ކާފަރުންގެ ތާއީދު ހޯދުމަށްޓަކައި ކާފަރުންނަށް ތަބަޢަވަމުންދާ އެންމެން، ޚާޢްޞަކޮށް މުސްލިމް ޤައުމުތަކުގެ ވެރިންނާއި ކަންކަން ހިންގުމުގެ ބާރު ލިބިގެންވާ މީހުންނަށް މިއަދު މިއުޅެނީ ކީއްވެގެންހެއްޔެވެ؟ ބިރުވެތިވާން ޖެހޭނީ ކާފަރުންނަށް ހެއްޔެވެ؟ ނޫނީ ބިރުވެތިވާންޖެހޭނީ ﷲ ތައާލާގެ ނަޞްރު ދެއްވެވުން އެމީހަކަށް ނުވަތަ އެ ބައަކަށް ކެނޑިގެން ދިއުމުން ދެން ވާނެ ގޮތްތަކަށް ހެއްޔެވެ؟
މިބަޔާންކުރި މީހުން އިތުރަށް ވިސްނަން ޖެހޭ ސަބަބު ވަރަށް ސާފެވެ. މީހަކު ފަރުދީގޮތުން ކުރާ ކަމެއްގެ ސަބަބުން ފާފަވެރިވާނީ އެމީހެކެވެ. އެހެން ބައަކަށް އެކަމުގެ އަސަރެއް ނުކުރާނެއެވެ. ނަމަވެސް ވެރިއަކު ނިންމާ ނިންމުމެއްގެ ސަބަބުން މުޖުތަމައުއަށް ކުރާ އަސަރުގެ ފާފަ އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމަށްޓަކައެވެ. އެކަމުގެ ސަބަބުން މުޖުތަމައުއަށް ލިބޭ ހުރިހާ ގެއްލުންތަކެއްގެ ޒިންމާ އެމީހަކަށް ނުވަތަ އެކަމުގައިވެރިވި ބައަކަށް އުފުލަންޖެހޭނެތީއެވެ!
މިފަދަ ބަސްތައް ބުނުމުން އެއީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބަލައި ހައްޔަރުކޮށް އަދަބު ދެވިދާނެއެވެ. ތެދެކެވެ. މިފަދަ ބަސްތައް ބުނާ ކޮންމެ މީހަކީ ހަރުކަށި ފިކުރުގެ މީހެކެވެ. ނަމަވެސް އެމީހަކު ހަރުކަށި އެވަނީ ﷲ ތައާލާ މަތިވެރި ކުރުމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތައް އެކަލާނގެ އެންގެވި ގޮތަށްތަންފީޒުކުރުމަށެވެ. ވީމާ މިދުނިޔޭގައި އެފަދަ މީހަކަށް ކިތަންމެ ބޮޑު އަދަބެއް ދިން ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނީ މަތިވެރިކަމެވެ. ސަވާބެވެ. އެއީ އެއްވެސް ޝައްކެއް ކުރަން ޖެހޭނެ ކަމެއް ނޫނެވެ!
މުސްލިމުންނަކީ ކާފަރުންގެ ރުހުން ހޯދަން ޖެހޭ ބައެއް ނޫނެވެ. މުސްލިމުން ކޮންމެ ކަމެއްގައިވެސް މަސައްކަތް ކުރަންޖެހޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުމުން ދާނީ ހުރިހާ ކަމެއް ޙާޞިލުކުރެވެމުންނެވެ.
ކާފަރުންނަށް ތަބަޢަވެ އަޅުވެތިވާ މުސްލިމް ޤައުމުތަކުގެ އިސްވެރިން ބިރުގަންނަންވީ މިއާޔަތަށެވެ. އިސްލާމް ދީނުގައި ބަޔާންވެގްންވާ ޙައްދުތައް ޤާއިމު ނުކުރާ ވެރިން ބިރުގަންނަންވީ ވެސް ހަމަ މި އާޔަތަށެވެ. ބަޤަރާ ސުރަތުގެ 120 ވަނަ އާޔަތަށެވެ.
"އަދި ޔަހޫދީންވެސް ނަޞާރާ އިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމްގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގެންފިނަމަ، ﷲގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިއަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ."
މިއީ ﷲ ތައާލާ ރަސޫލް (ﷺ) އަށް ކުރެއްވެވި އަމުރުފުޅެކެވެ. ނަމަވެސް ކީރިތި ޤްރުއާނުގައި މިއާޔަތް މި ގޮތަށް ބާވައި ލެއްވެވުމުން އެއީ އެންމެހައި މީސްތަކުންގެ މައްޗަށް ބާވައިލެއްވެވި ޙުކުމްފުޅެއްކަން އެނގިގެންދެއެވެ.
ކާފަރުންގެ އެދުންތަކަށް ބޯލެނބުމެއް ނެތެވެ. އެމީހުން ބޭނުންވާނީ އެމީހުންގެ ގޮތްތަކުގައި މުސްލިމުން ހިފުމަށެވެ. ނަމަވެސް އެފަދަ ކަމެއް ކޮށްފި މީހާއަށް ﷲ ތައާލާގެ އެހީތެރިވެވޮޑިގަތުން ކެނޑިގެންދާނެކަން މިއާޔަތުގައި މިވަނީ ވަރަށް ސާފުކޮށް، ވަރަށް ތިލަ ޢިބާރާތުން ބަޔާން ކުރައްވަވައިފައެވެ. "އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމްގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގެންފިނަމަ، ﷲގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިއަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ."
ކާފިރުންނަށް އަޅުވެތިވެ އެމީހުން ރުއްސައިގެން ހޯދާ ފައިސާ އިން ނުވަތަ ގެންނަ ތަރައްޤީން ރައްޔިތުންނަށް ފައިދާ ނުކުރަނީވެސް އެކަމަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން