އެއްވެސް މީހެއްގެ ބޮލަށް އިބިލީސް ފުރިހަމައަށް ސަވާރުވެއްޖެނަމަ އޭނާގެ ސިކުނޑިއާއި ވިސްނުން ކޮންޓްރޯލްކުރާނީ އިބިލީހެވެ. އިބިލީހުގެ ކަސްތޮޅުން ކަސްތޮޅު އެޅި އެފަދަ ނިކަމެތި ޙާލުގައި ތިބޭ މީހުންގެ ކިބައިން ފެންނާނެ ބައެއް ސިފަތަކަކީ:
- ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަންދެން ކެތްތެރިވާކަށް ބޭނުމެއް ނުވާނެއެވެ. ވައްކަންކޮށްގެންވެސް ކޮރަޕްޝަނުގެ އަމަލުތައްކޮށްގެންވެސް ތަނަވަސްކަން ލިބިގަންނަން މަސައްކަތްކުރާނެއެވެ.
- ކައިވެނިކުރެވެންދެން ކެތްތެރިވާން ބޭނުމެއް ނުވާނެއެވެ. ހެދުނުހައި މަކަރެއް ހަދައިގެންވެސް ފާހިޝް ޢަމަލުތައް ކުރަން ބޭނުންވާނެއެވެ.
- ބަންގީގެ އަޑުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެން މީހުން ނަމާދުކުރަންވެސް ހުރަސް އަޅާނެއެވެ. ނަމާގެ ޖަމާއަތަށް ނުދިއުމަށް ވަކާލާތުކުރާނެއެވެ.
- ޤުރްއާނުގެ އަޑު އަހަން ބޭނުމެއް ނުވާނެއެވެ. ޤުރްއާނުގެ އަޑު ކަނޑުވާލަން ބޭނުންވާނެއެވެ.
- އިސްލާމީ ނޫރު ފަތުރަން ހުރަސްއަޅާނެއެވެ. އެކަމަށް މަސައްކަތްކުރާ މީހުންގެ އަގުވައްޓާލައި އިތުބާރު ގެއްލުވާލަން މަސައްކަތްކުރާނެއެވެ.
- ތިމާ އެދޭ މަޤާމް ﷲ ތަޢާލާ ތިމާއަށް ދެއްވަވަންދެން ކެތްތެރިވާން ބޭނުމެއް ނުވާނެއެވެ! މަޤާމް ލިބުމަށް ހުރަހަކަށްވާކަމަށް ޤަބޫލުކުރެވޭ ކަންކަން ނައްތާލަން އެއްވެސް ކުރަން ޖެހިލުމެއް ނުވާނެއެވެ. ހަމައާ އިންޞާފަކަށް، ޤާނޫނަކަށް އަދި ޤުރްއާނަކަށް ނުބަލާނެއެވެ!
- ދެފަހަރު އެއް ގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ. ބުނާ ބަސްތައް އިރުއިރުކޮޅުން ބަދަލުކުރާނެއެވެ. އަދި ލޯބިވެ ހެޔޮއެދޭނީ ހަމައެކަނި ތިމާގެ ފިކުރަށް ތާއީދުކުރާ މީހުން ދެކެއެވެ.
މިއީ ބައެއް ސިފަތަކެވެ. މިފަދަ ސިފަތައް ހުރި މީހަކު ފެނިއްޖެނަމަ ﷲ ތަޢަލާއަށް ބިރުވެތިވެ އެމީހަކާއި ދުރުހެލިވާށެވެ!
- ޝައިޚް ޖަމާލް އަޙްމަދު