ޙަޤީޤީ ޙާދިސާ: ފިރިމީހާ ކުރާ ވައްކަން އަތުލައިގަންނަން އަނބިމީހާ ބޭނުންކުރި މޮޅު އުކުޅުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާ ކުރާ ވައްކަން އަތުލައިގަންނަން އަނބިމީހާ ބޭނުންކުރި މޮޅު އުކުޅުގެ ވާހަކަ-

ކައިވެނީގައި 6 އަހަރުވީފަހުން ފިރިމީހާ އަހަރެންނާއި ދުރުވާން ފެށިއެވެ. އެއް އެނދުގައި ނިދި ނަމަވެސް އަހަރެންނާއިއެކު ރޭނުކޮށް މަސްދުވަސްވެސް ފާއިތުވާން ފަށައިފިއެވެ. ޙަޤީޤަތް ހޯދަން ބޭނުންވިއެވެ. ނަމަވެސް އޮޅުންފިލާނެ ގޮތް އޮތީ ނުވިސްނިފައެވެ. 

ފިރިމީހާއަކީ ގެއިން ބޭރަށްދާ މީހެއް ނޫނެވެ. ފޯނުގައި ބޭކާރު ވަގުތު ހޭދަކުރާ މީހެއް ނޫނެވެ. މަސައްކަތުން ނިމިގެން އައިސް އުޅޭނީ ގޭގައެވެ. ފިހާރަ ބަންދުކުރާ ގަޑީގައިވެސް ފިހާރައަށް ދާނީ މަދު ރެއަކުއެވެ. ދިއަ ނަމަވެސް ވަރަށް އަވަހަށް އެނބުރި އާދެއެވެ. ވީމާ އިތުރު ގުޅުމެއް އެއްވެސް މީހަކާއިއެކު ހިންގާ ކަމުގެ އެއްވެސް ޢަލާމާތެއް ނުވެސްފެނެއެވެ. ދުވަހަކުވެސް އެފަދަ ތުހުމަތެއްވެސް ކުރެވިފައެއްވެސް ނެތެވެ. 

މިކަންކަމަށް ވިސްނަމުން ދަނިކޮށް އެއީ ކުށަކަށްވީނަމަވެސް އެއިރު ގޭގައި ގެންގުޅޭ ފިލިޕިންސް ކުއްޖާއާއިމެދު ޝައްކުކުރެވެން ފެށިއެވެ. ނަމަވެސް ބަހެއް ބުނާނެ އެއްވެސް ހެއްކެއް ނުފެންނާތީ ކެތްތެރިވެގެން ހުރެފައި ހުކުރުވިލޭރެއަކު އެރ އޯވަނައިޓަކަށް ގެއަށްދާކަމަށް ފިރިމީހާ ގާތު ބުނީމެވެ. ގެއަށް އަންނާނީ ފަތިސް ނަމާދަށްފަހު ކަމަށްވެސް ބުނީމެވެ. ފިރިމީހާ ކަންބޮޑެއް ނުވެއެވެ. ހީކުރެވުނީ އެއީ އަހަރެން ދޭތެރެދޭތެރެއިން ކުރާކަމަކަށްވާތީ އެރޭވެސް އަޅައިނުލީ ކަމަށެވެ. 

ރޭގަނޑު ކެއުމުގެ ކަންކަން ނިމި އެކުއްޖާ ނިދަން ކޮޓަރިއަށް ވަނުމުން ފިރިމީހާގެ ކުރިމަތީގައި މަންމަމެން ގާތަށް ދާކަންދައްކާފައި ކޮޓަރިން ނުކުތީމެވެ. ނުކުމެގެންގޮސް އެ ކުއްޖާ ނިދާ ކޮޓަރީގައި އޮއްވާ ކޮޓަރިންނެރެގެން އެހެންކޮޓަރިއަކަށް ގެންގޮސް ހެނދުނު ކޮޓަރި ހުޅުވުމުގެ ކުރިން ކޮޓަރިން ނުކުމެއްޖެނަމަ ނުވަތަ ނުކުންނަން އުޅުނު ނަމަވެސް ރަށަށް ފޮނުވާލާނެ ކަމަށްވެސް ބުނީމެވެ.  

އެކުއްޖާގެ ފޯނުވެސް އަތުލާފައި ކޮޓަރި ތަޅުލާފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ އޭނާގެ އެނދުގައި އޮތީމެވެ. ގައިމަތިން ފޮތިގަޑެއްވެސް އަޅައިގެންނެވެ. ފެންނަ ގޮތަށް އޭނާގެ ފޯނު ވެސް އޮންނާނީ ބާއްވައިފައެވެ. 

ގަޑިއެއްހައިއިރު ފަހުން ފިރިމީހާ އަހަރެންގެ ފޯނަށް ގުޅައި ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. އަދި އެރޭ ގެއަށް ނުދާނެކަންވެސް ޔަޤީންކުރިއެވެ. ކުޑައިރުކޮޅެއް ފަހުން އިތުރު ތަޅުދަނޑިއަކުން ކޮޓަރި ހުޅުވައިގެން އަހަރެން އޮތް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. ވަރަށް މަޑުމަޑުން އަހަރެންގެ ގައިމަތީގައި އޮތް ފޮތިގަނޑު ނެގުމާއިއެކު ދިއައީ ސިއްސައިގެންނެވެ. 

އަޅާވެސް ނުލާ ކޮޓަރިން ނުކުތީމެވެ. ނުކުމެގެންގޮސް ގޭގައި ގެންގުޅޭ ކުއްޖާ އޮތް ކޮޓަރީގެ ދޮރު ހުޅުވައި ނިދަން ކޮޓަރިއަށްދާން ބުނީމެވެ. އަދި އަހަރެން އޮޅުން ފިލުވަން ބޭނުންވި ކަންކަން އޮޅުންފިލައިފިކަމަށްވެސް ބުނީމެވެ. 

ވަރިވާން ބޭނުންވެގެން އެދުމުން ފިރިމީހާ ކުރި އާދޭހަށްޓަކައި އޭނާއަށް މާފުކުރީމެވެ. ނަމަވެސް އެހިސާބުން ގޭގައި ގެންގުޅެން އެއްވެސް ކުއްޖަކު ނުގެންނަމެވެ. މުސާރަދީގެން ގެންގުޅެނީ ވަރަށް ދޮށީ އުމުރުގެ އަންހެނެކެވެ. އެކަނިވެރިމައެކެވެ. އޭނާގެ ދަރިފުޅާއިވެސް އެކުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަހަރެންގެ އިލްތިމާސަކީ ފިރިމީހާގެ ކިބައިން ކަމެއް ފެންނަނަމަ ފަރުވާކުޑަނުކޮށް އަވަހަށް އެކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާށެވެ. ޚާއްބަކޮށް މިޒަމާނުގައި ވަރަށް ދޮން ރީތި އަންހެންކުދިން ގޭގައި ގެންގުޅޭއިރު ސަމާލުކަންދޭށެވެ. ކިތަންމެ ރަނގަޅު ފިރިއަކުވެސް ހަމަ ގޯޅިއަޅައިފާނެއެވެ. އެކަމުގައި ގެންގުޅޭ ކުދިން ކުށްވެރިކުރުމެއްވެސް ނެތެވެ. އެކުދިން ބޭނުންވާނީ އިތުރު ފައިސާއެވެ. އިތުރު ފައިސާ ހޯދަން ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. އެކަން ދަންނަންވީ އަހަރެމެން އަނބިންނެވެ. 

- ނަޒީފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން