އުޟްހިޔާ ކަތިލުމާބެހޭގޮތުން އެނގުން މުހިންމު ކަންކަން (1): އުޟްޙިޔާ އަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 14ސ
އުޟްހިޔާ ކަތިލުމާބެހޭގޮތުން އެނގުން މުހިންމު ކަންކަން (1): އުޟްޙިޔާ އަކީ ކޮބާ؟

ބަރަކާތުން ފުރިގެންވާ ޙައްޖުމަސް ފެށެން މހާރު މިވަނީ އެންމެ ދުވަހަކަށް ގާތްވެފައެވެ. އަންނަ އާދީއްތަ ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަހެވެ. ޙައްޖު މަހުގެ 10 ވަނަ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. ކެރިކުލަދާނަކަން ލިބިގެންވާ މީހުން އުޟްޙިޔާ ކަތިލުމަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ.

އެހެންކަމުން "އުޟްހިޔާ ކަތިލުމާބެހޭގޮތުން އެނގުން މުހިންމު ކަންކަން" ގެ ނަމުގައި މި ގެނެސްދޭންފަށަނީ އުލްޙިޔާ ކަތިލުމާއިބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހާއި ޙިއްޞާކުރައްވާފައިވާ ލިޔުއވުމެވެ. 

އުޟްޙިޔާ އަކީ ކޮބާ؟ 

އުޟްޙިޔާ އަކީ ކޮބާ؟ އަދި އުޟްޙިޔާ ކަތިލުމުގެ މަގްޞަދަކީ ކޮބާ؟ އަދި އެކަމުގެ ޙުކުމަކީ ކޮބާ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ. 

ގުރްއާނުގެ ދަލީލުތައް:

1. ސޫރަތުލް ކައުޘަރުގެ 2 ވަނަ އާޔަތް: (فَصَلِّ لِرَ‌بِّكَ وَانْحَرْ) މާނައަކީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!" 

2. ސޫރަތުލް އަންޢާމްގެ 162 ވަނަ އާޔަތް: (قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ." މިއާޔަތުގައި މިވާ "ނުސުކު" ގެ މުރާދަކީ ކަތިލުމެވެ.

3. ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތް: (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُ‌وا اسْمَ اللَّـهِ عَلَىٰ مَا رَ‌زَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ‌ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!".

ސުންނަތުގެ ދަލީލުތައް:

1. وعن عبد الله بن عمر رضي الله عنهما قال : « أقام النبي صلى الله عليه وسلّم بالمدينة عشر سنين يضحي  » رواه أحمد (4935) والترمذي (1507) ، وحسنه الألباني في مشكاة المصابيح ( 1475 )  މާނައަކީ: މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނެވި ދިހައަހަރުވެސް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައެވެ". 

2. عن البراء بن عازب رضي الله عنه أن النبي صلى الله عليه وسلّم قال: «من ذبح بعد الصلاة فقد تم نسكه وأصاب سنة المسلمين » . رواه البخاري(5545  މާތްﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ނަމާދު ފަހުން ކަތިލައިފިމީހާ އެމީހެއްގެ ނުސުކް ނުވަތަ ކަތިލުން ފުރިހަމަކޮށްފިއެވެ. އަދި މުސްލިމުންގެ ސުންނަތާ އެއްގޮތަށް ކަންތައްކޮށްފިއެވެ". 

އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ. 

އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްތޯ ނުވަތަ ދޫކޮށްލުން ހެޔޮނުވާވަރުގެ ވާޖިބު ކަމެއްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. 

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.

ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. والله أعلم.

- އަދި ނުނިމޭ

މިއަދު އޮންލައިން