އެދެމަފިރިން ފަދައިން ވެވިއްޖެނަމަ ވަކިން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދެމަފިއަކު ނުތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އެދެމަފިރިން ފަދައިން ވެވިއްޖެނަމަ ވަކިން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދެމަފިއަކު ނުތިބޭނެ!

މިރޭ މިފަށަނީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ދެމަފިރިއެއްގެ ވާހަކައިންނެވެ. ޙިއްޞާކުރަން ބޭނުންވަނީ އެދެމަފިރިން އަހަރެންނަށް އެނގޭކަމެއް ނޫނެވެ. އެދެމަފިރިން ދިރިއުޅެމުން ގެންދާ އުފާވެރިކަމުގެ ވާހަކައާއި އެއުފާވެރިކަން ހޯދަންކުރާ ކަންތަކުގެ ވާހަކައެވެ. 

ސަމާލުވެ އަޑުއަހާށެވެ! ދެމަފިރިން ނިދަނީ ފަތިހު ހޭލަން ގަޑި ސޯނާކޮށްގެންނެވެ. ކުރިން ހޭލެވި އަނެކާ ހޭލައްވާ މީހަކަށް އިނާމު ދެއެވެ. ނަތީޖާއަކީ ދެމަފިރިންނަކީ ޤަވާއިދުން ފަތިސް ނަމާދުކުރާ ދެމަފިރިން ކަމުގައިވުމެވެ. އެކަމުގެ ނަތީޖާއަކީ އެ ދެމަފިރިންނަކީ އިންތިހާއަށް އުފާވެރިކަމާއި ތަނަވަސްކަމުގައި ދިރިއުޅެމުންދާ ދެމަފިރިން ކަމުގައިވުމެވެ! އެދެމަފިރިންގެ މެދުގައި ލޯބި ދަނީ ދިރި އިތުރުވަމުންނެވެ. އަދި ތަނަވަސްކަންވެސް އަންނަނީ އިތުރުވަމުންނެވެ.  

ކޮންމެ މުސްލިމަކު ވެސް ބޭނުންވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމުގައިވުމަށެވެ. ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެގެން ހުރި މީހަކު ކަމުގައި ވުމަށެވެ. މިކަންކަމަށް އެދުމަކީ ހަމަ ވަރަށް މުހިންމު ކަމެކެވެ. އެކަންކަމަށް އެދުމަކީ ކޮންމެހެން ކުރަން ޖެހޭ ވެސް ކަމެކެވެ. 

ސުވާލަކީ އެކަންކަން ލިބިގަތުމަށްޓަކައި ތިބާ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެގޮތުން އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ސުވާލަކީ ނަމާދަށް ބަންގި ގޮވުމުން މިސްކިތައް އަރަނީ އެންމެ ކުރިން ހެއްޔެވެ؟ އެންމެ ކުރިން މިސްކިތަށް ނުއެރޭނަމަ، އެންމެފަހުން މިސްކިތަށް އެރޭނަމަ ފުރަތަމަ އެވަނީ މައްސަލަ އުފެދިފައެވެ. 

އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭ ކަމަކީ އަވަހަށް މިސްކިތަށް ދާން ހަނދާންކޮށްދިނުމުން ނުވަތަ ނަޞޭޙަތް ދިނުމުން ރުޅި ވެސް އާދެވޭ ކަމެވެ. އެމީހަކާއިމެދު ހިތް ހަމަ ނުޖެހި ބަސްތައް ބުނެވޭ ކަމެވެ. ޙަޤީޤަތަކީ އަވަހަށް ނަމާދަށް ދިއުމަށް، ޖަމާއަތުގައި ބައިވެރިވުމަށް ނަޞޭޙަތްތެރިވާ މީހާއަށްވުރެ ރަނގަޅު އެކުވެރިއަކު ނެތް ކަމެވެ. އޭނާގެ ބަހަށްވުރެ ފައިދާހުރި ބަހެއް ވެސް ނެތް ކަމެވެ. އެމީހަކަށްވުރެ ތިމާއަށް ހެޔޮ އެދޭ މީހަކުވެސް ނެތްކަމެވެ. 

ﷲ ތައާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް ކުރަން ޖެހޭ ކަމަކީ ހެޔޮ ލަފާ ބަސް ބުނެ، އެ ބުނާ ބަހާއި އެއްގޮތަށް އަމަލުކުރާ މީހުންނާއި ގުޅުން ބަދަހިކުރުމެވެ. އެމީހުންގެ ބަސް ޤަބޫލުކުރުމެވެ. އެމީހުން އަމަލުކުރާ ފަދައިން އަމަލުކުރުމެވެ. 

ހަމައެކަނި ނަމާދުކުރުމެއް ވެސް ނޫނެވެ. ކޮންމެ ހެޔޮ އަމަލެއް ކުރަން ނަޞޭޙަތްތެރިވި ނަމަވެސް އެކަން އަވަހަށް ޤަބޫލުކުރާށެވެ! އެމީހާއަކީ ތިމާ ދެކެ އެންމެ ލޯބިވާ މީހާކަން ޔަޤީންކުރާށެވެ! އެމީހާ އެ މަސައްކަތްކުރަނީ ތިމާ ގޮވައިގެން ސުވަރުގެދާންކަން ޤަބޫލުކޮށް ޝުކުރުވެރިވާށެވެ! 

ފަތިސް ވަގުތު ވުމުން ނިދީން ހޭލައްވާ އަނބިމީހާ ނުވަތަ ފިރިމީހާ އެކަން އެކުރަނީ ވާލޯބީގެ ބޮޑުކަމުންނެވެ. ދެމީހުން އެކުގައި ސުވަރުގެދާން ބޭނުންވާވަރު ބޮޑުކަމުންނެވެ. ނަމަވެސް ބައެއް މީހުން އެމީހުން ނިދީން ހޭލެއްވުމުން އެބަ ރުޅި އާދެއެވެ! އެއްގޮތަކަށްވެސް އެހެން ނުހަދާށެވެ! ނިދީން ހޭލެއްވި މީހާއަށް ޝުކުރުވެރިވާށެވެ! އެގޮތަށް އެކަން ކޮށްދިނުމަށް އެދޭށެވެ! އެކަމަށް ހިތްވަރުދޭ މީހަކަށްވާށެވެ! އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން