ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް، ޙައްޖަށް ދެވޭގޮތް ނުވި ކަމުގައި ވިޔަސް، މާތް الله ގެ ރަޙްމަތުން އުންމީދު ކަޑާނުލާށެވެ! އެކަލާނގެ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. އަމިއްލަ ޤައުމުގައި، އަމިއްލަ ވަޒަނުގައި، ތިބިކަމުގައި ވިޔަސް، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމައާއި ޘަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ވަނީ އަޅުގަނޑުމެންނަށް ތަނަވަސްވެފަ އެވެ. ރޯދަ ހިފުމާ އެކު ދުޢާ ކޮށް، އަޅުގަނޑުމެންގެ ޤައުމާއި މުޅި އިންސާނިއްޔަތު މި ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުން އެދި، މާތް اللهގެ ޙަޟްރަތުގައި ދަންނަވާށެވެ!
މުސްލިމް އަޚުންނޭވެ! الله تَعَالَىގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ، ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ، ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ، އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
މާތް الله ގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ."
الله سُبْحَانَهُ وَتَعَالَى މި ދެ އާޔަތުގައި ހަނދާންކޮށް ދެއްވަނީ، މުސްލިމުންނަށްޓަކައި ލައްވަވާފައިވާ ހެޔޮކަމުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުތަކުންނަށް މި ގޮވައިލައްވަނީ، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މި ދިހަ ރެއަކީ ޙައްޖު މަހުގެ ފުރަތަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ މާތް الله މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތަކެވެ.
މިކަން ބަޔާންކޮށްދެއްވައި، މާތް ނަބިއްޔާ z ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަ ދުވަހެވެ." އެކަލޭގެފާނު މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ، "މި ދުވަސްތަކުގައި ތަކުބީރާއި، ތަޙުމީދާއި، ތަހުލީލާއި، ތަސްބީޙަ ކިޔުން ގިނަ ކުރުމަށެވެ."
މާތް الله އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސްގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "މި ދިހަ ދުވަހަށް ވުރެ، މާތް الله ގެ ޙަޟްރަތުގައި، ހެޔޮ ޢަމަލު ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭ الله ގެ ރަސޫލާއެވެ! الله ގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. الله ގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެބުރި ނައި މީހާ ފިޔަވައެވެ."
މާތް الله ގެ އަޅުތަކުންނޭވެ! މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި، ރޯދަ ހިފުން ހިމެނެއެވެ. ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ އަރިހުން އައިސްފައި ވެއެވެ. " ރަސޫލާ ﷺ ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިއްޕެވި އެވެ." އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި، ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނެ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނެ ކަމެކެވެ."
މުސްލިމް އަޚުންނޭވެ! މާތް الله އަށް ތަޤްވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުން ގިނަ ކުރާށެވެ. އެކަލާނގެއީ އިރާދަ ކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަ ކުރައްވާ އެއްޗެއް މާތް ކުރައްވާ، ޚިޔާރު ކުރައްވާ، ރަސްކަލާނގެއެވެ.
މުސްލިމް އަޚުންނޭވެ! ޙަޤީޤީ މުސްލިމުންނަކީ، އަބަދާއި އަބަދު، މާތް الله ގެ ބަރަކާތާއި، ފުއްސެވުމާއި، ރުއްސެވުން ލިބިގަތުމަށް އެދި، ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބޭ ބަޔެކެވެ. މާތް الله ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބު ހުށްޓެވެ." ޤުދުސިއްޔަ ޙަދީޘެއްގައި މާތް اﷲ ވަޙީ ކުރައްވާފައި ވެއެވެ. (أَمْضَيْتُ فَرِيْضَتِيْ، وَخَفَّفْتُ عَنْ عِبَادِيْ، وَجَعَلْتُ لِكُلِّ حَسَنَةٍ عَشْرَ أَمْثَالِهَا) މާނައީ: "ތިމަން ރަސްކަލާނގެ ފަރްޟުތައް ވަނީ، ކަނޑައަޅުއްވައިފަ އެވެ. އަދި ތިމަން ރަސްކަލާނގެ އަޅުތަކުންނަށް ލުއިކޮށް ދެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮ ކަމުގެ ޘަވާބު ލެއްވީމެވެ."
- މިއަދުގެ ޚުޠުބާއިން