މުޞީބާތެއް ޖެހުމުން ނަމަވެސް ތައުބާވާ މީހުންނަށް އެއްޗެތި ނުގޮވާށެވެ! ތިމާއަކީވެސް ކޮންމެ ވަގުތަކުވެސް ފަޟީޙަތްވެދާނެ ޙާލުގަ ހުރި މީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މުޞީބާތެއް ޖެހުމުން ނަމަވެސް ތައުބާވާ މީހުންނަށް އެއްޗެތި ނުގޮވާށެވެ! ތިމާއަކީވެސް ކޮންމެ ވަގުތަކުވެސް ފަޟީޙަތްވެދާނެ ޙާލުގަ ހުރި މީހެކެވެ!

ގިނަ މީހުންނަކީ ދުނިޔޭގައި އުފަލުގައި އުޅެވޭއިރު ﷲ ތަޢާލާގެމަތިން ހަނދާންކުރާ ބައެއް ނޫނެވެ. ހަނދާންކުރާނަމަ ކޮންމެ ނަމާދަކަށްވެސް މިސްކިތްތައް މަގުތަކާއިއެކު ފުރިބާރުވާނެއެވެ. މުސްލިމް ކޮންމެ ޤައުމެއްގައިވެސް ހުރި މިސްކިތްތަކުގެ ޖާގައަށް ބެލުމުން ނަމާދުކުރަންޖެހޭ ނިޞްބަތުން ވަރަށް ކުޑަކަން އެނގޭނެއެވެ. 

ބައެއް މީހުންނަށް ﷲ ތަޢާލާގެމަތިން ހަނދުމަވަނީ ކޮންމެވެސް ކަމަކަށް ބޭނުންވުމުން ނުވަތަ ދަތި އުނދަގޫކަމެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުންނެވެ. އެޙާލަތުގައި އޭނާ ތައުބާވެ ހެޔޮ ޢަމަލުކުރަން ފެށުމުން އޭނާގެ މާޒީ ހަނދާންކޮށްދީ ނަފްރަތުގެ ބަސްބުނެ މަލާމާތް ނުކުރާށެވެ! އޭނާއަށް ހިތްވަރުދޭށެވެ! 

ސަބަބަކީ ގިނައީ މިބުނި ފަދަ ކަންކަން ކުރިމަތިވުމުންވެސް ތައުބާ ނުވެވޭ މީހުންކަމުގައިވާތީއެވެ. އޭނާއަށް ތައުބާ އެވެވެނީ އެނާއަށް ﷲ ތައާލާގެ ރުހިވޮޑިގަތުން އޮތުމުންނެވެ. ނޫންނަމަ އޭނާވެސް ވެގެން ދިއައީހީ ތައުބާ ނުވެވޭ ޖާހިލުންގެ ތެރެއިންނެވެ. 

ވިސްނައިލަން އޮތް ކަމަކީ މީހަކު ފާފަކުރާކަން މިއެނގެނީ ބޭޒާރުވެ ފަޟީޙަތްވުމުންނެވެ. އަހަރެމެން ކޮންމެ މީހަކީވެސް ފާފަ ކުރެވޭ މީހެކެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ފަޟީޙަތް ނުކުރައްވަވަނީއެވެ. ވީމާ ތިމާ ފަޟީޙަތް ނުކުރައްވަވައި ހުރުމަކީ ތިމާއަކީ ފާފަ ނުކުރާ މީހަކުކަން އަންގައިދޭ ސަބަބެއް ނޫނެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ފަޟީޙަތްވެދާނެ ޙާލުގައި ހުރި މީހެކެވެ. އެޙާލަތުން އިސްތިސްނާވެ ހުރެވޭނީ ވަރަށް މަދު މީހެކެވެ. ހާހަކުން މީހަކަށެވެ. 

ވީމާ މީހަކު ތައުބާވެއްޖެނަމަ އޭނާ މާޔޫސްވާނެ ބަސްތައް ނުބުނާށެވެ! އޭނާއަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކޮށް ހެޔޮދުޢާކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން