އުޟްޙިޔާ ކަތިލުމުގެ ވަގުތު
އުޟްޙިޔާ ކަތިލުމުގެ ވަގުތަކީ ކޮބައިތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށެނީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކުގައެވެ. އަދި އުޟްޙިޔާ ކަތިލުމުގެ ވަގުތު ނިމެނީ ޛުލްޙިއްޖާމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާއި އެކުގައެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމަށް ޢީދުދުވަހާއި އައްޔާމުއް ތަޝްރީގު ތިންދުވަސް ލިބެއެވެ.
އެންމެ މޮޅުއިތުރު ގޮތަކީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކު ވީހާވެސް އަވަހަކަށް ކަތިލުމެވެ. އަދި ޢީދު ދުވަހުގެ އެންމެ ފުރަތަމަ ކެއުމަކީ އުޟްޙިޔާ އިން ކާކެއުން ކަމުގައި ހެދުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތަކީ މިއީއެވެ.
روى أحمد (22475) عن بُرَيْدَةَ رضي الله عنه قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ ، وَلا يَأْكُلُ يَوْمَ الأَضْحَى حَتَّى يَرْجِعَ ، فَيَأْكُلَ مِنْ أُضْحِيَّتِهِ .
ބުރައިދާ ރަޟިޔަﷲ ޢަންހު-ގެ ކިބައިން އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ފިޠުރު ޢީދު ދުވަހު އެއްޗެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޢީދުނަމާދަށް ނިކުމެވަޑައި ނުގަންނަވައެވެ. އަދި އަޟްޙާ ޢީދު ދުވަހު ޢީދުނަމާދުން އަވަދިވެ ވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާ އިން މެނުވީ ފަރީއްނުކުޅުއްވައެވެ". والله أعلم.
އުޟްޙިޔާގެ ޝަރްޠުތައް:
އަޅުގަޑުގެ އަމިއްލަ ނަފްސަށާއި ދަރިންގެ މަތިން އުޟްޙިޔާ ކަތިލުމަށް ގަޞްދުކޮށްފީމެވެ. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހުންނަން ޖެހޭ ވަކި ޞިފަތަކެއް ވޭތޯއެވެ؟ ނޫންނަމަ ކޮންމެ ކަހަލަ ބަކައްޓެއް ކަތިލިނަމަވެސް ފުދޭނެތޯއެވެ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހަޝަރްޠެއް ހަމަވާން ޖެހޭނެއެވެ. އެއީ:
1. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރަކަށްވުން، ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!". ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ޖަމަލު، ގެރި އަދި ބަކަރިއެވެ.
2. ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޢުމުރު ހަމަވެފައިވާ ޖަނަވާރަކަށް ވުން، ޖަމަލެއްނަމަ އޭގެ ޢުމުރުން ފަސްއަހަރު ހަމަވެފައިވުން، ގެރިއެއްނަމަ ދެއަހަރު ހަމަވެފައިވުން، އަދި ކަންބަޅިއެއް ނަމަ އަހަރުވެފައިވުން، އަދި ޖިޒަޢެއް ނަމަ ބައި އަހަރު ހަމަވެފައިވުން،
3. ޢައިބުތަކުން ސަލާމަތްވެގެންވާ އެއްޗަކަށްވުން، މިގޮތުން އަންނަނިވި ޢައިބުތަކުން ސަލާމަތްވެފައިވާ އެއްޗަކަށްވާން ޖެހޭނެއެވެ.
ފުރަތަމަ: ފާޅުކޮށް އެނގޭވަރަށް އަވަރުވެފައިވާ އެއްޗަކަށް ނުވުން،
ދެވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރުގެ ބައްޔެއް ހުރި އެއްޗަކަށް ނުވުން.
ތިންވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރަށް ކޮރުއެއްޗަކަށް ނުވުން.
ހަތަރުވަނަ: ބުއްދި ފިލައިގޮސްފައިވާ އެއްޗަކަށް ނުވުން.
ފަސްވަނަ: ލޯކަނު އެއްޗަކަށް ނުވުން،
ހަވަނަ: އަލްމަބްޝޫމާ
ހަތްވަނަ: ވިހަން ދަތިވެފައިވާ އެއްޗަކަށް ނުވުން،
އަށްވަނަ: ތަނަކުން ވެއްޓި މަރަށް ތައްޔާރުވެފައިވާ އެއްޗަކަށް ނުވުން.
ނުވަވަނަ: ދެއަތުންކުރެ އަތެއް ނުވަތަ ދެފައިން ކުރެ ފަޔެއް ބުރިވެފައިވާ އެއްޗަކަށް ނުވުން.
ދިހަވަނަ: ޢުމުރުން ދުވަސްވުމުގެ ސަބަބުން ހިނގައިގަތުމަށް އުނދަގޫވެފައިވާ އެއްޗަކަށް ނުވުން.
4. ކަތިލެވޭ އެއްޗަކީ އުޟްޙިޔާ ކަތިލާ މީހާގެ މިލްކަކަށްވުން. ނޫންނަމަ ވެރިމީހާގެ އިޛްނަ ލިބިގެން ކަތިލެވޭ އެއްޗަކަށްވުން،
5. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެތީގައި އެހެންމީހެއްގެ ޙައްގެއް އެކުލެވިފައިނުވުން، މީހަކު ރަހުނެއްގެ ގޮތުގައި ޙަވާލުކޮށްފައިވާ ނަޢަމް ސޫތްޕަކުން އުޟްޙިޔާ އެއް ކަތިނުލެވޭނެއެވެ.
6. ޝަރީޢަތުގައި ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުން. والله أعلم.
ކުރީއަހަރުތަކުގައި ނުކަތިލާ ހުރި އުޟްޙިޔާ
ކުރީގެ އަހަރުތަކުގައި ތަނަވަސްކަން ހުރެމެ އުޟްޙިޔާ ނުކަތިލާ ވަނީ ދޫކޮށްލެވިފައެވެ. ވީމާ، އެއަހަރުތަކުގެ އުޟްޙިޔާ އަލުން ކަތިލަން ޖެހޭނެތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާ އަކީ ވާޖިބެއްތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއް އެބަހުއްޓެވެ. ރާޖިޙް ގޮތަކީ އެއީ ވާޖިބެއް ނޫންކަމެވެ. އަދިކިއެއްތަ، ގަދަވެގެންވާ ސުންނަތެއް ކަމެވެ. އެހެންކަމުން، އުޟްޙިޔާ ނުކަތިލާ ދޫކޮށްލިނަމަވެސް އެމީހަކު އޭގެ ސަބަބުން ފާފަވެރިނުވާނެކަމެވެ.
އުޟްޙިޔާ ކަތިލުމުގެ ކުޅަދާނަކަން ހުރެމެ ނުކަތިލާ ދޫކޮށްލިމީހާ ބޮޑުވެގެންވާ ހެޔޮކަމާއި ދަރުމަ އަކުން މަޙްރޫމުވެގެންފިއެވެ. އުޟްޙިޔާ ކަތިލުމުން ލިބޭނޭ ދަރުމަ އާއި ޘަވާބު ގެއްލުވާލައިފިއެވެ. ނަމަވެސް، އޭގެ ސަބަބުން އޭނާ ފާފަވެރިވެ، ފާއިތުވީ އަހަރުތަކުގައި ނުކަތިލާ ހުރި އުޟްޙިޔާތައް ގަޟާކުރާކަށް ނުވަތަ އެކަމުގެ ބަދަލުގައި ކައްފާރާ އެއް ދޭކަށް ނުޖެހޭނެއެވެ. ސަބަބަކީ އުޟްޙިޔާ ކަތިލުމަކީ ސުންނަތެކެވެ. އެސުންނަތް އަދާކުރަން ޖެހޭ ވަގުތު ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް، އުޟްޙިޔާ ކަތިލުމަށް ނަދުރު ބުނެފައިވާނަމަ އެނަދުރު ފުއްދުމުގެ ގޮތުން ކަތިލަން ޖެހޭނެއެވެ. والله أعلم.
އަދި ނުނިމޭ
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް