ފާއިތުވި ރަމަޟާން މަހުގެ ރޯދަ ޤަޞާ ކުރަން ހުރި މީހުން ޙައްޖު މަހުގެ 9 ދުވަހު ރޯދަ ހިފުމުން ޤަޟާކުރަން ހުރި ރޯދަ ޤަޟާވެސް ކުރެވުނީ، އަދި ދުވަސްތަކުގެ ތެރެއިން އެންމެ ބަތަކާތްތެރިކަން ބޮޑުވެގެންވާޙައްޖު މަހުގެ 9 ދުވަހު ރޯދަވެސް ހިފުނީ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުިވެފައިވާ ބަސްފުޅުން އެނގިގެންދަނީ ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިފުމުގެ ފައިދާ ބޮޑުކަމެވެ. އެދުވަސްތަކުގައި ރޯދަ ހިފުމުން ރޯދަ ޤަޟާކުރެވުމުގެ އިތުރުން އެދުވަސްތަކުގައި ރޯދަ ހިފިކަމުގެ ޘަވާބުވެސް އެމީހަކަށް ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ
އަޅުކަމުގެ ތެރެއިން އެންމެ ގިނަ ޘަވާބާއި ދަރުމަ ދެއްވަވާ އަޅުކަމަކީ ރޯދަހިފުމެވެ. ރޯދައަށް ދެއްވަވާ ޘަވާބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. މަލާއިކަތްބޭކަލުންނަށްވެސް އެކަން އެނގިވަޑައެއް ނުގަންނަވައެވެ. (ނުއަންގަވަތެވެ.)
ހިފާ ކޮންމެ ރޯދައެއް އެމީހަކާއި ނަރަކައާއި 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދޭނެކަން ޙަދީޘްފުޅުން އެނގެން އޮތްއިރު ދުވަސްތަކުގެ ތެރެއިން އެންމެ މަތިވެރިކަން ބޮޑުވެގެންވާ 9 ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން ރޯދަހިފާލުން ކީއްތޯއެވެ؟
ކޮންމެ މީހަކުވެސް އެކަމަށް އިސްނަގާށެވެ! އަދި އެމީހެއްގެ ގާތް މީހުންނަށާއި އެކުވެރިންނަށް މި މައުލޫމާތު ހިއްޞާކޮށް މާދަމާ (އާދީއްތަ ދުވަހުން) ފެށިގެން ކުރިއަށް އޮތް 9 ދުވަހު ރޯދަހިފުމަށް ޝައުޤުވެރިކުރުވަން މަސައްކަތްކުރަމާތޯއެވެ؟ ތިބާގެ މަސައްކަތުން އެންމެ މީހަކު ރޯދަ ހިފިނަމަވެސް، އޭނާ ހިފާ ރޯދައިން އުނި ކުރެއްވެވުމެއް ނެތި ތިބާއަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ