ޤުރްއާނުގެ މަޤްޞަދު ނޭނގޭ މީހުން ގިނަވުމަކީ ބިރުހުރިކަމެއް! އެންމެންނަށް އެނގެން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޤުރްއާނުގެ މަޤްޞަދު ނޭނގޭ މީހުން ގިނަވުމަކީ ބިރުހުރިކަމެއް! އެންމެންނަށް އެނގެން ޖެހޭނެ!

މިއަދު ގިނަ ބައަކަށް ޤުރްއާނާއިމެދު ވިސްނިފައި އޮންނަނީ އެއީ "ރިފަރަންސް" ފޮތެއް ކަމަށެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ޤުރްއާނަކީ އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ "ޕީނަލްކޯޑެވެ" އޮތީ ޢަމަލުކުރުމެވެ. އެންމެ އަކުރަކަށް އަދި ފިއްޔަކަށްވެސް ބަދަލެއް ނުގެނެވޭނެއެވެ. 

ޤުރްއާން ބާވައިލެއްވެވުނީ ވަކި ޒަމާނަކަށް ނޫނެވެ. ކޮންމެ އާޔަތެއްވެސް ބާވައިލެއްވެވުނީ ބާވައިލެއްވެވުނު ހިނދުން ފެށިގެން ދުނިޔެ ނިމެންދެން ޢަމަލުކުރުމަށެވެ. ވީމާ 2020، 2021 ވުމަކުން ޤުރްއާނުގައިވާ އެއްވެސް ކަމަކަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުގެނެވޭނެއެވެ. 

"ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް އީމާންވެތެވެ. އަދި އެފޮތަށް ކާފިރުވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ". (ބަޤަރާ ސޫރަތުގެ 121) 

މިއީ ބަޤަރާ ސޫރަތުގެ 121 ވަނަ އާޔަތެވެ. މިއާޔަތުގައި "އެފޮތަށް ކާފިރުވާ މީހުން" ކަމުގައި ބަޔާން ކުރައްވަވާފައި އެވަނީ ކީރިތި ޤްރުއާނަށް އަމަލު ނުކުރާ މީހުންނަށެވެ. "ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް އީމާންވެތެވެ." އޮތް ބަސްފުޅުގެ މާނައަކީ ޙައްޤު ގޮތުގައި އެފޮތް ކިޔެވުމަކީ އެފޮތަށް އީމާންވުން ކަމުގައި ބަޔާން ކުރެއްވެވުމެވެ. އެފޮތަށް (ޤްރުއާނަށް) އީމާން ވުމަކީ އެފޮތަށް ޢަމަލުކުރުން ކަމުގައި މެނުވީ ނުވެއެވެ. 

ވީމާ ކީރިތި ޤްރުއާނުގައި ބާވައިލައްވަވާފައިވާ އެއްވެސް ޙުކުމްފުޅަކަށް އަމަލު ނުކުރުމަށްފަހު ޤައުމުތަކުގެ ވެރިންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އަދި ކިއެއްތަ! އެއްވެސް މީހަކަށްވެސް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. 

ބައެއް މީހުން އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެމީހަކު އެފަހަރަކު ބޭނުންވި ގޮތަކަސް އެބަ ނިންމައިލައެވެ. އެއީ އެމީހަކަށް ލިބިގެންވާ އަމިއްލަ އިޚްތިޔާރެއް ކަމަށް ބަލައިގެންނެވެ. ނަމަވެސް ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް ކީރިތި ޤްރުއާނާއި ޚިލާފަށް ނިންމުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަމިއްލަ ދިރިއުޅުމުގެ ކަމެއްގައި ނަމަވެސް މެއެވެ. އެހެން މީހަކާއިއެކު ކުރާ މުޢާމަލާތެއްގައި ނަމަވެސް މެއެވެ. 

ވީމާ އަމިއްލަ ހަޔާތާއި ދިރިއުޅުމުގެ ކަންކަން ނިންމާއިރުވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެއްވެސް ކަމަކާއިމެދު ތިމާއަށް އެއްވެސް މިންވަރަކަށް އޮޅުން އަރާނަމަ، ޝައްކުވާނަމަ ދީނިގެ ޢިލްމުވެރިންގެ އަރިހުން އޮޅުންފިލުވައި ކީރިތި ޤްރުއާނުގައި އޮންނަ ގޮތަށް ޢަމަލުކުރާށެވެ! އަނބިދަރިންނާއި ޢާއިލާގެ މައްސަލަތަކުގައިވެސްމެއެވެ. 

ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް ހާމަކުރުމުން އިތުރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ! އޮންނާނީ ޢަމަލުކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން