ކައިވެނި ދަމަހައްޓަން ނޭނގޭނަމަ އެންމެ ފައިދާހުރި ވިޔަފާރީގަ އެހުރީ ފޭލްވެފަ! އިތުބާރުކޮށްގެން ނުވާނެ!

ކިޔުމަށް ހޭދަވާނީ 2މ 10ސ
ކައިވެނި ދަމަހައްޓަން ނޭނގޭނަމަ އެންމެ ފައިދާހުރި ވިޔަފާރީގަ އެހުރީ ފޭލްވެފަ! އިތުބާރުކޮށްގެން ނުވާނެ!

ފައިދާހުރި ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ ކޮންމެ ގޮތަކުން ނަމަވެސް އެ އެއްބަސްވުން ދަމަހައްޓަން ގަދައަޅައި މަސައްކަތް އެބަކުރަމުއެވެ. ކައިވެނީގެ އިޤްރާރަކީ މާމަތިވެރި އެގްރިމަންޓެކެވެ. ތިމާގެ ދުނިޔަވީ ހަޔާތާއި އުޚުރަވީ ހަޔާތް ކާމިޔާބުވުން އޮތީ އެ އެއްބަސްވުން ދެމެހެއްޓިވަރަކުން ނަމަވެސް ކައިވެނީގެ އިޤްރާރު ދަމަހައްޓަން މަސައްކަތްކުރެވެނީ މަދު މީހަކަށެވެ.  

މިހެން ބުނުމުން މިވެނި މީހަކީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާއި އޭނާ މިހާރު ވެސް އެތައް އަންހެނުންނަކާއި ކައިވެނި ކޮށްފި ކަމަށް ބުނެފާނެއެވެ. ސުވާލަކީ ވިޔަފާރީގައި ކާމިޔާބު ފަދައިން ކައިވެނީގައި ކާމިޔާބުނަމަ އެހާ ފަސޭހައިން ވަރިކުރަންޖެހެނީ ކީއްވެގެން ހެއްޔެވެ؟ އަބަދު އަނބިން ބަދަލުކުރަންޖެހެނީ ކީއްވެގެން ހެއްޔެވެ؟ 

އަދި އެފަދަ މީހަކު ފާހަގަ ކުރެވޭނަމަ ނިކަން އެމީހެއްގެ ޙާލަތު ދިރާސާކޮށްބަލާށެވެ! އާޚިރަތަށްޓަކައި އެމީހަކަށް ކުރެވެނީ ކޮންކަމެއްތޯ ނިކަން ބަލައިލަބަލާށެވެ! އެހައި ތަނަވަސް އިރުވެސް ކޮޅަށް ހުރެވެނީ ދުވާލަކު ކިތައް ގުޅަ ބޭސް ކައިގެންކަން ނިކަން ބަލައިލަބަލާށެވެ! 

އިސްލާމީ ކައިވެނިކުރުމަށް ބަލާއިރު ދެމަފިރިން ބައްދަލުވަނީ ކައިވެނީގައެވެ. އެހިސާބުން ދެމީހުންނަކީ އެކެކެވެ. އަނބިމިހާއަކީ ފިރިމީހާގެ ހުރިހާ މީހާއެވެ. ފިރިމީހާއަކީ އަނބިމީހާގެ ހުރިހާ މީހާއެވެ. ކައިވެނީގައި ދެމީހުން ﷲ ތަޢާލާ ހެކިކޮށް، ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށް އެއްބަސްވަނީ އެ އަހުދުނާމާ ހިފެހެއްޓުމަށެވެ.  

ވިޔަފާރީގެ އެއްބަސްވުންތައް ކޯޓުގައި ރަޖިސްޓްރީކުރާއިރު ފަނޑިޔާރު ޚުޠުބާއެއް ނުކިޔާނެއެވެ. ކިޔާނީ އެއްބަސްވުމުގައި ހުރި މާއްދާތަކެވެ. ނަމަވެސް ކައިވެނިކޮށްދިނުމުގެކުރިން ޚުޠުބާއެއް ކިޔައެވެ. ކައިވެނީގެ އިޤްރާރުގައި ސޮއިކުރުވަނީ ޚުޠުބާ އަޑުއިއްވައިފައެވެ. ދީނީ އެތައް ނަބޭޙަތެއް ދިނުމަށްފަހުގައެވެ. 

މިކަމުން ވެސް އެނގިގެންދަނީ ކައިވެނީގެ އެއްބަސްވުމަށް ޢަމަލުކުރަން މަސައްކަތްކުރަން ޖެހޭނެ މިންވަރު މާބޮޑުކަމެވެ. ވީމާ އަހަރެންގެ ވިސްނުމުން ބުނާނަމަ ބުނާނީ ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވައިލާއިއރުވެސް މިކަމަށް ބަލަންޖެހޭނެ ކަމަށެވެ. ﷲ ތަޢާލާގެ ނަންފުޅުގައި ހަދާ އެންމެ މުހިންމު އެއްބަސްވުންކަމުގައިވާ ކައިވެނީގެ އެއްބަސްވުމަށް އިޙްތިރާމް ނުކުރާ މީހަކު އެހެން އެއްވެސް އެއްބަސްވުމަކަށް އިޙްތިރާމް ކުރާނެ ކަމަކަށް އަހަރެންގެ ބުއްދިއަށް ޤަބޫލެއް ނުކުރެވެއެވެ. 

ދިރިއުޅުމުގަ ދިމާވާ ގޮތަކުން އަނބިމީހާ ނުވަތަ ފިރިމީހާ ބަދަލުކުރަންޖެހިދާނެއެވެ. ދެވަނަ އަންތބަކު ހޯދަން ވެސް ޖެހިދާނެއެވެ. ނަމަވެސް އެކަނިވެރިވުމުން ކުރާ ދެވަނަ ކައިވެނީގައި އޭނާއަށް ދެމިހުރެވިފައި ތިމާއަށް ގިނަ ބައަކާއި ކައިވެނިކުރަންޖެހޭނަމަ ތިމާގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ބުއްދިވެރިންނަކީ އެކަންކަމަށް ވިސްނައި ކަންކަން އިޞްލާޙްކުރާ މީހުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން