ނަމަނަމަ މަޅީގަ ނުޖެހޭތި! މާފަށް އެދުމަށާ މާފުކުރަން އިބިލީސް ހުރަސްއަޅަނީ އޭނާ އާއެކު ނަރަކައަށް ވައްދާ ބައިގިނަކޮށް ތިބާވެސް ހިމަނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނަމަނަމަ މަޅީގަ ނުޖެހޭތި! މާފަށް އެދުމަށާ މާފުކުރަން އިބިލީސް ހުރަސްއަޅަނީ އޭނާ އާއެކު ނަރަކައަށް ވައްދާ ބައިގިނަކޮށް ތިބާވެސް ހިމަނަން!

މީހުންނަށް އައިސްފައިވާ އެންމެ ނުބައިކަން ބޮޑު އެއްބަދަލަކީ މާފަށް އެދެންޖެހޭ ޙާލަތުގައި މާފަށް އެދެން ލަދުގަތުމާއި ނުވަތަ ބޮޑާވުމާއި މާފަށް އެދުމުން މާފުކުރަން ފަސްޖެހުމެވެ. މިނުބައި  ބަދަލު އައިސްގެން މިއުޅޭ ސަބަބަށް ވިސްނައިލަމާ ހެއްޔެވެ؟ 

މީހަކާއިމެދު ކުށެއް ކުރެވިފައިވާނަމަ، އަދި އެންމެ ކުޑަމިނުން ނުބައި ބަހެއް ބުނެވިފައިވީނަމަވެސް އެމީހެއްގެ ކިބައިން މަޢާފަށް އެދެން ޖެހޭކަން އެއީ ޔަޤީންކަމެކެވެ. ނޫން ނަމަ އެމީހަކު ޤިޔާމަތް ދުވަހު އެމިހާގެ ޙައްޤު ހޯދަން ތިބާ އާއި ކުރިމަތިލާނެއެވެ. އަދި ޖެހޭނީވެސް ބަދަލު ދޭށެވެ. 

މިކަން ހުރިހާ މުސްލިމުންވެސް ޤަބޫލުކުރެއެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން ބޭނުންވެސް ވެއެވެ. ނަމަވެސް ހިތާމައަކީ މށާފަށް އެދުމުގެ ފުރުޞަތު ބައެއް މީހުންނަށް ނުލިބޭ ކަމެކެވެ. އެހެން އެކަން މެދުވެރި އެވަނީ އެދެމެދަށް ޝައިޠާނާ ވަދެގަންނާތީއެވެ. ތިއަކަން ކުރުމުން ތިމާގެ އަގު ވެއްޓޭނެ ކަމަށް ބުނެ ބިރު ދައްކާތީއެވެ. ޝައިޠާނާގެ ބޭނުމަކީ އެ މައްސަލަ ދުނިޔޭގައި ހައްލުކުރިއަ ނުދިނުމެވެ. ދެމީހުންގެ މައްސަލަ ޤިޔާމަތް ދުވަހަށް ބޭއްވުމެވެ. 

އެގޮތަށް ބޭނުންވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އެމީހާއަށް ބަދަލުދޭން ޖެހުމުން ތިބާގެ ހެޔޮ އަމަލުތައް މަދުވެ ތިބާއަކީވެސް ނަރަކައަށް ދާން ޖެހިދާނެ މީހެއް ކަމުގައި ހެދޭތޯ ބެލުމެވެ. އިބިލީހާއި އެކު ނަރަކަސް ވެއްދޭނެ މީހުންގެ އަދަދު ވީހައި ގިނަ ކުރުމެވެ. އެއިގެ ތެރޭގައި ތިބާވެސް ހިމެނުމެވެ. 

ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ބިރުވެތިވާން ޖެހޭނެ ކަމެކެވެ. އިބިލީހުގެ ބަހަށް ނުހެއްލޭށެވެ. މާފަށް އެދެންޖެހޭ އެންމެންގެ ކިބައިން އަވަހަށް މާފަށް އެދޭށެވެ! މާފަށް އެދުމުން މާފު ނުކުރުމަކީ ތިބާގެ މައްސަލައެއް ނޫނެވެ. އެއީ އެމީހާގެ މައްސަލައެކެވެ. މާފަށް އެދުމުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ. ވީމާ މާފު ނުކޮށްފާނެ ކަމަށް ބަލައި މާފަށް ނުއެދު ހުރުމެއް ނެތެވެ! 

އިބިލީސް މަޅިފަތިލާނީ ވަރަށް ބޮޑަށް ގިރިޓީކޮށްފައެވެ. އެއީ މަޅިއެއްކަން ނުވެސް ވިސްނޭނެހައި ވަރަށް ޒީނަތްތެރިކޮށްފައެވެ. ނަރަކައިން ސަލާމަތްވެވޭނީ މިކަންކަމަށް ވަރަށް ބޮޑަސް ވިސްނައި ސަމާލުކަންދީގެން ހުރުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން