ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް އެންމެ މާތްކުރެއްވެވި ސަބަބުތަކުގެ ތެރެއިން އިސްލާމް ދީން ފުރިހަމަކުރެއްވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް އެންމެ މާތްކުރެއްވެވި ސަބަބުތަކުގެ ތެރެއިން އިސްލާމް ދީން ފުރިހަމަކުރެއްވެވުން-

މުސްލިމް އަޚުންނޭވެ! ބަރަކާތްތެރިކަން އެންމެ ބޮޑު ޒަމާނަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި،  މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ހިމެނެއެވެ. މި ދީން ފުރިހަމަ ވުމުގެ ސަބަބުން، މި ދީނުގެ އަހުލުވެރިން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބެއެވެ. 

އެމީހުންގެ ޙަޔާތް، އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ވެއެވެ. އެމީހުންގެ ސުލޫކާއި، އަޚްލާޤު ރިވެތި ވެދެއެވެ. އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން، މުސްލިމުންނަށް އެންމެ ސީދާ މަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބު ލިބެއެވެ. އިސްލާމް ދީނުގެ މަތިވެރި ރިސާލަތު ފޯރުކޮށްދެއްވުމަށް ފަހު، ލޮބުވެތި ރަސޫލާ ﷺ މިދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނެ ފަދަ ސާފު، އަމާން މަގެއް މައްޗަށް، އެބައިމީހުން ނެރުއްވާފައެވެ. 

ޔަހޫދީންގެ ޢިލްމުވެރިއަކު، މާތް الله ރުއްސުން ލެއްވި ޢުމަރުގެފާނަށް ދެންނެވިއެވެ. "ތިޔަ ބޭކަލުންގެ މައްޗަށް ބާވައިލައްވާފައިވާ ފަދަ އާޔަތެއް، އަޅުގަނޑުމެންގެ ފޮތުގައި އޮތް ނަމަ، އަޅުގަނޑުމެން އެ އާޔަތް ބާވައިލެއްވި ދުވަހަކީ ޢީދެއް ކަމުގައި ހެދީމުހެވެ." 

އެއީ ކޮން އާޔަތެއްތޯ ސުވާލު ކުރެއްވުމުން އޭނާ ދެންނެވިއެވެ. އެއީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." އޮތް އާޔަތެވެ. 

މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި، الله ގެ ނިޢުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނަން ފެށިއެވެ. الله ގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވި ފުރިހަމަ ކުރެއްވުމުގެ ތެރޭގައި، އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅު ކުރެއްވުން ހިމެނެއެވެ. އެ ދުވަސްވަރު ޢަރަބި ކަރައިގައި ޔަހޫދީ ދީނާއި، ނަޞްރާނީ ދީނާއި، މަޖޫސީ ޢަޤީދާ އާއި، ވަޘަނިއްޔަތު އޮތީ ފެތުރިފައެވެ. ޢަރަބި ކަރައިގައި އިސްލާމް ދީން، ފެތުރުމުން، އެ ތަނުގެ ބިންތައް އެ ދީނުގެ ހިދާޔަތުގެ ނޫރުން އަލިވެގެން ދިޔައެވެ. 

މާތް الله ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. "އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ ދީން ތަކުގެ މައްޗަށް، އެ ދީން ފާޅުކުރައްވައި، މަތިވެރިކުރެއްވުމަށް ޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި الله ފުދެއެވެ." 

- މިއަދުގެ ޚުޠުބާއިން

މިއަދު އޮންލައިން