ދުޢާކުރަން ފަސްޖެހުމަކީ ރަހްމަތުން މަޙްރޫމް ކުރައްވަވައިފާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދުޢާކުރަން ފަސްޖެހުމަކީ ރަހްމަތުން މަޙްރޫމް ކުރައްވަވައިފާނެ ކަމެއް!

މީސްތަކުން ކަންކަމުގައި އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ކުރުމަށް ﷲ ތައާލާ ލޯބިވެވޮޑިގެންވެއެވެ. ދުޢާ ނުކުރުމަކީ އެމީހެއްގެ ހުރި ބޮޑާކަމާއި ކިބުރުވެރިކަން އަނގައިދޭ ކަމެކެވެ. އެމީހާއަކީ ހުރިހާ ކަމެއް ފުދިގެން ހުރި މީހެއްކަން ދައްކައިދޭ ކަމެކެވެ. 

ވީމާ ދުޢާކުރުން ގިނަކުރާށެވެ! ދުޢާކުރުން ގިނަކުރުމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވެގެންދާ ކަމެކެވެ. ދުޢާކުރުމަކީ އެމީހާގެ ނިކަމެތިކަން އަނގައިދޭ ކަމެކެވެ. ހަޤީޤަތުގައި ކިތަންމެ ގިނަ ފައިސާތައް އަތުގައި ހުރި ނަމަވެސް އަދި ކިތަންމެ ބޮޑެތި ވަރުގަދަ ބާރުތަކެއް ދުނިޔޭގައި ލިބިފައިވީ ނަމަވެސް ކޮންމެ އިންސާނަކީވެސް ހަމަ މަދިރިއެއްގެ ފިޔައަކަށްވުރެ ވެސް ބަލިކަށި މީހެކެވެ. އެކަމުގެ ހެއްކަކީ ދުނިޔޭގައި އެންމެ ބާރުގަދަވެގެން އުޅުނު މީހުންވެސް ހަމަ އެންމެ ނިކަމެތިން ފަދައިން ނިމިގެން ގޮސްފައިވާ ކަމެވެ. 

އެއްވެސް މީހަކަށް ނަސަބަކުން، ހަސަބަކުން، ގައިގެ ކުލައަކުން އެއްވެސް މޮޅުކަމެއް ނެތެވެ. ހަމަ ކޮންމެ މީހަކީވެސް އެއް ވަރެއްގެ މީހެކެވެ. ދެމީހެއްގެ މެދުގައި ތަފާތުކަން އޮންނާނީ ހަމައެކަނި ތަޤްވާވެރިކަމުންނެވެ. ވީމާ ތަޤްވާވެރިކަން އިތުރުކޮށް ދެއްވަވާތޯވެސް ގިނަގިނައިން ދުޢާކުރާށެވެ! އަދި އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ! 

"އަސްތަޣްފިރުﷲ" ކިޔުމަކީވެސް ދުޢާކުރުމެވެ. މިފަދަ ކުރު ދުޢާތައް ނަމަވެސް ވީހައި ގިނައިން ކުރާށެވެ! ތިމާގެ ނިކަމެތިކަން ގިނަގިނައިން ބަޔާންކުރާށެވެ! ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެނެނެވެ. 

ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން އާދަމްގެފާނު ފުރަތަމަވެސް ތައުބާވެވަޑައިގަތީއެވެ. އަދި ފާފަ ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވީއެވެ. ތައުބާ ޤަބޫލުފުޅު ކުރައްވަވައި ބިމަށް ފޮނުއްވެވުމުންވެސް ދެމިހުންނެވީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވުންމަތީގައެވެ. 

އިބިލީސް ފުރަތަމަވެސް ބޮޑާވެ ކިބުރުވެރިވީއެވެ. އޭނާގެ މޮޅުކަން ދައްކައި ޖަދަލުކުރީއެވެ. ދެން އެއްވެސް ގޮތެއް ނެތިއްޖެކަން އެނގުމުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ދުނިޔެ ދެމި އޮތްހައި ދުވަހަކު އޭނާގެ ފުރާނަ ނުހިއްޕެވުމެވެ. އެހިސާބުން އިބިލީސް އެހުރީ އޭނާގެ ކިބުރުވެރިކަންމަތީގައެވެ. 

އަދިވެސް ވިސްނާށެވެ! އާދަމްގެފާނަށް ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވީ ހަމަ ވަގުތުންނެވެ. އެންމެ ހިނދުކޮޅެއްވެސް ލަސް ކުރެއްވެވުމެއް ނެތިއެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ ހަމަ އެގޮތެވެ. ފާފައެއް ކުރެވިއްޖެ ނަމަ ހަމަ ވަގުތުން ތައުބާވެ ދުޢާ ކުރުމެވެ. ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ލަސްކުރަން ވަސްވާސްދެނީ ވެސް ހަމަ އިބިލީހެވެ. ފާފަ ކުރެވެނީވެސް އިބިލީހުގެ ސަބަބުންނެވެ. ވީމާ ފާފައެއް ކުރެވުމުން ތައުބާވެ ދުޢާކުރުން ފަސްކުރުމުން އިބިލީހަށް އެދެވެނީ ދެ މޮޅެވެ. ދެ އުފަލެވެ. ދެ ކުރިއެރުމެވެ. ވީމާ އެވެވެނީ އިބިލީހުގެ "ޑަބަލް" ޝިކާރައަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން