ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދުމާއި ދޭތެރެ ޖެއްސުމަކީ ކިހައިވަރެއްގެ ނުބައިކަމެއް ކަމާއިމެދު މިއަދު ވިސްނައިލަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމުގައި އޮތް ދީނީ ޙުކުމަށް ބަލައިލަން މިއަދުވަނީ ޖެހިފައެވެ.
ދެމަފިރިންގެ މެދުގައި ނަފްރަތު އުފެއްދުމަކީ ނަހީ ކުރައްވަވާފައިވާ ކަމެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
لَيْسَ مِنَّا مَنْ خَبَّبَ امْرَأَةً عَلَى زَوْجِهَا، أَوْ عَبْدًا عَلَى سَيِّدِهِ»
[رواه أبو داود في سننه (2175) وصححه الألباني في صحيح أبي داود (1890)]
މާނައީ: "ދެމަފިރިންގެ ދެމެދުގައި ދޭތެރެ ޖައްސައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ނުވަތަ އަޅަކާ އޭނާގެ ސާހިބުމީހާއާ ދެމެދުގައި ދޭތެރެ ޖައްސައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ".
މިހާރަކަށް އައިސް އަބަދުހެން ފެންނަނީ ދެމަފިރިއެއްގެ މެދުގައި ކިރިޔާވެސް މައްސަލައެއް ޖެހިއްޖެ ނަމަ ދެމަފިރިންގެ މެދުގައި ފިތުނަ އިތުރުވާނެ ގޮތްތަކަށް ވާހަކަ ދައްކައި ކަންކަން ކުރެވޭ ތަނެވެ. މިއީ ވަރަށް ބިރުހުރިކަމެއްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. މިއުންމަތުން ބޭރުވާނެ ޢަމަލަކަށްވާތީއެވެ.
ވީމާ ދެމަފިރިއެއްގެ މެދުގައި މައްސލައެއް ޖެހިއްޖެނަމަ އޮތީ ޞުލްޙަކުރަން މަސައްކަތްކުރުމެވެ. އިތުރަށް ފިތުނަވެރިކުރުވަން ކަންކަން ކުރުމެއް ނެތެވެ. ދެމަފިރިއަކު ޞުލްޙަކޮށް އެކުވެރިކުރަން މަސައްކަތްކުރުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން