަވާފައިވާ އިންސާނުން ވެއްޓިގެން އެދަނީ ޖަނަވާރުންނަށްވުރެ މާ ދަށު ދަރަޖައަކަށެވެ.  

ނިކަންވިސްނައިލަބަލާށެވެ! ޖަނަވާރުން އެއެއްޗެތީގެ ދަރިންނަށް ޖިންސީ ގޯނާކޮށް ގުޅުން ހިންގަނީ ދަރިންކަން ވަކިކުރަން ނުއެނގޭތީއެވެ. އިންސާނުން މިއަދު އެ ނުބައި ޢަމަލުކުރަނީ އެކަން މިކުރަނީ އަމިއްލަދަރިންނާއިކަން އެނގިތިބެއެވެ. ދަރިންނަށް ރަޙުމެއް ނެތްތަނުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއްވެސް ނެތިއެވެ. 

އެހެންކަމާއިއެކުވެސް ދުލުން މިބުނަނީ ސުވަރުގެ ބޭނުން ކަމަށެވެ! އެބަސް ދެކޮޅު ޖެހޭނީ ކޮންފަދައަކުން ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން